Roadha Mihaaru
ހަމަލާއެރި ބްލޭކަށް ހިނގޭނެކަމުގެ އުއްމީދެއް ނެތް

ފުލުސް މީހާގެ ހަމަލާއެރި ކަޅު ނަސްލުގެ މީހާ އަށް ހިނގޭނެކަމުގެ އުއްމީދެއް ނެތް

27 އޯގަސްޓް 2020

ވިސްކޮންސިން (އޮގަސްޓް 27) - އެމެރިކާގެ ދޮން ނަސްލަށް ނިސްބަތްވާ ފުލުސް މީހަކު ބަޑިޖެހުމުން ހަމަލާ އެރި ކަޅު ނަސްލަށް ނިސްބަތްވާ ޖެކޮބް ބްލޭކަށް ދެން ހިނގައިބިނގާވެ އުޅެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވިސްކޮންސިން (އޮގަސްޓް 27) - އެމެރިކާގެ ދޮން ނަސްލަށް ނިސްބަތްވާ ފުލުސް މީހަކު ބަޑިޖެހުމުން ހަމަލާ އެރި ކަޅު ނަސްލަށް ނިސްބަތްވާ ޖެކޮބް ބްލޭކަށް ދެން ހިނގައިބިނގާވެ އުޅެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބްލޭކް، 29، ކާރަށް އަރަން އުޅުނު ވަގުތު ފުލުސް މީހާ ބަޑިޖެހުމުން ބްލޭކުގެ ހަށިގަނޑަށް ހަތް ވަޒަން އަރާފައިވެ އެވެ. ވިސްކޮންސިންގެ އެޓާނީ ޖެނެރަލް ޖޮޝް ކައުލް ވިދާޅުވީ ބްލޭކަށް ހަމަލާދީފައި ވަނީ ރަސްޓެން ޝެސްކޭ ނަމަކަށް ކިޔާ ފުލުހެއް ކަމަށެވެ.

ބްލޭކަށް އާދިއްތަ ދުވަހު ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ އެކި ސްޓޭޓްތަކުގައި ވަނީ މުޒާހަރާތައް ކޮށްފަ އެވެ. އަންގާރަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކުގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ބްލޭކް ހޭއެރި ނަމަވެސް، އޭނާގެ ވަކީލުން ބުނެފައި ވަނީ ބްލޭކަށް ދެން ހިނގޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ބަޑިޖެހި ހާދިސާގެ ތަހުގީގު ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ފަށައިފަ އެވެ. ވިސްކޮންސިންގެ ކެނޮޝާ ސިޓީ އަށް މިހާރު ވަނީ އެފްބީއައިގެ 200 އެޖެންޓުން ފޮނުވައިފަ އެވެ.

ވިސްކޮންސިންގައި އާދިއްތަ ދުވަހު ފުލުހުން ސީން އަށް ދިޔައީ ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ރިޕޯޓް ކުރުމުންނެވެ. ބްލޭކުގެ ވަކީލުން ބުނެފައި ވަނީ ބްލޭކް ވެސް މަސައްކަތްކޮށްފައި ވަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. ފުލުހުން އެންމެ ފުރަތަމަ ބްލޭކް ހައްޔަރު ކުރަން އުޅުނީ ޓޭޒާ ބޭނުންކޮށްގެންނެވެ. ބްލޭކް ގަޔަށް ބަޑި ޖެހީ އޭނާ ކާރުގެ ދޮރު ހުޅުވަން އުޅުނު ވަގުތު އެވެ. ފުލުސް އޮފިސަރު ޝެޝްކޭ ފިޔަވައި އިތުރު ފުލުހަކު ބްލޭކަށް ހަމަލާދީފައެއް ނުވެ އެވެ.

ފުލުހުންގެ އަނިޔާވެރި އަމަލެއްގައި، ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް މަރުވުމާ ގުޅިގެން އެމެރިކާގައި މި އަހަރު ކުރީކޮޅު ވަނީ މުޒާހަރާތައް ކޮށްފަ އެވެ.