Roadha Mihaaru

ކުރުސީ ހިންގަނީ ކާކުކަން ވަރަށް ސާފުކޮށް އެނގޭ: ރަޝިޔާ

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ހަސަން ކުރުސީ"ގެ ނަމުގައި އެކައުންޓެއް ހިންގަނީ ކާކުކަން އެނގޭ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ކުރުސީ ހިންގަނީ ކާކުކަން އެނގޭ: ރަޝިޔާ
ނާޒިމް ހަސަން
ނާޒިމް ހަސަން

16 އެޕްރީލް 2025

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި "ހަސަން ކުރުސީ"ގެ ނަމުގައި އެކައުންޓެއް ހިންގަނީ ކާކުކަން އެނގޭ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ލިވަން އެސް ޖަގަރްޔަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަޝިޔާއާ ގުޅޭގޮތުން ކުރުސީ އެކައުންޓުން ކޮށްފައިވާ ޕޯސްޓްގެ ފަހަތުގައި ހުރީ ކާކުކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ކުރުސީގެ ނަމުގައި އެ އެކައުންޓް ހިންގާ މީހާއަކީ ޔޫރަޕްގައި މިވަގުތު ފިއްލަވައިގެން ހުންނެވި ރާއްޖޭގެ ކުރީގެ ހައި-ރޭންކް ސިޔާސީ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

ސަފީރު މިގޮތަށް ޕޯސްޓް ކުރެއްވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕް އެތެރެކޮށްފައިވާ ކަމަށް ބުނެ ކުރުސީ އެކައުންޓްގައި ކޮށްފައިވާ ތުހުމަތަކާ ގުޅިގެންނެވެ. ރަޝިޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށް، އެއީ އެމެރިކާ އާއި ރާއްޖެއާ ދެމެދު އެ ގައުމުން ގާއިމްކޮށްފައިވާ ގުޅުމަށް ބުރޫއަރުވަން ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ފެށި ހަނގުރާމައާ ގުޅިގެން, އެމެރިކާގައި އުފައްދާ އޭވިއޭޝަންގެ ސާމާނު ރަޝިޔާއަށް ވިއްކުން އެމެރިކާއިން އޮންނަނީ މަނާކޮށްފަ އެވެ.

ކުރުސީ އެކައުންޓްގެ ފަހަތުގައި ހުރީ ކާކުކަން އެނގޭ ކަމަށް ރަޝިޔާއިން ބުނެފައި ވާއިރު، މީގެކުރިން ދިވެހި ފުލުހުން ވެސް ވަނީ އެ އެކައުންޓް ހިންގާ މީހަކު ހޯދަން ތަހުގީގެއް ހިންގައިފަ އެވެ. އެ ތަހުގީގު ހިންގީ އެއީ ކާކުކަން ހޯދައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް މައްސަލައެއް ހުށަހެޅުއްވުމުންނެވެ. ނަޝީދު އެގޮތަށް ހުށަހެޅުއްވީ ކުރުސީއަކީ އެމަނިކުފާނު ކަމަށް ތުހުމަތު ކުރެއްވުމުންނެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހޯދުނު ކަމެއް ނުވަތަ އެ ތަހުގީގާ ގުޅޭ ފަހުގެ އަޕްޑޭޓެއް ފުލުހުން ނުދެ އެވެ.

ކުރުސީ އެކައުންޓުން މިފަދަ ތުހުމަތެއް ކޮށްފައިވާއިރު، އެމެރިކާގައި އުފައްދާ އެއާކްރާފްޓުގެ ސާމާނުތަކެއް މިދިޔަ އަހަރު ރާއްޖެ މަގުން ރަޝިޔާއަށް އެތެރެކުރި ކަމަށް އިޒްރޭލުގެ މީހަކު އެމެރިކާގެ ކޯޓެއްގައި އެއްބަސް ވެފައިވެ އެވެ.