Roadha Mihaaru

ކެއިރާ ނައިޓްލީގެ ދިފާއުގައި ބައެއް ޑައިރެކްޓަރުން ނިކުމެއްޖެ

ދެ ފަހަރެއްގެ މަތިން އޮސްކާ އަށް ނޮމިނޭޓްވެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެއިރާ ނައިޓްލީއަކީ އެކްޓް ކުރަން ނޭނގޭ "ސްޕަމޮޑެލްއެއް" ކަމަށް ބުނެ ޑައިރެކްޓަރު ޖޯން ކާނީ ދެއްކި ވާހަކަތަކާ ގުޅިގެން، ކެއިރާ އާ އެކު މަސައްކަތްކޮށްފައިވާ ބައެއް ޑައިރެކްޓަރުން އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

ކެއިރާ ނައިޓްލީގެ ދިފާއުގައި ބައެއް ޑައިރެކްޓަރުން
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

02 ޖޫން 2016

ދެ ފަހަރެއްގެ މަތިން އޮސްކާ އަށް ނޮމިނޭޓްވެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެއިރާ ނައިޓްލީއަކީ އެކްޓް ކުރަން ނޭނގޭ "ސްޕަމޮޑެލްއެއް" ކަމަށް ބުނެ ޑައިރެކްޓަރު ޖޯން ކާނީ ދެއްކި ވާހަކަތަކާ ގުޅިގެން، ކެއިރާ އާ އެކު މަސައްކަތްކޮށްފައިވާ ބައެއް ޑައިރެކްޓަރުން އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

ކާނީ ބުނި ގޮތުގައި އޭނާ 2014 ގައި ކެއިރާ އާއި މާކް ރަފެއްލޯ ލީޑް ރޯލަށް ލައިގެން ހެދި "ބިގިން އެގެއިން" އަށް އުންމީދު ކުރި ވަރުގެ ތަރުހީބެއް ނުލިބުނީ ކެއިރާ ފިލްމުގައި ދައްކުވައި ދިން ދަށް އެކްޓިން އާ ހެދި އެވެ.

އެހެންވެ އޭނާ ވަނީ ކެއިރާ އަކީ ބަތަލާއެއް ނޫން ކަމަށާއި އެއީ ސްޕަމޮޑެލްއެއް ކަމަށް ބުނެ، އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ކާނީގެ މި ވާހަކަތަކާ ގުޅިގެން ކެއިރާ އާ އެކު 2010 ގައި "ނެވަ ލެޓް މީ ގޯ" ހެދި ޑައިރެކްޓަރު މާކް ރޮމަނެކް ބުނީ އޭނާ ކެއިރާ އާ އެކު ކުރީ ވަރަށް ސަޅި ތަޖުރިބާއެއް ކަމަށެވެ.

ޑައިރެކްޓަރު މާކްގެ ޓްވީޓް

"ހުރިހާ ގޮތަކުން ވެސް ކެއިރާ އާ އެކު އަހަންނަށް ކުރެވުނީ ވަރަށް ހިތްގައިމު ތަޖުރިބާއެއް. އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ އޭނަ [ކާނީ] އެ ކިޔާ އެއްޗެއް،" މާކް ކުރި ޓްވީޓެއްގައި ބުންޏެވެ.

ޑައިރެކްޓަރު ލީން ޝެލްޓަން ބުނީ ކެއިރާއަކީ "މަތިން ފެށިގެން ތިރިއަށް ފުރިހަމަ ބަތަލާއެއް" ކަމަށެވެ. އޭނާ 2014 ގައި ޑައިރެކްޓް ކުރި "ލެގީސް" ގެ ބަތަލާއަކީ ކެއިރާ އެވެ.

ޑައިރެކްޓަރު ލީންގެ ޓްވީޓް

އެއްތިރީސް އަހަރުގެ ބަތަލާ އާ އެކު "ސީކިން އަ ފްރެންޑް ފޮ ދި އެންޑް އޮފް ދަ ވޯލްޑް" 2012 ގައި ހެދި ޑައިރެކްޓަރު ލޮރެން ސްކަފާރިއާ ވެސް ބުނީ ކެއިރާއަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް ރަނގަޅު ބަތަލާއެއް ކަމަށެވެ.

"އޭނައަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ، މަސައްކަތަށް ކަމޭ ހިތައިގެން ރަނގަޅަށް މަސައްކަތް ކުރާ ބަތަލާއެއް،" ލޮރެން ބުންޏެވެ.

ލޮރެންގެ ޓްވީޓް

އަޔަލެންޑަށް އުފަން ކާނީ ވަނީ ކެއިރާ އަށް އިޝާރާތްކޮށް، ދެން ދުވަހަކު ވެސް ސްޕަމޮޑެލްއަކާ އެކު ފިލްމެއް ނަހަދާނެ ކަމަށް ބުނެފަ އެވެ.

ކެއިރާއަކީ 2006 ވަނަ އަހަރު ޕްރައިޑް އެންޑް ޕްރެޖްޑައިސް އަދި މިދިޔަ އަހަރު "ދި އިމިޓޭޝަން ގޭމް" އިން އޮސްކާ އަށް ނޮމިނޭޓްވި ބަތަލާއެކެވެ.

ކާނީ ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް ތަރިން ވެސް ވަނީ ކެއިރާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"އަހަރެން އަދި ކާނީ އާއި ކެއިރާ އާ އެކު ވެސް މަސައްކަތެއް ނުކުރަން. އެކަމަކު އިތުބާރު ނުކުރެވޭ ޑައިރެކްޓަރަކާ އެކު މަސައްކަތް ކުރުމަކީ އެކްޓަރަކަށް ވަރަށް އުނދަގޫ ކަމަށް ވާނީ،" ބަތަލާ މެލަނީ ލީންސްކީ ބުންޏެވެ.