26 އޯގަސްޓް 2020
ކޮވިޑްގެ ފަރުވާ އަށް ބޭނުންވެގެން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރު އަންނަ ހަފުތާގައި ރާއްޖެ ފޮނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ބުނެފި އެވެ.
ކޮވިޑްގެ ފަރުވާ އަށް ބޭނުންވެގެން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރު އަންނަ ހަފުތާގައި ރާއްޖެ ފޮނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ބުނެފި އެވެ.
ވެންޓިލޭޓަރުތައް ރާއްޖެ އަށް ލިބޭނެ ދުވަހަކާ ގުޅޭ ގޮތުން ކޮމިޓީގެ މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ދުބާއީގެ ކުންފުންޏާ އެކު މުއާމާލާތު ކުރަމުން އަންނަ ކަމަށެވެ. މި މަހުގެ 30 ގައި ވެންޓިލޭޓަރުތައް ރާއްޖެ ފޮނުވާނެ ކަމަށް އެ ކުންފުންޏާ އެކު އެންމެ ފަހުން ކުރި މުއާމަލާތްތަކުގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން އެބައޮތް ވިދާޅުވެފައި ވެންޓިލޭޓަރުތައް ފޮނުވައިދޭނެ ކަމަށް. މުއާމަލާތްތައް އެބަހުރި،" ތަސްލީމާ ވިދާޅުވި އެވެ.
ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏާ އެކު ކުރިން މުއާމަލާތް ކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރު އަހްމަދު އަސްލަމެވެ. ވެންޓިލޭޓަރު ގެނައުމާ ގުޅޭ ގޮތުން ޚިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށް ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް ލަފާ ދިނުމާ އެކު، ބިޑް ކޮމިޓީ އާއި އަސްލަމް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ވެންޓިލޭޓަރު ހޯދުމުގެ މުއާމަލާތްތަކާ ތަސްލީމާ ހަވާލުވެވަޑައިގަތީ އެ ހިސާބުންނެވެ.
މާލިއްޔަތު ކޮމިޓީގައި މިނިސްޓަރާއި ބިޑް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
އައިސީޔޫ ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ 34 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ޖުމްލަ ފައިސާ ދައްކާތާ 29 ދުވަހުގެ ތެރޭގައި ގެނައުމަށެވެ. ގެރެންޓީއަކާ ނުލައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދީފަ އެވެ.
މިހާތަނަށް އެ ކުންފުނިން ރާއްޖެ ފޮނުވީ 10 ވެންޓިލޭޓަރެވެ. އެއްބަސްވުމާ އެއްގޮތަށް ސްޕެސިފިކޭޝަން ދިމާނުވާ އެ ވެންޓިލޭޓަރުތައް ފަރުވާ އަށް ބޭނުންކުރަން ކަމުނުދާ ކަމަށް ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ވަނީ ނިންމައިފަ އެވެ.
ތަސްލީމާ ވިދާޅުވި ގޮތުގައި އެ ވެންޓިލޭޓަރުތައް ބަލައިގަތުމަށް ހެލްތު މިނިސްޓްރީން ދެކޮޅު ހެދުމުން އެ 10 ވެންޓިލޭޓަރުގެ ބަދަލުގައި އެއްބަސްވި ގޮތަށް ވެއިންމަން ބްރޭންޑުގެ ވެންޓިލޭޓަރު ފޮނުވައިދޭނެ ކަމުގެ ޔަގީންކަން އޮތީ ދީފަ އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ މެޑްޓެކާ ހަވާލުކުރި 50 ވެންޓިލޭޓަރު ވަނީ ލިބިފަ އެވެ. އެކަަމަކު ރާއްޖޭގެ އަނެއް ކުންފުނި ނާޑްއާ ހަވާލުކުރި 20 ވެންޓިލޭޓަރު އަދި ނުގެނެވެ އެވެ. ކޮވިޑުގެ ހާލަތާ ހެދި ގައުމުތަކުގެ ބޯޑަރު ބަންދުކޮށް، ވެންޓިލޭޓަރު ގެނައުމުގައި ދިމާވި އުނދަގޫތައް ހިއްސާކުރުމުން ހެލްތު މިނިސްޓްރީން ވަނީ އެ ދެ ކުންފުނިން ވެންޓިލޭޓަރު ގެނައުމަށް ދިން މުއްދަތު އިތުރުކޮށްދީފަ އެވެ.
ދުބާއީގެ ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެ އަށް ފޮނުވަން އާ ތާރީޚެއް ދިނަސް ގުދަނުގައި ހުރި ކަމަށް އެ ކުންފުނިން ބުނި ވެންޓިލޭޓަރު ނުފޮނުވި ލަސްވުމާއި ފުރަތަމަ ފޮނުވި 10 ވެންޓިލޭޓަރަކީ ވެސް ބޭނުން ނުކުރެވޭ ތަކެއްޗަށް ވުމުން އެ މީހުން ދައްކާ ވާހަކައިގައި މިނިސްޓްރީ އަށް އޮތް ޔަގީންކަމަކީ ކޮބައިތޯ މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަށް އެއް އިރެއްގައި ވެސް ނިންމާފައެއް ނުވާނެ އެވެ. އޮޑިޓް ރިޕޯޓް ނެރުމާ ހަމައަށް ވެސް އެ ކުންފުންޏާ އެކު މުއާމަލާތްތައް ކުރެވެމުން ދިއުމާ އެކު އޭރު ވެސް އަދި މިހާރު ވެސް ވެންޓިލޭޓަރުތައް ގެއްލުނީ ކަމަށް ބަލާނެ ހާލަތަކަށް ނުދާ ކަމަށް އަމީން ވިދާޅުވި އެވެ.
"މި ވެންޓިލޭޓަރުތަކުގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވެން ފެށީމާ ވެރިފައި ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރިން. އެ ފަރާތްތަކާ ގުޅައި ބްރޭންޑްތައް އަލުން ބަލައި ފެކްޓަރީތަކުގައި އެ ހުރި ކަމުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ގެނެވި މަސައްކަތްތަކެއް ކުރެވުނު،" އަމީން ވިދާޅުވި އެވެ.
ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީން މާލިއްޔަތު ގަވައިދާ ޚިލާފުވުމުގެ އިތުރުން ދުބާއީގެ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީން ބުނާ ވާހަކަ ދޮގުކޮށްފައިވެ އެވެ.
މިނިސްޓަރު އަމީނާއި ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް އަރުވިންދު މާތުރު އެ ކުންފުންޏާ ގުޅޭ ގޮތުން ދެއްކެވީ ރަސްމީ ވާހަކަތަކެއް ނޫން ކަމަށް އޮޑިޓުގައި އޮތަސް އަމީން ވިދާޅުވެފައި ވަނީ އޭނާ ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށެވެ. އެޑްވާންސް ފައިސާ އެ ކުންފުންޏަށް ދޫކުރުމުގައި ވެސް ހެލްތު މިނިސްޓްރީގެ މުވައްޒަފުން އަމަލުކޮށްފައި ވާނީ މާލިއްޔަތު ގަވާއިދާއި ރަސްމީ އިދާރާތަކުން ލިބުނު ހުއްދަތަކާ އެއްގޮތަށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ބޭނުންވާ ވަސީލަތްތައް ވީ އެންމެ އަވަހަކަށް ހޯދޭނެ ގޮތަކަށް އިސްކަންދީގެން ކަަމަށް އަމީން ވިދާޅުވި އެވެ.
އެއްބަސްވުން އޮތީ އެގްޒެކިއުޓާސްއަށް ފައިދާވާ ގޮތަށް
ޑަބްލިއުއެޗްއޯގެ މުއާމަލާތުގެ ލިޔުން އެބަހުރި: އަމީން
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ލަހެއް ނުވާނެ: އޭސީސީ
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
އަމީން އިތުރުފުޅުހެއްދެވި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕޮލިސް މަޖިލީހަށް
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި