Roadha Mihaaru
މައުމޫންގެ މައްސަލަ އެޗްއާރުސީއެމުން ބަލައެއް ނުގަތް

މައުމޫން ހުށަހެޅުއްވި މައްސަލަ އެޗްއާރުސީއެމުން ބަލައެއް ނުގަތް

27 އޮކްޓޯބަރ 2016

ޕީޕީއެމްގެ އާއްމު މެމްބަރުންނާއި އެ މަނިކުފާނުގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ވިދާޅުވެ ގާނޫނީ އިމުގެ ތެރެއިން، އެ ހައްގުތައް ހޯއްދެވުމަށް އެދިވަޑައިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަނެ މިއަދު އަނބުރާ ފޮނުވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ އާއްމު މެމްބަރުންނާއި އެ މަނިކުފާނުގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ވިދާޅުވެ ގާނޫނީ އިމުގެ ތެރެއިން، އެ ހައްގުތައް ހޯއްދެވުމަށް އެދިވަޑައިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަނެ މިއަދު އަނބުރާ ފޮނުވާލައިފި އެވެ.

އެޗްއާރުސީއެމަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމް ތެރޭގައި އުފެދިފައިވާ މައްސަލައިގައި ކޯޓުން އިއްވާފައިވާ ހުކުމުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ އިންތިހާބީ ހައްގުތައް ގެއްލިގެންދާ ކަމަށެވެ. މައުމޫން އެދިވަޑައިގަތީ، އެ ޕާޓީގެ މެމްބަރުންނާއި އާއްމު ރައްޔިތުންގެ މަސްލަހަތަށްޓަކައި އެ ހައްގު ރައްކާތެރިކޮށްދެއްވުމަށެވެ.

އެ މައްސަލައިގައި އެޗްއާރުސީއެމުން ގޮތެއް ނިންމުމަށް ފަހު، މައުމޫނަށް މިއަދު ފޮނުވި ސިޓީގައި ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ ޝަރުއީ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށެވެ. ޕީޕީއެމް ތެރޭގައި އުފެދިފައިވާ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާތީ އާއި ކޯޓުން ކުރިއަށް ގެންދާ މައްސަލަތަކަކީ އެ ކޮމިޝަންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮމިޝަންގެ ބައްދަލުވުމެއްގައި މައްސަލަ ނުބަލަން ނިންމީ އެ ސަބަބާ ހެދި ކަމަށް ވެސް ޝިފާގު ވިދާޅުވެފައިވެ އެވެ.

ހައްގުތައް ގެއްލޭ ކަމަށް ވިދާޅުވެ އެ ހައްގުތައް ހޯއްދަވަން އެޗްއާރުސީއެމްގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނައިބަށް ވެސް މައުމޫން ވަނީ ވަކިވަކިން ސިޓީ ފޮނުއްވައިފަ އެވެ.

އެ ސިޓީތަކުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމް ކުރިއިރު އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ދިން ފަރުވާއެއް ކަމަށެވެ. އަދި ޕާޓީގެ މެމްބަރުން އިންތިހާބުކޮށްފައިވާ ރައީސް ވަނީ، މެމްބަރުންގެ ރުހުމަކާ ނުލައި ވަކިކޮށްފައިވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

"...ޕާޓީގެ ރައީސް މަގާމުން އަޒުލުކުރެވިފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމުގައިވާތީވެ، އަދި ޕާޓީގެ މެމްބަރުންގެ ކަނޑައަޅާފައިވާ އެ މެމްބަރުންގެ އިންތިހާބީ ހައްގުތަކާ ހިލާފަށް ކަމުގައިވާތީވެ، މިކަމާ ގުޅޭގޮތުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ތިޔަ ކޮމިޝަނަށް އަދާކުރެވިދާނެ ދައުރެއް އޮތް ކަމަށް ގަބޫލުކުރެވޭތީވެ، ޕީޕީއެމްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ޕީޕީއެމްގެ މެމްބަރުންގެ އިންތިހާބީ ހައްގުތައް ރައްކާތެރިކޮށްދެއްވުމަށް ފިޔަވަޅު އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ،" ކަމާ ގުޅޭ މުއައްސަސާތަކަށް މައުމޫން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވި އެވެ.