Roadha Mihaaru
މައުސޫމްގެ ހުވާ ސައްހައެއް ނޫން، ހުންނެވީ އެމްޑީއަކަށް

މައުސޫމް ކުރެއްވި ހުވާ ސައްހައެއް ނޫން، ހުންނެވީ އެމްޑީއަކަށް!

25 އޯގަސްޓް 2020

ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރެއްވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވަނިކޮށް ކަމަށް ވާތީ އޭނާގެ ހުވާ ސައްހަ ނޫން ކަމަށް ވިދާޅުވެ އޭނާ އަށް ރުހުން ދިނުމާ މެދު ރައްޔިތުންގެ މަޖިލީހުގައި ޚިޔާލު ތަފާތުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރެއްވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވަނިކޮށް ކަމަށް ވާތީ އޭނާގެ ހުވާ ސައްހަ ނޫން ކަމަށް ވިދާޅުވެ އޭނާ އަށް ރުހުން ދިނުމާ މެދު ރައްޔިތުންގެ މަޖިލީހުގައި ޚިޔާލު ތަފާތުވެއްޖެ އެވެ.

ޓޫރިޒަމް މިިނިސްޓަރުގެ މަގާމަށް މި މަހު އައްޔަން ކުރެއްވި ޑރ. މައުސޫމަށް ރުހުން ދޭން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އޮތީ ފާސްކޮށްފަ އެވެ.

މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ކަމަށް ވިދާޅުވެ އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެންގެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އޭނާ ވިދާޅުވީ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން މައުސޫމް ކުރެއްވި ހުވާ ސައްހަ ނުވާނެ ކަމަށާއި ގާނޫނުއަސާސީގެ ދަށުން އެއީ މަނާ ކަމެއް ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެނޭޖިިން ޑިރެކްޓަރު ކަމުން މައުސޫމް އިސްތިއުފާ ދެއްވީ މަގާމުގެ ހުވާ ކުރެއްވި ފަހުން މިދިޔަ ހަފުތާގައި ކަމަށެވެ.

އެކަމާ ގުޅިގެން ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވީ ސައްހަ ހުވައެއް ކުރުމަށް ފަހު މަޖިލީހުން ރުހުން ދިނުމާ މެެދު ގޮތެއް ނިންމުމަށެވެ. އެކަމަކު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަހީމް ވިދާޅުވީ ރުހުން ދިނުމުގެ ކުރިން މެނޭޖިިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހަށް މިހާރު ރުހުން ދެވިދާނެ ކަމަށެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ ވަޒީރުކަން ފުރިހަމަ ވަނީ މަޖިލީހުން ރުހުން ދިނުމުން ކަމަށާއި އެހެންވެ، މިހާރު ރުހުން ދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ މަގާމުގެ ހުވާ ކުރާއިރު ވިޔަފާރިތައް ހިންގުމުން ދުރުވާން ޖެހޭނެ ކަމަށެވެ. އެހެންވެ، މައުސޫމަށް ރުހުން ދެވޭނީ ސައްހަ ގޮތުގައި އަލުން ހުވާ ކުރެއްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް މި މައްސަލާގައި ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މައުސޫމް ކުރެއްވި ހުވާ ސައްހަވާނެ ކަމަށާއި އޭގެފަހުން މެނޭޖިން ޑިރެކްޓަރުކަން ކުރެއްވުމަކީ މުޅިން އެހެން ކަމެއް ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. އޭނާ މަގާމުން ވަކި ކުރެއްވީ ޖިންސީ ގޯނާގެ ތުހުމަތެއްގަ އެވެ. އެ މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުންނެވެ.