Roadha Mihaaru
މިފްކޯއަށް މަސް ގަންނަ "ފިކްސްޑް" ރޭޓު ދޫކޮށްލަނީ

މިފްކޯ އަށް މަސް ގަންނަ "ފިކްސްޑް" ރޭޓު ދޫކޮށްލަނީ، ހަފުތާއެއްގެ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ

20 ސެޕްޓެމްބަރ 2020

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މިހާތަނަށް މަސް ގަންނަމުން އައި "ފިކްސްޑް" އަގު ދޫކޮށްލަން އެ ކުންފުނިން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މިހާތަނަށް މަސް ގަންނަމުން އައި "ފިކްސްޑް" އަގު ދޫކޮށްލަން އެ ކުންފުނިން ނިންމައިފި އެވެ.

މި ބަދަލަށް އެ ކުންފުނިން އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެހެންވެ، އެ ދުވަހުން ފެށިގެން މިފްކޯ އަށް މަސް ގަންނާނީ އެއިރެއްގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަށެވެ.

މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީިގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ފިކްސްޑް ރޭޓެއްގައި މަސް ގަންނަމުން އަންނަތާ ހަތް އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯ މެނޭޖު ކުރުމުގައި ދަތިތަކާ ދިމާވާނެތީ އެ އުސޫލު މިހާރު ބަދަލު ކުރަން ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަށް ބަލާފައި ފައިސާ ނުދެވި ދަތިތަކެއް ދިމާވީ ވެސް އެ މަގުން ދިޔައީމާ. އެހެން ނަމަވެސް މިހާރު މި ބަދަލު ކުރަނީ ފްލޯޓިން ޕްރައިޒް މެކޭނިޒަމަކަށް. މިހެން ހެދުމުން އޭރު ބާޒާރުގައި ހުންނަ އަގަކަށް އަޅުގަނޑުމެން ކުރިއަށް ދާނެ،" އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ މީޑިއާތަކަށް މައުޅޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ މީޑިއާތަކަށް މައުޅޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު

މިފްކޯ އަށް މިހާތަނަށް މަސް ގަންނަމުން އައީ ކިލޯއެއް 20ރ. ގެ ރޭޓުންނެވެ. ނަމަވެސް މި ބަދަލާއެކު ބާޒާރުގައި މަހުގެ އަގު އުފުލޭ ދުވަސްވަރެއްގައި މަސްވެރިންނަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މަސްވެރިންގެ އާމްދަނީ އިތުރުކޮށް ސިނާއަތް ކުރިއެރުވުމަށްޓަކައި މިފްކޯ ދެމިއޮވެ ތަރައްގީވެގެން ދިއުމަކީ މަސްވެރިންގެ އެދުމެއް. މި އަމާޒަށް ވާސިލުވުމަށް އެޅޭ އެއް ފިޔަވަޅަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަކަށް ބަލައިގެން މިފްކޯ އިން މަސްގަންނަން ފެށުން،" މިފްކޯ އިން ބުންޏެވެ.

"މި ބަދަލާއެކު މަސްވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވެގެންދާއިރު އެ ހެޔޮ ބަދަލުގެ ފައިދާ ސީދާ ދިވެހި މަސްވެރިންނަށް ލިބިގެންދިއުން."

މިފްކޯ އިން ބުނިގޮތުގައި، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަށް ބަލައި، އެ ކުންފުނިން މަސް ގަންނާނެ އަގު މިފްކޯގެ ވެބްސައިޓްގައި ކޮންމެ ދުވަހަކު ޝާއިއު ކުރާނެ ކަމަށެވެ. އަދި ބުނީ، މަސް ގަތުމުގެ އައު އުސޫލާއެކު، މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު ޔަގީން ކަމަކީ މަސްކިރުވާ ދުވަހުން ފެށިގެން ގިނަވެގެން ހަތްދުވަހުގެ ތެރޭގައި ފައިސާ ލިބުން ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ ގޮތުން އެ ކުންފުނިން އަންނަނީ މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން، މަސްވެރިންނަށް ތެލުގެ އިނާޔަތް ދެމުން އަންނަ އިރު ކުރިމަގުގައި އެ އިނާޔަތް އިތުރުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މަސް ދޯނިތަކަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.