Roadha Mihaaru
ރަށްރަށުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މައްސަލަ ބޮޑު

ކޮވިޑް ޓެސްޓަށް ރަށްރަށުން ސާމްޕަލް ދިނުމަށް ދެކޮޅު ހަދަނީ

15 ސެޕްޓެމްބަރ 2020

ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މީހުން ބައެއް ހާލަތުތަކުގައި އެންމެ ފުރިހަމަ މައުލޫމާތު ނުދޭ މައްސަލައިގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ މީހުން ބައެއް ހާލަތުތަކުގައި އެންމެ ފުރިހަމަ މައުލޫމާތު ނުދޭ މައްސަލައިގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ދޭން ދެކޮޅު ހެދި މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވި ކަމަށެވެ. އެގޮތުން، މާލޭގައި އެކްޓިން ސަވައިލެންސްގެ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ކުރިން ނެގި އިރު މި މައްސަލަ ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިހާރު އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ވަކި ކޮންޓެކްޓްވުން ނުވަތަ ބަލިވުން ފަދަ ސަބަބެއް ނެތި ނެގުން ހުއްޓާލައިފައި ވާތީ އެ މައްސަލަ ދިމާނުވާ ކަމަށް ޑރ. ނަަޒްލާ ވިދާޅުވި އެވެ.

އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ ވިދާޅުވިގޮތުގައި، ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ދޭއިރު ފުރިހަމަ މައުލޫމާތު ނުދިނުމުގެ މައްސަލަ މި ފަހަރު އަނެއްކާ ވެސް ކުރިމަތިވީ، އަތޮޅު ތެރޭގައި ކުރިއަށް ގެންދާ އެކްޓިން ސަވައިލަންސް އާއި ކުޑަކުދިންގެ ސާމްޕަލް ނެގުމުގަ އެވެ. ކުޑަކުދިންގެ ސާމްޕަލް ދިނުމަށް ބައެއް ބެލެނިވެރިން ދެކޮޅު ހަދާއިރު އެއީ ކިހާ މުހިންމު ކަމެއްކަން ހަނދާން ކުރަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުމެންނަށް އެ ކުއްޖަކަށް ފަރުވާ ދޭން ޖެހޭ ކަމަށް ވަންޏާ ފަރުވާ ދެވޭނީ. ކުއްލިއަކަށް ބަލީގެ ހާލަތު ދަށްވުން ވެސް އެކަށީގެން ވެސް ވޭ. ބަލި ހުރިކަން އެނގުނީމާ ރަނގަޅަށް މޮނީޓާ ކުރަމުން ގެންދެވޭނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރަށްރަށުގައި އެކްޓިން ސަވައިލެންސްގެ ތެރެއިން ބައެއް މީހުން ސާމްޕަލް ދޭން ދެކޮޅު ހަދަނީ އެ ރަށުގައި ބަލި ނެތް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ވަކި ރަށެއްގައި ކޮވިޑް އުޅޭތޯ ނުވަތަ ނެތްތޯ ވެސް ދެނެގަނެވޭނީ އެ ރަށެއްގައި އުޅޭ މީހުންގެ ރެންޑަމް ސާމްޕަލްތައް ދޭތެރެދޭތެރެއިން ނަގައި ވަކި ވަރަކަށް ޓެސްޓު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސާމްޕަލް ނެގުމަކީ އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ ސީދާ އަނިޔާއެއް ވާނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ސާމްޕަލް އަށް އެދުމުން އެ ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.