Roadha Mihaaru
"ޓެކްނޮލޮޖީ މިނިސްޓްރީއަކީ ވަޅުދިޔަ ހިއްކާ ތަނެއް"

ބޮންޑޭގެ ރައްދު މަލީހަށް: ޓެކްނޮލޮޖީ މިނިސްޓްރީއަކީ ވަޅުދިޔަ ހިއްކާ ތަނެއް

21 އޮކްޓޯބަރ 2020

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަކީ ވަޅު ދިޔަ ހިއްކާ ތަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ރަޝީދު (ބޮންޑޭ) މިއަދު ސިފަ ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަކީ ވަޅު ދިޔަ ހިއްކާ ތަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ރަޝީދު (ބޮންޑޭ) މިއަދު ސިފަ ކުރައްވައިފި އެވެ.

އިންޓަނެޓް އަގުހެޔޮ ކުރަން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، ބޮންޑޭ މަޖިލީހުގައި އިއްޔެ ފާޑު ވިދާޅުވުމުން މަލީހު ވަނީ އެކަމަށް ރޭ ރައްދު ދެއްވައިފަ އެވެ. މަލީހު ވިދާޅުވެފައިވަނީ ސަރުކާރުން އެކުލަވައިލި ސްޓްރެޓަޖިކް އެކްޝަންސް ޕްލޭން (އެސްއޭޕީ) އާ އެއްގޮތަށް މަސައްކަތްތައް ހިިނގަމުންދާ ކަމަށާއި އެކަން ބޮންޑޭ އަށް އެނގިވަޑައިނުގަންނަވާ ނަމަ، އިސްތިއުފާ ދެއްވަން ޖެހޭނީ ބޮންޑޭ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިިލީހަށް ހުށަހަޅާފައިވާ އޮންލައިން ޕޭމަންޓް ސިސްޓަމްގެ ބިލަށް މިއަދު ބަހުސް ކުރައްވަމުން ބޮންޑޭ ވެސް މަލީހުގެ ރޭގެ ވާހަކަތަކަށް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ، އޮންލައިން ޕޭމަންޓްތަކަށް ރައްކާތެރިކަން ދެވޭނީ ސައިބާ ސެކިއުރިޓީ ގާނޫނާއި ޑޭޓާ ރައްކާތެރި ކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނެސްގެން ކަމަށެވެ. އެހެންވެ، "ވަޅު ދިޔަ ހިއްކާ މިނިސްޓްރީން" އެ ބިލްތައް މަޖިިލީހަށް ފޮނުވައިދޭން އެދިވަޑައިގަންނަވާ ކަމަށާއި އެ ބިލްތައް ނެތުމުން ރައްކާތެެރިކަމެއް ނެތް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"ރައްޔިތުން މި ތިބީ ފައިސާ އަށް ޖެހިފައި، ރައްޔިތުން މި ތިބީ ވިޔަފާރި ނުކުރެވިފައި. ތިބިއިރު ވަޅަށް އެރިތޯ އޮންނަންވީ؟. ސައިބާ ސެކިއުރިޓީ އެކްޓެއް ނެތް. ޑޭޓާ ޕްރައިވެސީ އެކްޓެއް ނެތް. ބޭންކްތަކާ އެތަން މިތަނުން ލީކުވަނީ،" މަލީހު ވަޅުދިޔަ ހިއްކަން އެރި ވަޑައިގެން އޮންނެވި ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމު ކުރެއްވުމުން އެކަމަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވި އެވެ.

"ވަޅުދިޔަ ހިއްކާ" މިނިސްޓްރީއެއް ރާއްޖޭގައި ނެތް ކަމަށާއި އެހެންވެ، މިނިސްޓްރީ އަށް ކިޔާ އަސްލު ނަން ވިދާޅުވުމަށް ރިޔާސަތުގައި އެވަގުތު އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެދިވަޑައިގަތެވެ. އެކަމަކު ބޮންޑޭ ވިދާޅުވީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ފަދަ ތަންތަން އޭނާއަށް ސިފަވަނީ ވަޅު ދިޔަ ހިއްކާ ތަންތަނުގެ ގޮތުގައި ކަމަށާއި އެ ނޫން ގޮތަކަށް ސިފަނުވާ ކަމަށެވެ.

"ކޮން މިނިސްޓްރީއެކޭތޯ އަޅުގަނޑު ކިޔާނީ. އަޅުގަނޑަކަށް ނޭނގޭ. އެންސީއައިޓީ އާއި މި ތަންތަނަކީ ވަޅުދިޔަ ހިއްކާ ތަންތަނުގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ މިހާރު،" ބޮންޑޭ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމުގައި ހުންނެވި މަލީހަށް ބޮންޑޭ ފާޑު ވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ މެމްބަރުންތަކެއް އިއްޔެ މަޖިލީހަށް ވައްދާފައި ވަނިކޮށް އޭނާ ވަނީ ރޭ އިސްތިއުފާ ދެއްވައިފަ އެވެ.