Roadha Mihaaru
ޒިކުރާ މިސްކިތުގެ ބަދަލު ދިނުމުގެ މަޝްވަރާ ހުއްޓިއްޖެ

ޒިކުރާ މިސްކިތުގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން މަސައްކަތެއް ނުކުރަން: އިސްލާމިކް މިނިސްޓްރީ

22 ސެޕްޓެމްބަރ 2020

ޒިކުރާ މިސްކިތުގެ އެއްބަސްވުން މި ސަރުކާރުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މަޝްވަރާކޮށް ކޯޓުން ބޭރުން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރިން ބުނެފައިވިޔަސް އެކަން މިހާރު ނުހިނގާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޒިކުރާ މިސްކިތުގެ އެއްބަސްވުން މި ސަރުކާރުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މަޝްވަރާކޮށް ކޯޓުން ބޭރުން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރިން ބުނެފައިވިޔަސް އެކަން މިހާރު ނުހިނގާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރަން އެސްޖޭ ކޮންސްޓްރަކްޝަނަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތާ އެކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުންނެވި މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން މިދިޔަ ހަފުތާގައި ވަނީ އެދިފަ އެވެ.

އެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށް އޭސީސީގެ ތަހުގީގަށް ފަހު ނިންމީ ބަދަލު ހޯދަން އެދުނު މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން އެސްޖޭއޭއާ އެކު އިސްލާމިކް މިނިސްޓްރީން ދެ ގަޑިއިރުގެ ބައްދަލުވުމެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާފައި ވަނިކޮށެވެ. މި މަޝްވަރާ ބައްދަލުވުން ދިޔައީ، ބަދަލު ހޯދުމަށް އެސްޖޭއިން ހުށަހެޅި މައްސަލަ ޑިސްޕިއުޓުން ހައްލު ނުވުމުން ޝަރީއަތުން ގޮތެއް ނިންމުމުގެ މަރުހަލާ ފަށާފައި ވަނިކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން އެދިގެންނެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު އޭރު ވިދާޅުވެފައި ވަނީ އެ މިނިސްޓްރީގެ ވިސްނުން ވެސް ހުރީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން ކަމަށެވެ.

އެ މަޝްވަރާތަކުގައި ނިމުނީ ކޮން ގޮތެއްތޯ "މިހާރު"ން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ "ޒިކުރާ މިސްކިތުގެ މައްސަލަ ހައްލުކުރަން ކޯޓުން ބޭރުގައި އެއްވެސް މަސައްކަތެއް ނުކުރާ" ކަމަށެވެ. އެނގިފައިވާ ގޮތުގައި، މި މަޝްވަރާ ހުއްޓުނީ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން އެދުނު ގޮތަށް އެސްޖޭއަށް އެއްބަސް ނުވެވުމުންނެވެ.

އެސްޖޭ އިން ބަދަލު ހޯދަން ހުށަހެޅި މައްސަލައިގައި ކޯޓުން އަދި ހުކުމެއް ނުކުރެ އެވެ.

ޒިކުރާ މިސްކިތުގެ މަޝްރޫއުގެ ހުލާސާ

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2018 ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ.

އެއްބަސްވުން ބުނާ ގޮތުން، މަސައްކަތް ނިމޭތާ 10 އަހަރު ދުވަހަށް އިމާރާތުގެ ތިން ފްލޯ ފިޔަވައި ހުރިހާ ފްލޯއެއް ލިބޭނީ އެސްޖޭ އަށެވެ. މިނިސްޓްރީ އަށް ލިބޭ ތިން ފްލޯ ބޭނުން ކުރާ ގޮތަށް އޮތީ މިސްކިތުގެ ގޮތުގަ އެވެ. އިކުއިޓީގެ ގޮތުގައި މިނިސްޓްރީން ދެއްކި 30 މިލިއަން ރުފިޔާ ވެސް އެންމެ އަވަހަށް ލިބޭނީ 13 އަހަރު ފަހުން ކަމަށް މި މައްސަލައާ ގުޅިގެން ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅި މައްސަލަތަކުގައިވެ އެވެ.

އޭސީސީން ބުނިގޮތުގައި، ޒިކުރާ މިސްކިތުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި ދެ ފަހަރެއްގެ މަތިން ރައީސް އޮފީހުގައި އެދުމަށް ފަހު، ހުއްދަ ނުލިބެނީސް އެސްޖޭއާ ހަވާލުކުރީ އެންމެ ލުއި ގޮތް ހުށަހެޅީ އެ ކުންފުނިން ކަމަށް ބުނެ އެވެ.

އެ ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަން ކަމަށް ގަބޫލުކުރެވޭ ގޮތަށް، އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޒިޔާދު ރައީސް އޮފީހަށް ސިޓީ ފޮނުއްވާފައިވީ ނަމަވެސް އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮން ގޮތަކަށް ހޯދި ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

ޒިކުރާ މިސްކިތުގެ ކުރެހުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ފާސްކުރުމުގެ ކުރިން އެސްޖޭއާ ބިން ހަވާލުކޮށްފައިވާ މައްސަލަ އޮޑިޓު ރިޕޯޓުން ވެސް އޮތީ ހާމަވެފަ އެވެ.