Roadha Mihaaru
ރާއްޖެ/ލަންކާގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި ލަންކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

10 ސެޕްޓެމްބަރ 2020

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން، އެ ގައުމުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ރޮހާނާ ބެއްޑާޖުއާ އެކު، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން، އެ ގައުމުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ރޮހާނާ ބެއްޑާޖުއާ އެކު، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ލަންކާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ރޮހާނާ ބެއްޑާޖު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަގާމުގެ ފަތްކޮޅު އެރުވީ މިދިޔަ މަހުގެ 31 ގަ އެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ތައާރަފުވަމުންނެވެ.

ލަންކާގެ އާ ސަފީރު، ނައިބު ރައީސް ފައިސަލްއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި، ދެ ގައުމު ގުޅިގެން ކުރިއެރުވޭނެ ދާއިރާތަކާ ބެހޭ ގޮތުންމަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ތައުލީމާއި ސަގަފާތާއި ޕާފޯމަންސް އާޓްސް އަދި އެހެނިހެން ދާއިރާތައް ހިމެނެ އެވެ.

ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ފެށުމުގެ ކުރިން ވެސް ރާއްޖެ އާއި ލަންކާ އަކީ އެކުވެރި ދެ ގައުމު ކަމަށާއި އެ ގުޅުން ދަމެހެއްޓުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައިިވާ ހާލަތުގައި ވެސް ލަންކާގެ ސަރުކާރުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ބަލަން ކޮށްފައިވާ މަސައްކަތަށް ފައިސަލް ޝުކުރު އަދާކުރެއްވި އެވެ.

އާ ސަފީރު ރޮހާނާ ވިދާޅުވީ މި ހާލަތުން ސަލާމަތްވުމުން، ދެ ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތަކުން އަރައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.