Roadha Mihaaru
ކުރީގެ މެންބަރު ހުސައިން މުހައްމަދު އަވަހާރަވެއްޖެ

ކުރީގެ މެންބަރު ހުސައިން މުހައްމަދު އަވަހާރަވެއްޖެ

04 ސެޕްޓެމްބަރ 2020

މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ރޭ އަވަހާރަވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ރޭ އަވަހާރަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިގެން ދިޔަ ދައުރުގެ މަތިވެރި ދާއިރާގެ މެންބަރަކަށް ހުންނެވި ހުސައިން މުހައްމަދު (ހުސެންބެ) އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އާލާސްކަންފުޅަކަށް ހުސެން ފަރުވާ ހޯއްދަވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ހުސައިން މުހައްމަދު, 71, ވަނީ ސިޔާސީ، ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވަނީ ޖެހިޖެހިގެން ތިން ދައުރު ކުރައްވައިފަ އެވެ. އެ ގޮތުން އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 އަށް އަދި މަތިވެރި ދާއިރާގެ މެންބަރުކަން ވަނީ 2009-2019 އަށް ކުރައްވައިފަ އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ފެށުމާ އެކު ޑީއާރުޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ހުސައިން ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަވަހާރަވި އިރު ހުންނެވީ އެ ޕާޓީގެ ކައުންސިލް މެންބަރަކަށެވެ.

ތައުލީމީ ދާއިރާގެ ޚިދުމަތް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އިން ފެއްޓެވި ހުސައިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ކަމާއި މިނިސްޓަރުގެ ނައިބްކަން ކުރައްވައިފަ އެވެ.

މީޑިއާގެ ދާއިރާގައި ހުސައިން ވަނީ ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފަ އެވެ. ހުސައިން ވަނީ ޓީވީ މޯލްޑިވްސްގެ ޑިރެކްޓަ ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރައްވައި ގައުމީ ޓީވީ އާއި ރޭޑީއޯ ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ބޭރުގެ ޚަބަރުތައް ދިރާސާ ކުރައްވައި ރާއްޖޭގެ ބައެއް ނޫސްތަކަށް ޚަބަރު ލިޔުއްވާފައި ވެސް ވެ އެވެ.

ހުސައިން މުހައްމަދު ނޫސްވެރިކަމަށް ކޮށްދެެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، އޭނާ އަށް 2018 ވަނަ އަހަރު ވަނީ، ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބަތުގައި، ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފަ އެވެ.

ހުސެއިން އަވަހާރަވި އިރު ތިން ބޭފުޅުން ދުނިޔޭގައި ތިއްބެވި އެވެ.