21 ސެޕްޓެމްބަރ 2020
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި، ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއް ދައުލަތުން ކްރިމިނަލް ކޯޓުން އުފުލި އެވެ. ނަމަވެސް މިދިޔަ ޖުލައި މަހު އެ ކޯޓުން އެ ދައުވާތައް ވަނީ ބޭރުކޮށްލައިފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ކުށަށް އިއުތިރާފްވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅުމަށް ފަހު ކަމަށް ވިޔަސް، އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމަކީ ކޯޓުގެ ދައުރެއް ނޫން ކަމަށެވެ. އެފަަދަ އެއްބަސްވުމަކާ ބެހޭގޮތުން ކޯޓުގެ ދައުރަކީ އެފަދަ އެއްބަސްވުމެއް އޮތްތޯ ބެލުމާއި އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތު އޮތްކަން ދައުވާލިބޭ މީހާ އަށް އެންގުން ކަމަށާއި އަދީބުގެ މައްސަލާގައި އެއްބަސްވުމާ މެދު ގޮތެއް ނިންމީ ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ކަމަށް އެ ހުކުމުގައިވެ އެވެ.
"އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމުގެ މަސައްކަަތް ކުރިއަށް ގެންގޮސްފައިވޭ. އެއީ ޕްރޮސެކިއުޝަނުން ނުވަތަ އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ނުލައި. އެހެންކަމުން އެ އިޖްރައާތަކީ ޖިނާއީ އިޖްރައާތުގެ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވުނު އިޖްރައާތެއް ނޫން،" ހުކުމުގައިވެ އެވެ.
އިއުތިރާފްގެ އެއްބަސްވުން ސައްހަ ވިޔަސް އަދި ނުވިޔަސް، އެއްބަސްވުން ދޫކޮށްލުމުގެ ހައްގު ދައުވާލިބޭ މީހާ އަށް އޮންނަކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެފަދަ އެއްބަސްވުމެއް ހެދި ސަބަބާ ބެހޭގޮތުން ސުވާލުކޮށް ކޯޓުގެ ވަގުތުތަކެއް ހޭދަކުރުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ އިތުރު ތަހުގީގުތަކެއް ކޯޓުތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.
"އެއްބަސްވުން ބިނާކުރި އަސާސް ދެނެގަތުމަށް ހެއްކާއި ދަލީލް ހުށަހަޅައި، ދެ ފަރާތަށް ބަހުސްކުރަން ފުރުސަތު ދީ، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިޔަ ގާޒީ އެކަމަށް ވަގުުތުތަކެއް ހޭދަ ކުރުމަކީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ގާނޫނީ ގޮތުން ބަހުސް ކުރުމެއް، ބޭނުމެއް ނެތް ކަމެއްގައި ކުރެވޭ ބޭކާރު ބަހުސެއް." ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ ހަތް ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުގައި އިބްތިދާއީ މަރުހަލާއިން ފެށިގެން އަލުން ކުރިއަށް ގެންދަންޖެހޭނެ ކަމަށް ކަނޑައަޅައި، އެ މައްސަލަ އެ ކޯޓަށް ތަހުވީލުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، މިއަދުން ފެށިގެން 15 ދުވަހުުގެ ތެރޭގައި އަދީބުގެ ބަންދާ މެދު އަލުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ. އަދި އެ ކޯޓުން ގޮތެއް ނިންމަންދެން އަދީބު ހުންނަވަން ޖެހިވަޑައިގަންނަވާނީ ހައި ކޯޓުން ކުރިން ނެރެފައިވާ އަމުރުގެ ދަށުން ރިމާންޑް ޖަލެއްގައި ބަންދުގައި ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. މިއަދުގެ އަޑުއެހުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމާ އެކު ބަންދުގައި ހުންނެވި އަދީބު މިނިވަން ވެފައި ވަނިކޮށް އިސްތިއުނާފް ކުރުމުން އިސްތިއުނާފް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ހައި ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.
އަދީބު ވެސް ހައި ކޯޓުގައި ވިދާޅުވެފައިވަނީ އެ މައްސަލަތައް ކްރިމިނަލް ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
އަދީބުގެ މައްސަލާގެ އިސްތިއުނާފް މާދަމާ ފަށަނީ
އަދީބު މިނިވަންވި މައްސަލައިގެ އިސްތިއުނާފް ބަލައިގެންފި
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
އަދީބުގެ މައްސަލައަށް މިވީ ކިހިނެއް؟
އަދީބު ފުރުން މަނާކޮށްފި