Roadha Mihaaru
ސީރިއާގެ ރެފިއުޖީންނާ ގުޅިގެން ޕީޕީއީ އުފައްދަނީ

ސީރިއާގެ ރެފިއުޖީންނާ ގުޅިގެން ޕީޕީއީ އުފައްދަނީ

07 ސެޕްޓެމްބަރ 2020

ސީރިއާގެ ރެފިއުޖީންނާ ގުޅިގެން އިނގިރޭސިވިލާތުގެ ސައިންޓިސްޓުންނާއި އާޓިސްޓުންގެ ޓީމަކުން، އަލުން ބޭނުންކުރެވޭ ޕާސަނަލް ޕްރޮޓެކްޓިިވް އިކްއިޕްމަންޓް (ޕީޕީއީ) އުފައްދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސީރިއާގެ ރެފިއުޖީންނާ ގުޅިގެން އިނގިރޭސިވިލާތުގެ ސައިންޓިސްޓުންނާއި އާޓިސްޓުންގެ ޓީމަކުން، އަލުން ބޭނުންކުރެވޭ ޕާސަނަލް ޕްރޮޓެކްޓިިވް އިކްއިޕްމަންޓް (ޕީޕީއީ) އުފައްދަން ނިންމައިފި އެވެ.

ޖޯޑަންގައި ތިބީ ސީރިއާގެ ރެފިއުޖިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަށް ދީފައިވާ ނަމަކީ "ޕީޕަލްސް ޕީޕީއީ" އެވެ. މިކަން އިންތިޒާމުކޮށް ދިނުމުގައި އެހީ ވަނީ ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ރެފިއުޖީޒް (ޔޫއެންއެޗްސީއާރް) އިންނެވެ.

"ޕީޕަލްސް ޕީޕީއީ" ގައި ބައިވެރި ވަނީ ޝެފީލްޑް ޔުނިވަސިޓީ އާއި ލަންޑަން އޮފް ކޮލެޖް އޮފް ފެޝަނާއި އާޓްސް ލަންޑަން ޔުނިވަސިޓީ (ޔޫއޭއެލް) ގެ އިތުރުން ޖޯޑަންގެ ދެ ޔުނިވަސިޓީއެއް ކަމަށްވާ އަލް އަބޭތު ޔުނިވަސިޓީ އާއި ޕެޓްރާ ޔުނިވަސިޓީގެ ރިސާޗަރުންނެވެ.

"ޕީޕަލްސް ޕީޕީއީ" އަށް އިނގިރޭސި ސަރުކާރުން އެހީގެ ގޮތުގައި 766,675 ޕައުންޑް (1,018,872 ޑޮލަރު) ދީފައިވާ އިރު، ޖޯޑަންގެ ޒާތަރީ ކޭމްޕްގައި ތިބި ސީރިއާގެ ރެފިއުޖީން ބައިވެރިކޮށްގެން ހިންގާ ޕްރޮޖެކްޓްގެ ތެރެއިން އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިވެގެންދާނެ އެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ރެފިއުޖީންގެ އެހީގައި ކޮވިޑް-19 އަށް ހާއްސަކޮށްގެން ފޭސް މާސްކާއި ފޭސް ޝީލްޑާއި ގައުން އުފައްދާނެ އެވެ. މި ތަކެތި އުފައްދަން ނިންމާފައި ވަނީ ފަސޭހަ އިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ރިސައިކަލްކުރެވޭ ގޮތަށެވެ.

ޔޫއެންއެޗްސީއާރްގެ އެކްސްޓާނަލް ރިލޭޝަންސް އޮފިސަރު މުހައްމަދު އަލް ތާހިރް ވިދާޅުވީ "ޕީޕަލްސް ޕީޕީއީ" ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ޖޯޑަންގައި ތިބި ސީރިއާ ރެފިއުޖީންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އެ މީހުންގެ އުންމީދުތައް އާލާކޮށް ދިނުން ކަމަށެވެ.

"އަހަރެމެން ވަރަށް އުފާކުރަން ޔުނިވަސިޓީތަކެއްގެ ބައިވެރިވުމާ އެކު މިފަދަ ކަމެއް ކުރެވޭތީ. މީގެ ސަބަބުން ރެފިއުޖީ އަންހެނުންގެ ހާލަތު އިތުރަށް ރަނގަޅުކުރެވޭނެ. މި މަސައްކަތުގެ ތެރެއިން އެ މީހުންނަށް ޓްރޭނިންތަކެއް ލިބި، ކުރާނެ މަސައްކަތްތަކެއް ދަސްވެގެން ދިއުމަކީ ވަރަށް ބޮޑު އުފަލަކަށްވާނެ." އޭނާ ވިދާޅުވި އެވެ.