Roadha Mihaaru
ޑި ބޮއާ ގެނައީ ރައިކާޑް ނޫނެކޭ ބުނުމުން

ޑި ބޮއާ ގެނައީ ރައިކާޑް ނޫނެކޭ ބުނުމުން

26 ސެޕްޓެމްބަރ 2020

އަމްސްޓެޑަމް (ސެޕްޓެމްބަރު 26) - ހުސްވެފައިވާ ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗަކަށް ފްރޭންކް ޑި ބޮއާ ހަމަޖެއްސީ އެ މަގާމު ފުރަތަމަ ހުށަހެޅި މަޝްހޫރު ކޯޗު ފްރޭންކް ރައިކާޑް ނޫނެކޭ ބުނުމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަމްސްޓެޑަމް (ސެޕްޓެމްބަރު 26) - ހުސްވެފައިވާ ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗަކަށް ފްރޭންކް ޑި ބޮއާ ހަމަޖެއްސީ އެ މަގާމު ފުރަތަމަ ހުށަހެޅި މަޝްހޫރު ކޯޗު ފްރޭންކް ރައިކާޑް ނޫނެކޭ ބުނުމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނެދަލެންޑްސްގެ ކޯޗުގެ މަގާމު ހުސްވީ އެ ޒިންމާ އަދާކުރަމުން އައި ރޮނާލްޑް ކޫމަން މިދިޔަ މަހު ބާސެލޯނާއާ ހަވާލުވުމުންނެވެ. މި މަހު ކުރީކޮޅުގައި ނޭޝަންސް ލީގުގެ މެޗުތަކުގައި ނެދަލެންޑްސް އަށް ކޯޗުކޮށްދިނީ ޑްވައިޓް ލޮޑެވެޔެސް އެވެ.

ކޫމަން މަގާމުން ވަކިވުމުން ނެދަލެންޑްސް އެފްއޭ އިން ގައުމީ ޓީމުގެ ކޯޗަކަށް ގެންނަން އުޅުނީ ބާސެލޯނާގެ ކުރީގެ ކޯޗު ރައިކާޑް އެވެ. ސައުދީ އަރަބިއްޔާ ކޯޗުކަމުން 2013 ވަނަ އަހަރު ވަކިވި ފަހުން ޓީމަކާ ހަވާލުނުވެ ހުރި ރައިކާޑް ކޯޗިން ކެރިއަރު 1998 ވަނަ އަހަރު ފެށީ ނެދަލެންޑްސް ގައުމީ ޓީމުންނެވެ. އޭނާ ވަނީ އެ ޓީމަށް ދެ އަހަރު ކޯޗުކޮށްދީ 2000 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުން އެ ޓީމަށް ފުރުސަތު ހޯދައިދީފަ އެވެ.

ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި މަހު 58 އަހަރު ފުރޭ ރައިކާޑް ނެދަލެންޑްސްގެ ހުށަހެޅުން ދޫކޮށްލީ ފުޓްބޯޅައިގައި ދެން އޭނާ ބޭނުންވަނީ ކޯޗިން އަށް ވުރެ ބޮޑަށް ޓެކްނިކަލް އެހެން މަގާމެއް ކަމަށްވާތީ އެވެ.

ރައިކާޑް ލިބޭގޮތް ނުވުމުން ނެދަލެންޑްސް އިން ޑި ބޮއާ އަށް ހުށަހަޅައި އޭނާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަަލަށް އެ ޓީމުގެ ކޯޗަކަށް ގެނައީ އެވެ. ޑި ބޮއާ އަކީ ވެސްލީ ސްނައިޑާ އާއި އެޑްވިން ވަން ޑަސާ އަށް ފަހު ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 1990 އިން 2004 އާ ހަމައަށް ގައުމީ ޓީމަށް 112 މެޗު ކުޅެދީފަ އެވެ.

ނެދަލެންޑްސް އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕަށް ދިޔައިރު އެސިސްޓަންޓަކަށް ހުރި ޑި ބޮއާގެ ކޯޗުކަމުގައި އަންނަ މަހު ނެދަލެންޑްސް ތިން މެޗު ކުޅޭނެ އެވެ. އެއީ މެކްސިކޯއާ އެކު ކުޅޭ އެކުވެރިކަމުގެ މެޗުގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގައި ބޮސްނިއާ އާއި އިޓަލީއާ ކުޅޭ މެޗުތަކުގަ އެވެ.

ކޯޗިން ކެރިއަަރުގައި ފުރަތަމަ އަޔަކްސްއާ އެކު ރަނގަޅު ތަޖުރިބާއެއް ކުރި ނަމަވެސް އިންގްލެންޑްގައި ކްރިސްޓަލް ޕެލަސް އަދި އިޓަލީގައި އިންޓަ މިލާނުގައި ޑި ބޮއާގެ ރެކޯޑް އެންމެ ރަނގަޅެއް ނޫނެވެ. އެ ދެ ޓީމުގެ ކޯޗުކަން ގެއްލުނީ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ޑި ބޮއާ އެންމެ ފަހުން ކޯޗުކޮށްދިނީ އެމެރިކާ ލީގުގެ އެޓްލާންޓާ ޔުނައިޓެޑް އަށެވެ.