Roadha Mihaaru
ވަކިނުކޮށް ވަޒީފާ ބަދަލުކުރެވޭނެ ގޮތް ހަދައިދޭން އެދެފި

މުވައްޒަފުން ވަކިނުކޮށް، އެހެން މިނިސްޓްރީއަކަށް ވަޒީފާ ބަދަލުކުރެވޭނެ ގޮތެއް ހަދައިދޭން އެދިއްޖެ

15 ސެޕްޓެމްބަރ 2020

ސިވިލް ސާވިސް މުވައްޒަފުން ވަޒީފާ އިން ވަކިނުކޮށް، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީ އަށް ވަޒީފާ ބަދަލުކުރެވޭނެ އުސޫލެއް ހޯދައިދިނުމަށް އެ ކޮމިޝަންގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިވިލް ސާވިސް މުވައްޒަފުން ވަޒީފާ އިން ވަކިނުކޮށް، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީ އަށް ވަޒީފާ ބަދަލުކުރެވޭނެ އުސޫލެއް ހޯދައިދިނުމަށް އެ ކޮމިޝަންގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަލަން އައްޔަންކުރި މެމްބަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުން ދިމާވާ ދަތިތަކާ ބެހޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން، ސިވިލް ސާވަންޓުން ވަޒީފާ އިން ވަކިނުކޮށް، އެހެން މިނިސްޓްރީއެއްގެ ވަޒީފާ އަށް ބަދަލުކުރެވޭނެ ނިޒާމެއް ހޯދައި ދިނުމާއި މޯލްޑިވްސް ޕޮލިޓެކްނިކް އަދި ޓިވެޓް އޮތޯރިޓީ އަށް ބޭނުންވާ ޓެކްނިކަލް، ޕްރޮފެޝަނަލް މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތައް ސީއެސްސީގެ މެމްބަރުންނާ މިނިސްޓަރު ހިއްސާކުރެއްވި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑރ. އިބްރާހިމް ހަސަން (ކ) އަދި ސީއެސްސީގެ ރައީސް ނާސިހު (ވ) ބައިވެރިވެޑައިގަންނަވަނީ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑރ. އިބްރާހިމް ހަސަން (ކ) އަދި ސީއެސްސީގެ ރައީސް ނާސިހު (ވ) ބައިވެރިވެޑައިގަންނަވަނީ.-- ފޮޓޯ: ހަޔަ އެޑިއުކޭޝަން މިނިސްޓްރީ

އެ މިނިސްޓްރީން ބުނިގޮތުގައި، ފަންނީ ގިނަ މާއްދާތަކެއް ކިޔަވައިދޭ ޕޮލިޓެކްނިކަށް ޓީޗަރުން ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ލެކްޗަރާއިންގެ އަތުގައި ކިޔަވައިދިނުމުގެ ސަނަދެއް އޮތުން ލާޒިމު ވުމެވެ. އޭގެ ސަބަބުން ބޭނުންވާ އަދަދަށް ލެކްޗަރާ އިން ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ ބައްދަލުވުމުގައި، ސީއެސްސީގެ އާ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ތަންފީޒު ކުރުމަށްޓަކައި އެ ކޮމިޝަންގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. ސިވިލް ސާވިސްގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގާނޫނު ތަން ދިން އެންމެ ފުޅާމިނެއްގައި ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީއެސްސީގެ އާ މެމްބަރުންނާއެކު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.