Roadha Mihaaru
ފުޓްބޯޅަ ކޯޗުން ރައީސްއާ ބައްދަލުކުރަނީ

ކަންބޮޑުވުންތައް ހިފައިގެން ފުޓްބޯޅަ ކޯޗުން ރައީސްއާ ބައްދަލުކުރަނީ

03 އޮކްޓޯބަރ 2020

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިއްސާކުރެއްވުމުގެ މަސައްކަތްތަކެއް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ކޯޗުން ފަށައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އަށް ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހިއްސާކުރެއްވުމުގެ މަސައްކަތްތަކެއް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ކޯޗުން ފަށައިފި އެވެ.

ފުރަތަމަ ޑިވިޝަންގެ ކޯޗުން ވަނީ ރައީސް އަށް ހުށަހާޅާނެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފަ އެވެ. ފުޓްބޯޅަ އަށް މި ވަގުތު ދިމާވެފައިވާ ކަންތައްތަކަށް ހައްލެއް ހޯދުމަށްޓަކައި މިކުރެވޭ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދާއި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. މީގެ އިތުރުން ވެސް މި ކަމުގައި މިކަމުގައި ފުރަތަމަ ޑިވިޝަނުގެ އެހެން ކޯޗުން ވެސް ބައިވެރިވާން ވަނީ ނިންމައިފަ އެވެ.

އެނގިފައިވާ ގޮތުގައި ކޯޗުން މަސައްކަތް ކުރަމުން އަންނަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ރައީސްއާ ބައްދަލުކުރުމަށެވެ.

ކޯޗުން މަޝްވަރާކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ފުރަތަމަ ޑިވިޝަނުގެ ކޯޗުންނަށް ލިބެންޖެހޭ މުސާރަ ޔޫތު މިނިސްޓްރީގައި ބަޖެޓްކުރެވިފައިހުރި ނަމަވެސް އެ ފައިސާ ކޯޗުންނަށް ކޮންޓްރެކްޓާ އެއްގޮތަށް ނުލިބުމާއި ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ހަމަޖައްސާފައިވާ ސްޓިމިއުލަސް ޕެކޭޖްގެ ތެެރެއިން ފުޓްބޯޅައިގެ އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ލިބިފައިނުވުން ހިމެނެ އެވެ. އަދި ސިއްހީ މާހިރުންގެ ހުއްދަ ނުލިބޭތީ ފުޓްބޯޅަ ސީޒަން ފެށެން ނެތުމުން ފުޓްބޯޅައިން އާމްދަނީ ހޯދާ އެތައް އާއިލާއެއް މި ވަގުތު ބޮޑެތި ދަތިތައް ތަހައްމަލުކުރަން ޖެހިފައިވުމުން އެކަންބޮޑުވުން ވެސް ހިއްސާކުރަން ވަނީ ނިންމައިފަ އެވެ.

"މީގައި މި ބަލަނީ ހަމައެކަނި ކޯޗުންނަށް ނޫން. ކުޅުންތެރިންގެ ހައްގަށް ވެސް އެބަޖެހޭ ބަލަން. ގާތްގަނޑަކަށް ތިރީހަކަށް ސްޓާފުން ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގައި އެބަތިބި. އެހެންވީމަ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގައި މި އޮތް 300 އެއްހާ މީހުން ނޫނީ 300 އެއްހާ އާއިލާ އަށް މި އޮތީ މިކަމުން ލިބޭ އާމްދަނީ ހުއްޓިފައި. މިކަމަށް އެބަޖެހޭ ހައްލެއް ހޯދަން،" ކުރިން އއ. މާޅޮސް އާއި ށ. ފޯކައިދޫ އަށް ކޯޗުކޮށްދިން ނިސްތާރު ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ޕްރޯ ލައިސަންސް ކޯޗު ޝާޒްލީ ބުނީ ފެބްރުއަރީ މަހުން ފެށިގެން ފުޓްބޯޅަ މި އޮތީ ހުއްޓިފައި ކަމަށާއި މީގެ ސަބަބުން މި ލިބެމުން އަންނަ ގެއްލުމަށް ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމަށެވެ.

ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. ކުރިން ތާވަލުކޮށްފައި އޮތީ ޖޫން މަހު ފަށާށެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ފަސްކުރަން ޖެހުނީ އެވެ. ސީޒަން ފަށަން މިހާރު އޮތް ހުރަހަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނުލިބުމެވެ. އެފްއޭއެމުން އެންމެ ފަހުން "މިހާރަ"ށް ބުނީ އެޗްޕީއޭގެ ހުއްދަ ލިބުނުހާ އަވަހަކަށް ސީޒަން ފަށަން ކަނޑައެޅިފައިވާ ތާރީހުގައި ފަށާނެ ކަމަށެވެ.

މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ރާއްޖޭގެ ފުޓްބޯޅަ އަކީ ވެސް ޕްރޮފެޝަނަލްކޮށް ބަޔަކު ހުސްވެގެން އާމްދަނީ ހޯދަން ކުރާ މަސައްކަތެއްކަން ބަލައިގަނެގެން ނޫނީ ފުޓްބޯޅަ ކުރިއަށް ނުދާނެ ކަމަށެވެ.

"އެބަޖެހޭ މިއީ ބައެއްގެ ޕްރޮފެޝަންކަން ގަބޫލުކުރަން. އެންމެން ވެސް މި މަސައްކަތްކުރަނީ ކުޅިވަރު ކުރިއަރުވަން. އެހެންވީމަ މި މަސައްކަތުގެ ތެރެއިން އެބަ ބަަލައިގަންނަން ޖެހޭ މިއީ ޕްރޮފެޝަނަލްކޮށް ބަޔަކު ކުރާ މަސައްކަތެއްކަން. އެހެން ދާއިރާތަކުގެ މީހުންނަށް މަސައްކަތްކުރުމުގެ ހައްގު ލިބިފައިވާ ގޮތަށް އެބަޖެހޭ ފުޓްބޯޅައިގެ މީހުންގެ ވެސް އަޑުއަހަން،" ނިޒާމްބެ ބުންޏެވެ.

ސަރަހައްދުގެ އެހެން ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު ރާއްޖެ އަށް ވުރެ ގޯސް ނަމަވެސް ފުޓްބޯޅަ ސީޒަން ފަށަން ފުރުސަތު ދީފައިވާ ކަމަށާއި އެއީ އެ މީހުން ވެސް ގަބޫލުކުރާގޮތުގައި މިއީ އެތައް ބަޔަކު އާމްދަނީ ހޯދަން ކުރާ މަސައްކަތެއް ކަމަށް ވާތީ ކަމަށް ނިޒާމްބެ ބުންޏެވެ.

"ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތަކީ އެއްވެސް ބަޔެއްގެ ކުށެއް ނޫން. މީގައި ޖެހޭ ކޮންޓްރެކްޓެއްގައި ތިބި ބަޔަކަށް އެ ފައިސާ ލިބެން. ފުޓްބޯޅަ ފަށަން ވެސް ހުއްދަ ލިބެން އެބަޖެހޭ. ފުޓްބޯޅަ ޕްރެކްޓިސް ފަށަން ވެސް އަަވަހަށް ފުރުސަތު ދޭން ޖެހޭ އެހެންނޫނީ ވަރަށް ގިނަ ބަޔަކަށް މީގެ ސަަބަބުން ގެއްލުން ކުރިމަތިވޭ،" ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ނާދު ބުންޏެވެ.

ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކޯޗުންނަށް ވެސް ވަކި އެލަވަންސެއް ދެ އެވެ. އެއީ ކޯޗަކަށް މަހަކަށް 15000 ރުފިޔާ އެވެ. އެ ފައިސާ ކުއާޓަރުތަކަށް ބަހާލައިގެން ދެނީ ކްލަބަށެވެ. އެ ފައިސާ ކްލަބަށް ދޭ ގޮތަށް އޮންނަނީ ކްލަބުން ހުށަހެޅުމުންނެވެ. މި ފައިސާ ކޯޗުންނަށް ގަވާއިދުން ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އިވެ އެވެ. މި ވަގުތު އެ ފައިސާ ނުދެވި އޮތީ ސީޒަން ކުރިއަށްނުދާތީކަން އެނގިފައިވެ އެވެ.

ރާއްޖޭގައި ކުޅޭ އެހެން ކުޅިވަރުތަކާ ހިލާފަށް ފުޓްބޯޅަ އަކީ ގިނަ ބަަޔެއް އާމްދަނީ ހޯދަން ކުރާ މަސައްކަތެކެވެ. އެހެން ކުޅިވަރު ޓީމުތަކުން މުޅި އަހަރުގައި މުބާރާތްތައް ކުޅެނީ ވަކި ދުވަސްވަރެއްގަ އެވެ. މުޅި އަހަރުގެ ކަލަންޑަރަކަށް ރޭވިގެން މުބާރާތްތައް ހުރިހާ މަހެއްގައި ނުހިނގަ އެވެ. އެކަމަކު ފުޓްބޯޅަ ކަލަންޑަރު އޮންނަނީ އާންމު ގޮތެއްގައި 10 މަހަށް ބަހާލައިފަ އެވެ. އެހެންކަމުން އެ ގޮތަށް ބަލާއިރު ފުޓްބޯޅައިގެ ތެރެއިން ދިރިއުޅުމަށް އާމްދަނީ ހޯދުމުގެ ފުރުސަތު ކުޅުންތެރިންނަށް އޮވެ އެވެ. އެކަމަކު މިހާރު ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ މެދުކަނޑާލާފައިވާތީ އާއި އަލުން ފެށޭނެ ތާރީހެއް ނޭނގޭތީ ގިނަ ކުޅުންތެރިން ތިބީ ގޮތްހުސްވެފަ އެވެ.