Roadha Mihaaru
އެސްއެމްއީ ބޭންކުގެ ލޯނު މުއްދަތު އިތުރުކޮށްފި

އެސްއެމްއީ ބޭންކުގެ ލޯނުތައް އަނބުރާ ދައްކާ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކޮށްފި

27 އޯގަސްޓް 2020

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯނުތައް އަނބުރާ ދައްކާ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ލޯނުތައް އަނބުރާ ދައްކާ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެސްޑީއެފްސީން މިގޮތަށް ނިންމީ ކޮވިޑް-19އާ ގުޅިގެން ލޯނުތައް އަނބުރާ ދައްކަން ދިން މޮރިޓޯރިއަމްގެ މުއްދަތު އަންނަ މަހަށް ހަމަވާތީ އެވެ.

ކޮވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އަށް ނޭދެވޭ އަސަރު ކޮށްފައިވާތީ، ބޭންކުތަކުން ވަނީ އެ ތަންތަނުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. އެކަމަކު، އަދިވެސް ހާލަތު ރަނގަޅު ނުވާތީ މި އަހަރުގެ ނިޔަލަށް އެ ލޯނުތައް ފަސްކޮށްދޭން ނިންމީ ކަމަށް އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވި އެވެ.

އެސްއެމްއީ ބޭންކުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކާ މުއްދަތު އިތުރު ކުރަން ނިންމިޔަސް އެ މުއްދަތު ދޭނީ އެ ބޭންކުން ކުރިން ލޯނު ނެގި ކަސްޓަމަރުންނަށް އެކަންޏެވެ. ރިލީފް ސްކީމް ދަށުން ނަގާ ލޯނުތައް ލުއި ކުރުމާ ގުޅޭގޮތުން އަދި މަޝްވަރާ ނުކުރާ ކަމަށް ޒީނާދު ވިދާޅުވި އެވެ.

"ރިލީފް ސްކީމްގެ ދަށުން ދޫކުރި ލޯނުތަކުގެ މުއްދަތު އެހެން ނޫނަސް ހަމަވާނީ މި އަހަރުގެ ނިޔަލަށް. އެހެންވީމާ އެ ލޯނުތަކާ ގުޅޭ މަޝްވަރާއެއް އަދި ނުކުރޭ. މި ވަގުތަށް މުއްދަތު އިތުރު މިކުރީ މޮރިޓޯރިއަމް މުއްދަތު އިތުރު ކުރި ލޯނުތަކަށް،" ޒީނާދު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒުގެ ޓުވީޓް

އެސްއެމްއީ ބޭންކުގެ މި ނިންމުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ޝުކުރު އަދާކުރެއްވި އެވެ. އެހެން ބޭންކުތަކުން ވެސް އެ ނިންމުން ނަމޫނާއެއްގެ ގޮތުގައި ނަގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.