Roadha Mihaaru
ފަޒްނާގެ ދިރިއުޅުމުގެ މިސާލުތަކުން އަންހެނެއްގެ ޒިންމާ

ފަސްޓް ލޭޑީގެ އަމިއްލަ ދިރިއުޅުމުގެ މިސާލުތަކުން އަންހެނެއްގެ ބުރަ ޒިންމާތައް!

23 މާޗް 2022

ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އަންހެނުން ކުރާ މަސައްކަތަކީ ކޮބައިތޯ އަހައިފި ނަމަ، އޭގެ ޖަވާބަކަށް ދެއްވާނެ ދިގު ލިސްޓެއް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ރޭ ކިޔައިދެއްވި އެވެ. އެ ދިގު ލިސްޓުގައި އޮތީ އެކި އުމުރުފުރާގެ އަންހެނުންނެެވެ. އަދި އެ މީހުންގެ ބިޒީ ދިރިއުޅުމާއި ބުރަބޮޑު ޒިންމާތަކެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް އަންހެނުން ކުރާ މަސައްކަތަކީ ކޮބައިތޯ އަހައިފި ނަމަ، އޭގެ ޖަވާބަކަށް ދެއްވާނެ ދިގު ލިސްޓެއް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ރޭ ކިޔައިދެއްވި އެވެ. އެ ދިގު ލިސްޓުގައި އޮތީ އެކި އުމުރުފުރާގެ އަންހެނުންނެެވެ. އަދި އެ މީހުންގެ ބިޒީ ދިރިއުޅުމާއި ބުރަބޮޑު ޒިންމާތަކެވެ.

"އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑުމެންގެ މަންމަ އާއި މާމަ އާއި މައިދަތަ އާއި ތުއްތަ އާއި އަޒިއްތަ އާއި ކާފަގެ މަންމަ އާއި ދައްތަ އާއި މިފަދަ އެތައް އަންހެނުންނެއް،" ފަޒްނާ ވިދާޅުވި އެވެ.

"ބޯކިބާ އަޅަމުން، ތެޔޮ ހާނަމުން، އެ ތަކެތި ވިއްކަމުން، ކެއިންބުއިމުގެ ކަންތައް ހަމަޖައްސަމުން، ދަރިން ތަރުބިއްޔަތުކުރަމުން، ކުރަމުން އަންނަ އެކި ބުރަ މަސައްކަތްތައް."

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޖެންޑާ މިނިސްޓްރީން ރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާއިން މިސާލު ނަންގަވާ، އަންހެނެއްގެ ބުރަ ޒިންމާތައް ކިޔައިދެއްވައިފަ އެވެ.

އެކަމަނާ ވިދާޅުވީ، ދަރިން ލިބުމުން ޒުވާން މައިންބަފައިނަށް ވެސް ވަޒީފާ އަށް ނުކުމެވެނީ އެ ކުދިންގެ މާމަ ނުވަތަ ދައްތަތައިން ގޭގައި ކުދިން ބަލައިދޭން ތިބޭތީ ކަމަށެވެ. ގޭގައި ތިބޭ މުސްކުޅި މައިންބަފައިންނާއި ނުކުޅެދުންތެެރިކަން ހުންނަ ދަރިފުޅު ވެސް ބަލައިދެނީ، އެމީހުންގެ މުޅި ރެއާއި ދުވާލަކީ އެއީ ކަމަށް ހަދައި، އެ މައްސަކަތަށް ގޭގައި ހާއްސަވެގެން ތިބޭ އަންހެނުން ކަމަށެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވަޑައިގެން، ރައީސް ޖެންޑާ މިނިސްޓާރު ޑރ. އައިޝަތު މުހައްމަދު ދީދީއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވަޑައިގެން، ރައީސް ޖެންޑާ މިނިސްޓާރު ޑރ. އައިޝަތު މުހައްމަދު ދީދީއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"އެ އަންހެނުންނާ ދިމާލަށް ތިހެން ވަޒީފާއެއް އަދާނުކޮށް ގޭގައި ތިބެން ވަރަށް އަރާމުދޯއޭ ބުނުމަކީ އޭނާ އަށް ރައްދުވާ ބޭއިންސާފު އަދި އެހާމެ އިހާނެތި ބަސްތަކެއް،" ފަޒްނާ ވިދާޅުވި އެވެ.

މުޖުތަމައުގައި އަންހެނުންނާ މެދު ހެޔޮ ވިސްނުން ގެންގުޅޭ އަދި ހަމަމަހަ ފުރުސަތުތައް އޮންނަ ޖެހޭ ކަމަށް ގަބޫލުކުރާ ފިރިހެނުން ނެތެކޭ ވެސް ދެންނެވެން ނެތް ކަމަށް ވިދާޅުވެ، އަމިއްލަ ދިރިއުޅުމުން މިސާލެއް ދެއްކެވި އެވެ.

"ހުދު އަޅުގަނޑުގެ ބައްޕަ އަކީ ވެސް، ފިރިމީހާ އަކީ ވެސް، އަޅުގަނޑަކީ އަންހެނަކަށް ވީތީ ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް ކަމެއް މަޖުބޫރުކުރާ ބައެއް ނޫން،" އެކަމަނާގެ ފިރިކަލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވިދާޅުވި އެވެ.

ދަރިއަކު ލިބިއްޖެ ނަމަ، ފިރިހެން މީހާ އަށް އެއްވެސް އުނދަގުލެއް ނެތި ވަޒީފާ އަދާކުރެވޭއިރު، އަންހެން މީހާ އަށް އެ ހާލަތުގައި އިހުތިޔާރު ވެސް ނެތުމަކީ އެކަމަނާ ސިފަކުރެއްވި ގޮތުގައި، އަންހެނުންނަށް ހަމަހަމަކަން ނެތުމެވެ.

"އެއް ދުވަހަކު މުދައްރިސެއް އަޅުގަނޑުގެ އޮފީހަށް ވަދެ ރޯން ފެށި. އެއީ އޭނާ ދެވަނަ ދަރިއަކަށް ބަލިވެއިނުމުން، ދެ ކުދިން ބަލަންޖެހުމުން ވަޒީފާއިން ވަކިވާން ޖެހޭނެކަން ޔަގީން ވާތީ. އޭނާ ސްކޫލުން ކެނޑެން ފިރިމީހާ އުއްމީދުކުރާތީ،" އިތުރު ތަޖުރިބާތައް ހިއްސާކުރެއްވި އެވެ.

"ގޭގެ ޒިންމާތަކުގައި އަންހެނުންނާއި ފިރިހެނުން ހިއްސާނުވާ ނަމަ، އަންހެން މީހާ އަށް މަސައްކަތަށް ނުކުމެވެނީ އޭނާ ގޭތެރޭގައި ކުރަން ހުންނަ މަސައްކަތްތައް ކުރުމަށް އެހެން މީހުން ލާފައި. ކިތައް އާއިލާއަށްތޯ މި އިހުތިޔާރު އޮންނާނީ؟"

ފިރިހެންނުން ގޭގެ ޒިންމާތަކުގައި ބައިވެރިވާ ނަމަ، ހަމަހަމަ ކަމަށް ހުރި އެ ކަހަލަ ހުރަސްތައް ނައްތާލެވި، އަންހެނުން އުފުލަން ޖެހޭ ބުރަ ވެސް ކުޑަކުރެވޭނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

އެކަމަނާ ތާޖުއްދީން ސްކޫލްގައި މަސައްކަތް ކުރެއްވި ދުވަސްވަރު، 2002 ނުވަތަ 2003 ވަނަ އަހަރު، އެ ސްކޫލްގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ސްކޫލްގެ ފަރާތުން ކަރުދާހެއް ތައްޔާރުކޮށް އެޑިއުކޭޝަން މިނިސްޓަރަށް ހުށަހެޅުއްވި އެވެ. އެ ކަރުދާހުގައި މުވައްޒަފުން އެދުނީ އިތުރު ގަޑިއަށް ވަޑައިގަންނަވާއިރު، ދަރިން ބެލެހެއްޓޭނެ ގޮތަށް އެއް ކްލާސްރޫމް ހަމަޖައްސައިދެއްވުމަށެވެ.

އެ ބޭފުޅުން ވަކާލާތުކުރެއްވި ކަމެއް، އޭގެ 20 އަހަރު ފަހުން، ހަގީގަތަށް ވުމުގެ ކޮޅުމަތި މި އަހަރު ބައެއް މުއައްސަސާތަކުން ފެންނަން ފަށާފައި ވާތީ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ވިހެއުމާ ގުޅިގެން ހަމަ މުސާރާ އެކު، އަންހެނުންނަށް ހަ މަހުގެ ޗުއްޓީ ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދެއްވުމުން އެކަމަށް ވެސް އެކަމަނާ ތައުރީފުކުރެއްވި އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވަނީ ސަރުކާރުން ކޮންމެ އަހަރަކު އަންހެނުންގެ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ "ރެހެންދި އެވޯޑް" ވެސް ދީފަ އެވެ. މި އަހަރު އެ އެވޯޑް ނުވަ ފަރާތަކަށް ލިބުނެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެ ދާއިރާއިން ރެހެންދި އެވޯޑް ލިބުނު ނަފީސާ އަލީއާ އެވޯޑް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެ ދާއިރާއިން ރެހެންދި އެވޯޑް ލިބުނު ނަފީސާ އަލީއާ އެވޯޑް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ރެެހެންދި އެވޯޑު ލިބުނު ފަރާތްތައް:

1. އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެ ދާއިރާ: ނަފީސާ އަލީ

2. ސިއްހީ ދާއިރާ: ޑރ. ފާތިމަތު މުފްލިހާ

3. ސިއްހީ ދާއިރާ: ލެފްޓިނެންޓް ފިރުޝާނާ ތައުފީގު

4. ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން: އިއްޒަތު އަހުމަދު ނިޒާރު

5. ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން: އައިޝަތު އިބްރާހިމް

6. އިޖުތިމާއީ ދާއިރާއިން: ދިމްނާ ފާކިރު

7. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ޝިމްލާ އަހުމަދު

8. އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރާއިން: ފާތިމަތު ޖަބީން

9. ވަޒީފާދޭ ފަރާތްތައް ނުވަތަ މުއައްސަސާތަކުގެ ދާއިރާއިން: އެމްޕީއެލް

އަންހެނުން ހާއްސަކޮށް ސަރުކާރުން ދޭ ރެހެންދި އެވޯޑް، 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ މުޖުތަމައު އާއި ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދޭ އަންހެނުންނަށެވެ.