Roadha Mihaaru
ހަތް މަހަށް ފަހު ޣިޔާސުއްދީންގެ ދަރިވަރުން ސްކޫލަށް

ހަތް މަހަށް ފަހު ޣިޔާސުއްދީންގެ ދަރިވަރުން ސްކޫލަށް

19 އޮކްޓޯބަރ 2020

ކޮވިޑް-19އާ ގުޅިގެން ސްކޫލް ބަންދުކުރިތާ ހަތް މަސް ފަހުން މިއަދު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ފުރަތަމަ ފަހަރަށް ކްލާސްތަކަށް ހާޒިރުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19އާ ގުޅިގެން ސްކޫލް ބަންދުކުރިތާ ހަތް މަސް ފަހުން މިއަދު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ފުރަތަމަ ފަހަރަށް ކްލާސްތަކަށް ހާޒިރުވެއްޖެ އެވެ.

މާލެ ސަރަހައްދުގެ ސްކޫލްތައް، މާޗު މަހު ބަންދުކޮށް ޖުލައި މަހު 9-12ގެ ދަރިވަރުން ސްކޫލަށް ގެންދަން ފެށި އިރު ވެސް ޣިޔާސުއްދީން ސްކޫލުން ކިޔެވުން ބޭއްވީ އޮންލައިންކޮށެވެ. އަދި މާލޭގައި ކޮވިޑް ކޭސްތައް ގިނަވާން ފެށުމުން އަލުން ބަންދުކޮށް، މި މަހު 2 ގައި އަނެއްކާ ސްކޫލްތައް ހުޅުވައިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔަ ނަމަވެސް ޣިޔާސުއްދީން ސްކޫލަށް ދަރިވަރުން ގެންގޮސްފައެއް ނުވެ އެވެ.

މާލޭގައި ހިންގާ ޕްރައިވެޓް އަނެއް ސްކޫލް ކަމަށްވާ ބިލަބޮންގުން ދަރިވަރުން ސްކޫލަށް ގެންދަނީ ބައެއް އިމްތިހާނުތަކުގެ އަމަލީ ބައިގެ ކަންކަން ފުރިހަމަކުރުމަށެވެ. އެގޮތުން މިހާތަނަށް ދެ ފަހަރަކަށް މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސްފައިވާ ކަމަށް، ބިލަބޮންގްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޣިޔާސުއްދީންގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފެށީ ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނަށް ކަމަށެވެ. އެ ސްކޫލް ވެސް ހުޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްގެން ކަމަށް، މި އަހަރު ޣިޔާސުއްދީނާ ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލް ވިދާޅުވި އެވެ.

"ސްކޫލް ތެރޭގައި އެއްފަހަރާ ދެ ގްރޭޑެއްގެ ދަރިވަރުންނެއް ނޫޅޭނެ. މިސާލަކަށް މިއަދު ހެނދުނު ނުވައެއް ޖެހިއިރު އަޅުގަނޑުމެން މި ފެށީ. ދެން އެ ގަޑީގައި އަންނަ ކުދިން ގާތްގަނޑަކަށް 12 ޖަހަންދެން އުޅޭނީ،" މުސްތަފާ ވިދާޅުވި އެވެ.

"ހަފްތާގެ ކޮންމެ ދުވަހަކު ހުރިހާ ގްރޭޑެއްގެ ކުދިން އަންނާކަށް ވެސް ނުޖެހޭނެ. ގްރޭޑްތައް އެކި ދުވަހަށް ބަހާލައިފައި އޮންނާނީ."

އޭނާ ވިދާޅުވި ގޮތުގައި މިހާރު ހަމަޖައްސާފައިވާ ގޮތުން ކޮންމެ ގްރޭޑަކުން ވެސް ގާތްގަނޑަކަށް ތިން ގަޑި އިރު ވަރު ސްކޫލުގައި ހޭދަކުރާނެ އެވެ.

މެނޭޖްމަންޓުން ހީކުރި ވަރަށް ވުރެ މިއަދުގެ އެޓެންޑެންސް ރަނގަޅު ކަމަށް، މުސްތަފާ ވިދާޅުވި އެވެ. އެގޮތުން ކިޔެވުން ކުރިއަށް ގެންދާ ގްރޭޑްތަކުގެ 97 ޕަސެންޓް ދަރިވަރުން ހާޒިރުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލްގެ ދަރިވަރަކު ސްކޫލަށް ވަންނަނީ: ޖުލައި މަހު ސަރުކާރު ސްކޫލްތައް ހުޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން

އިސްކަންދަރު ސްކޫލްގެ ދަރިވަރަކު ސްކޫލަށް ވަންނަނީ: ޖުލައި މަހު ސަރުކާރު ސްކޫލްތައް ހުޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން

ސްކޫލަށް ކުދިން ގެންގޮސްގެން ކިޔެވުން ފެށީ، މުސްތަފާ ވިދާޅުވި ގޮތުގައި، ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށަން އޮތް އިމްތިހާނުތަކަށް ވެސް އަމާޒުކޮށްގެންނެވެ. ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނަށް އިމްތިހާން އޮންނާނީ ސްކޫލްގަ އެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހެދި ސްކޫލަށް ހާޒިރުނުވެވޭ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް، މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަން ދެމިގެންދާ ގޮތަށް ބަލާއިރު، ދަރިވަރުން ސްކޫލަށް ގެނެސްގެން ކިޔަވައިދޭން ތައްޔާރުވާން ވެސް ޖެހޭ ކަމަށެވެ.

"އަންނަ އަހަރު ވެސް އަދި ކުރީގެ އެންމެ ނޯމަލް އަށް ދެވޭނެ ކަމަކަށް ލަފައެއް ނުކުރެވޭ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ދަރިވަރުން ވެސް މިކަމަށް ހާނަން. އަބަދު އޮންލައިން ކްލާސް ނެގުމަކީ ވެސް ހައްލެއް ނޫން،" މުސްތަފާ ވިދާޅުވި އެވެ.

"އެގްޒާމް ވެސް މި ބާއްވަނީ އެހެންވެ. އަންނަ އަހަރަށް ޕްލޭން ހަދާއިރު މިހާރު ދަރިވަރުންގެ ލެވަލް ހުރި ވަރު ބަލާފައި އަޅުގަނޑުމެންނަށް ޕްލޭން ހަދައި ތައްޔާރުވެވޭނީ."

މާލޭގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް އަށެއްގެ ދަރިވަރުން މިއަދު ވަނީ ސްކޫލަށް ދާން ފަށައިފަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ ގޮތުން ނަމަ މި މަހު 25ގައި ގްރޭޑް ހަތެއްގެ ދަރިވަރުން ވެސް ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފަށާނެ އެވެ. އެކަމަކު ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން މި އަހަރު ކިޔަވައިދެވޭނެހާ ވަގުތު ނެތް ކަމަށް، އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.