Roadha Mihaaru
ސީއެސްސީ ހަރުދަނާކުރަން ނައިބު ރައީސް އެދިވަޑައިގެންފި

ސީއެސްސީ ހަރުދަނާކުރަން ނައިބު ރައީސް އެދިވަޑައިގެންފި

14 ސެޕްޓެމްބަރ 2020

ސިވިލް ސާޥިސް ކޮމިޝަންގެ މަސައްކަތްތައް ހަލުވިކޮށް، މިހާރަށް ވުރެން ހަރުދަނާކޮށް މަސައްކަތްތައް ކުރިއަށް ގެންދަން އާ މެމްބަރުންގެ ކިބައިން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ސިވިލް ސާޥިސް ކޮމިޝަންގެ މަސައްކަތްތައް ހަލުވިކޮށް، މިހާރަށް ވުރެން ހަރުދަނާކޮށް މަސައްކަތްތައް ކުރިއަށް ގެންދަން އާ މެމްބަރުންގެ ކިބައިން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.

އެ ކޮމިޝަނަށް ދާދި ފަހުން އައްޔަންކުރެއްވި މެމްބަރުންނަކީ ފާތިމަތު ޝަރީފާއި މުހައްމަދު ނާސިހާއި މުހައްމަދު ފަރުސަތުގެ އިތުރުން އިބްރާހިމް ރަޝީދެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވައި ސިވިލް ސާވިސް ކޮމިޝަނުގައި ހުރި މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކޮށް ކޮމިޝަންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ކަންކަން އިންތިޒާމުކުރާ އިރު ނުކުޅެދުންތެރިކަން ހުންނަ މީހުން ތަފާތު ނުވާނެ ގޮތަށް ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ މުހިންމު އެއްބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުންނެވެ. ސިވިލް ސާވިސްގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ހުރިހާ ފަރާތްތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ސީއެސްސީގެ މެންބަރުން ވަނީ، އެ ކޮމިޝަންގެ ކުރިމަގު ބައްޓަންކުރުމުގައި ވިސްނުން ގެންގުޅުއްވާ ގޮތް ނައިބު ރައީސާ ހިއްސާކުރައްވައިފަ އެވެ.