Roadha Mihaaru
ލިޔުންތައް ނައްތާލާތީ ބައެއް މެމްބަރުންގެ ކަންބޮޑުވުން!

ސަރުކާރުގެ ބައެއް އިދާރާތަކުގެ ލިޔެކިޔުންތައް ނައްތާލާތީ ބައެއް މެމްބަރުންގެ ކަންބޮޑުވުން!

23 އޮކްޓޯބަރ 2023

ވެރިކަން ބަދަލުވުމުގެ މަރުހަލާ ތެރޭގައި ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ވެރިކަން ބަދަލުވުމުގެ މަރުހަލާ ތެރޭގައި ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ މެމްބަރުންގެ ކަންބޮޑުވުން މި އައީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯއެއް އެ ކުންފުނީގެ މުވައްޒަފަކު ސޯޝަލް މީޑިޔާގައި އާންމުކޮށްފައި ވަނިކޮށެވެ.

އެ މަންޒަރުތައް ވީޑިއޯކޮށް، އެ އާންމުކުރި މީޓަރު ޓެކްނީޝަން އަހުމަދު އަނީސް އިއްޔެ އިން ފެށިގެން ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދިޔުން ހުއްޓުވުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ލިޔެކިޔުންތައް ނައްތާލަމުންދާ ކަމުގެ އަޑުތައް އިވެމުންދާ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް ޑޮކިއުމަންޓެއް ޓްރާންސިޝަނަލް ޕީރިއަޑްގެ ތެރޭގައި ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން. ނައްތާލައިގެން ވެސް ނުވާނެ،" އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބެލޭނެ ގޮތަށް އެފަދަ ހުރިހާ ލިޔެކިޔުމެއް ހުންނަންޖެހޭނެ ކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި ހުންނަ ލިޔެކިޔުންތަކަކީ އަމާނާތްތެރިކަމާ އެކު ރައްކާތެރި ކުރަންޖެހޭ ތަކެއްޗެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހިންގަން ދައުލަތުގެ ބަޖެޓުން ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވާ އިރު، އެކަމަށް ޖަވާބުދާރީވުމުގެ ބަދަލުގައި މިހާރު މި އަޑު އިވެނީ ލިޔުންތައް ނައްތާލައި ވާހަކަ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

"އަޅުގަނޑުމެން ފޮނުވި ސިޓީތަކަށް ވެސް ޖަވާބުދާރީ ނުވެ، ކޮންކްރީޓު މެޝިނަކަށް އަޅައި ފެނާ އެއްކޮށް ސިމެންތި އަޅައި ގަށާލީ. މިއީ ޖަވާބުދާރީވާ ގޮތް،" ބޮންޑޭ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި، މިއީ ދައުލަތުގެ ހިސާބުކިތާބު ބަލަހައްޓައި ގޮތެއް ނޫން ކަމަށާއި މީގެ ބޭނުމަކީ އެ ކުންފުނީގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަން ފޮރުވުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެފްއެސްއެމް އިން ލިޔުންތައް ނައްތާލައި ކަން ރިޕޯޓުކުރި މުވައްޒަފު ވެސް ސަސްޕެންޑު ކޮށްފައިވާ ކަން ބޮންޑޭ ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި މިހާތަނަށް އެފްއެސްއެމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.