18 އޮކްޓޯބަރ 2020
ރާއްޖެ، ބައިނަލްއަގުވާމީ އާއިލާއާ ގުޅުން ބަދަހިކުރަމުން އަންނާނީ މިނިވަންކަމާއި ސިޔާދަތު ނުގެއްލޭ ގޮތަށް ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.
ރާއްޖެ، ބައިނަލްއަގުވާމީ އާއިލާއާ ގުޅުން ބަދަހިކުރަމުން އަންނާނީ މިނިވަންކަމާއި ސިޔާދަތު ނުގެއްލޭ ގޮތަށް ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.
ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރަން، އުތީމު ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގެ ހަނދާން އާކުރާ، ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ޚިތޯބުގައި ވިދާޅުވީ ގައުމުތަކާ އެކު ގުޅުން ހަރުދަނާކުރަމުން އަންނަނީ މުހިއްމު ދެ ކަމެއް ކަށަވަރު ކުރައްވަމުން ކަމަށެވެ. އެއް ކަމަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން ކަމަށާއި ދެ ވަނަ ކަމަކީ އެ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާވުން ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް ވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާ އެކު ކުރިމަގުގައި ވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.
މި ޔަގީންކަން ރައްޔިތުންނަށް ރައީސް މި ދެއްވީ މި ވެރިކަން ފެށުމާ ހަމައިން، އަވަށްޓެރި އިންޑިއާއާ އޮންނަ ގުޅުން ބަދަހިކޮށް، މަޝްރޫއުތަކާއި އެހެނިހެން ގޮތްގޮތުން ރާއްޖޭގެ މިނިވަންކަން ގެއްލޭ މިންވަރަށް ނުފޫޒު ފޯރުވުމުގެ ޖާގަ ދީފައިވާ ކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުން ދަނިކޮށެވެ. އިންޑިއާ އިން ރާއްޖެ އަޅުވެތިކުރުން ދެކޮޅުކަމުގެ ޝުއޫރުތަކާ އެކު މާލެ އާއި ރަށްތަކުގައި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ. އޭގެ އިތުރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމުގެ ކަންބޮޑުވުން ވެސް އަންނަނީ ފާޅުކުރަމުންނެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި މި ވެރިކަން ފެށުނުއިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރިވެފަ އެވެ. އޭގެ ސަބަބުން ރާއްޖެ އާއި ރައްޔިތުންނަށް ލިބެން ހުރި އެތައް މަންފާތަކަކާއި އެތައް އެހީއަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެކަން ބަދަލުވެ، ޚާރިޖީ ގުޅުންތައް އަންނަނީ ބަދަހިވަމުން ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށާލިއިރު އޭގެ ފައިދާ ދިވެހިންނަށް ލިބުނު ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖުތަމައާ ދެމެދު އޮތް ބަދަހި ގުޅުން. ކޮވިޑް-19އާ ދެކޮޅަށް މި ކުރާ މަސައްކަތުގައި، ފަންނީ ގޮތުންނާއި މާލީ ގޮތުން ވެސް ބައިނަލްއަގުވާމީ މުޖުތަމައުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން،" ރައީސް ވިދާޅުވި އެވެ.
ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރިތާ 15 އަހަރާއި ހަ މަސް ވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޖިހާދުން ރާއްޖެ މިނިވަންކޮށްދިނުމާ އެކު ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މަތިވެރި ސިފައަކީ މިނިވަން، މުސްތަގިއްލު ގައުމެއްގެ ގޮތުގައި، އޮތުން ކަމަށް ވިދާޅުވި އެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ކުރިއަަރަމުން ދަނީ މިނިވަންވަންކަމުގެ ނިއުމަތާ އެކުގައި ކަމަށް ވިދާޅުވި އެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
"މިއަދު ވެސް އަޅުގަނޑަށް ލިބޭ އެންމެ މަތިވެރި އުފަލަކީ، އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި ގައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާއުގައި ފުރާނަޔާއި ލެއިން ގުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް މި ގައުމުގައި ސާބިތުވެ އޮތްކަން. މިއީ ހަމަ ކޮންމެ ދިވެއްސަކުމެ ފަޚުރުވެރިވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހިންގެ ގައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ ޅަ ދަރިންނާއި ޒުވާނުންގެ ހިތްތަކުގައި ގައުމިއްޔަތުގެ ސިފަތަކަށް ހާއްސަ ލޯތްބަކާއި ގަދަރެއް އުފެދިގެންނެވެ. އެހެންކަމުން، ގައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއްކަން ހަނދާންކޮށްދެއްވި އެވެ.
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ހަމަޖެހުން ހޯދައިދީ ގިނަ މަސައްކަތް ކުރެވިއްޖެ: ރައީސް
ނަޝީދުއާ އޮތް ހިޔާލުތަފާތުވުމަކީ މި މަގާމުގައި ހުރުން
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
ޝަރަފުވެރިކަމުގެ އިނާމު 10 ބޭފުޅަކަށް އަރުވައިފި
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
ޝަހީބާއި އަލިދީ ސަފީރުކަމަށް އައްޔަންކޮށްފި
"ޖަޒީރާ ދިރިއުޅުމުން ގައުމިއްޔަތު އަލުން ހޯދައިދޭނަން"
އެމެރިކާގެ ސަފީރަކަށް ޣަފޫރު ހަމަޖައްސަވައިފި
"އިންޑިއާ ފަސްޓް ޕޮލިސީ" ދަމަހައްޓާނަން: ރައީސް