Roadha Mihaaru
ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވުން ނާކާމިޔާބުކޮށްލައިފި

ޖިއްދާގެ ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވަން އުޅުނު ހާދިސާ ސައުދީން ނާކާމިޔާބުކޮށްލައިފި

31 އޮކްޓޯބަރ 2016

ޖިއްދާ (އޮކްޓޯބަރު 31) - ހުޅަނގުގެ ޖިއްދާގައި މި މަހު ކުޅެން އޮތް ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވަން އުޅުނު ހާދިސާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖިއްދާ (އޮކްޓޯބަރު 31) - ހުޅަނގުގެ ޖިއްދާގައި މި މަހު ކުޅެން އޮތް ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވަން އުޅުނު ހާދިސާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހަނގުރާމަވެރިން ބޮން ގޮއްވަން އުޅުނީ ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އާއި ޔޫއޭއީ މި މަހު 8 ވަނަ ދުވަހު ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގަ އެވެ. ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ސްޓޭޑިއަމަށް ދޭން އުޅުނީ ކާރު ބޮމުގެ ހަމަލާއެއް ކަމަށެވެ. އަދި ވެރިރަށް ރިޔާޒްއާ ކައިރިން ސެކިއުރިޓީ އޮފިޝަލުންތަކެއް މަރާލަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. މި ހަމަލާތަކާ ގުޅޭ ގޮތުން ޝައްކުކުރެވޭ އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ ތެރޭގައި ސައުދީގެ ބައެއް މީހުންނާއި ޕާކިސްތާނުގެ ދެ މީހުންނާއި ސީރިއާ މީހަކާއި ސޫދާނު މީހެއް ހިމެނޭ ކަމަށް ސައުދީގެ ދާޚިލީ ވުޒާރާ އިން ބުނެފައިވެ އެވެ.

އިރުމަތީގެ ދައްމާމާއި ގާތިފްގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހުންގެ ލިސްޓެއް ވެސް ދާޚިލީ ވުޒާރާ އިން ވަނީ އާއްމުކޮށްފަ އެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ސައުދީ އަށް ވަނީ އައިއެސްގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިދިޔަ ޖުލައި މަހު ވަނީ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ ބޭރުގައި ޓެރަރިސްޓް ހަމަލާއެއްދީ ސަލާމަތީ ހަތަރު އޮފިޝަލުން މަރާލައިފަ އެވެ. އަދި މިދިޔަ ޖޫން މަހު ސައުދީ އަށް 26 ޓެރަރިސްޓް ހަމަލާދީފައިވާ ކަމަށް ވެސް ދާޚިލީ ވުޒާރާ އިން ވަނީ ބުނެފަ އެވެ.