Roadha Mihaaru
ތައުލީމާ ގުޅޭ ވެބިނާތަކެއް ޣިޔާސުއްދީނުން ފަށައިފި

ތައުލީމާ ގުޅޭ ވެބިނާތަކެއް ޣިޔާސުއްދީން ސްކޫލުން ފަށައިފި

01 ޖުލައި 2020

ތައުލީމީ ދާއިރާއާ ގުޅޭ މުހިއްމު ވެބިނާތަކެއް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމީ ދާއިރާއާ ގުޅޭ މުހިއްމު ވެބިނާތަކެއް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފަށައިފި އެވެ.

އެ ސްކޫލު ހިންގާ ޝްރީ އެޑިއުކެއާ ގުޅިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ވެބިނާ ކުރިއަށްގެންދަނީ ތަފާތު ނުވަ މައުލޫއަކަށެވެ. އޭގެ ތެރޭގައި، ކުޑަކުދިންގެ ކިޔެވުމަށް މާލީ ޕްލޭންތަކާއި އިންކްލޫސިވް އެޑިއުކޭޝަނާއި ޑީޕް ލާނިން ފަދަ މައުލޫތައް ހިމެނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފުރަތަމަ ވެބިނާ ހާއްސަކުރީ ދަރިންގެ ތައުލީމަށް މާލީ ޕްލޭންތައް ހެދުމާ ގުޅޭގޮތުންނެވެ. މާލީ ތަޖުރިބާކާރު، ދިލްޕްރީތު ސިންގް ވަނީ ދަރިވަރުންގެ ތައުލީމީ މުސްތަގުބަލް ރާވާލުމަށް ބެލެނިވެރިން ކުރާނެ ކަންކަން ރައްކާކުރާނެ ފައިސާގެ އަދަދު ކަނޑައެޅުމާއި އިންވެސްޓް ކުރާނެ ގޮތްތަކާއި އިންވެސްޓްމަންޓް ގެއްލުން ނުވާނެ ގޮތަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވައި، ދިލްޕްރީތު ވިދާޅުވީ މަތީ ސާނަވީ އަށް ވަންނަ ދަރިވަރުންގެ އަދަދު ނިސްބަތުން ދަށަށް ގޮސްފައިވާ ކަމަށެވެ. މީގެ ފަސް އަހަރު ކުރިން، 2015 ގައި މަތީ ސާނަވީ އަށް ވަދެފައި ވަނީ 38 ޕަސެންޓް ކުދިންނެވެ. އެ އަދަދު ދަށްވެ 2017 ވަނަ އަހަރު ގްރޭޑު 10 ގައި 5660 ދަރިވަރުން ކިޔެވި ނަމަވެސް ޖެހިގެން އައި އަހަރު މަތީ ސާނަވީ އަށް ވަދެފައިވަނީ 35 ޕަސެންޓް ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާނެ ގޮތާއި ހިޔާރުކުރާނެ ދާއިރާއެއް ކަނޑައެޅުމުގައި ސްކޫލުތަކުގެ ދައުރު ބޮޑު ކަމަށެވެ. ވަރަށް ގިނަ ދަރިވަރުން ސްކޫލު ނިމޭއިރު އިރު ވެސް ވަކި ދާއިރާއެއް ކަނޑަނޭޅޭތީ ދަރިވަރުންނަށް ކެރިއަ ކައުންސެލިން ދިނުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ދިލްޕްރީތަކީ، އިންޑިއާގެ މަޝްހޫރު ބައެއް ކުންފުނިތަކަށް މާލީ ލަފާ ދެއްވާ ބޭފުޅެކެވެ.

އޭގެ ދެ ވަނަ ވެބިނާ މިއަދު ބާއްވާނެ އެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. ނިޝާން އަދި ސްޕެޝަލް އެޑިއުކޭޓަ ޝެމީ ބެނާޖީ ކުރިއަށް ގެންދަވާގެ ވެބިނާގެ މައުލޫއަކީ ޕެންޑަމިކްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިމާވެދާނެ ގޮންޖެހުންތަކާއި އޭގެ ހައްލުތަކަށެވެ.