Roadha Mihaaru
އަންހެން ކުދިންނަށް ދޭ އަނިޔާ ހުއްޓުވަން އިސްކަންދޭނަން

އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ހުރިހާ ކަމަކަށް އިސްކަންދޭނަން: ޖެންޑާ މިނިސްޓްރީ

11 އޮކްޓޯބަރ 2020

އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް، ޖެންޑާ މިނިސްޓްރީން މިއަަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް، ޖެންޑާ މިނިސްޓްރީން މިއަަދު ބުނެފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މައިގަނޑު މަސައްކަތް އަމާޒުވެފައިވަނީ އަންހެން ކުދިން އެ ކުދިންގެ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ހަރުދަނާކުރުމާއި ކޮންމެ ކުއްޖަކީ ވެސް ގާބިލްކަން ހުރި އަދި މާދަމާގެ އިސް މަގާމުތަކުގައި އެ ކުދިންގެ ނިސްބަތް އިތުރުކުރުމަށެވެ.

އެއާއެކު އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކަކީ އިސްކަންދީގެން ކުރާނެ ކަންތައްތައް ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހެއް ކަނޑައަޅާފައިވަނީ ޑިސެމްބަރު 19، 2011 ގަ އެވެ. އެ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުމެވެ. އޭގެ އިތުރުން އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި އެހެން ކުދިންނެކޭ އެއް ހަމައެއްގައި އެ ކުދިންނަށް ފުރުސަތު ހޯދައިދިނުމަކީ ވެސް އެއް ބޭނުމެވެ.

އަންހެން ކުދިން ބާރުވެރިކުރުވުމަށްޓަކައި ހާއްސަ މަސައްކަތެއް ކުރުމަށް އދ. އިން ކަނޑައަޅާފައިވަނީ ތަފާސް ހިސާބުތަކުން ވެސް ނަތީޖާގެ ހަމަހަމަކަން ވާސިލްވުމުގައި ގޮންޖެހުންތައް ހުރުމާއި މި ކަންތައްތަކަށް އިސްކަމެއް ދީގެން އިތުރު މަސައްކަތްތަކެއް ކުރުމަށެވެ.

އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "މައި ވޮއިސް: އަވަ އީކުއަލް ފިއުޗާ" އެވެ.

މިނިސްޓްރީން ބުނީ އެ ޝިއާރުގެ މަގުސަދަކީ އަންހެން ކުދިންގެ އަޑުއަހައި ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުހިއްމުކަމާއި ހެދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުސަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަކަމަށް ވާސިލްވާ ސިޔާސަތުތަކަށްވުމެވެ. އެއީ ޖެންޑާ އީކުއަލިޓީގެ ގާނޫނުން ވެސް އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ވެސް ބާރުއަޅާ ކަމެއް ކަމަށް ބުންޏެވެ.