Roadha Mihaaru
ކްރައިސްޓްޗާޗް: ތިންވަނަ މިސްކިތަކަށް ހަމަލާދޭން އުޅުނު

ކްރައިސްޓްޗާޗް: ތިން ވަނަ މިސްކިތަކަށް ވެސް ހަމަލާދޭން އުޅުނު

24 އޯގަސްޓް 2020

ކްރައިސްޗާޗް (އޮގަސްޓް 24) - ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި 2019 ވަނަ އަހަރު ދެ މިސްކިތަކަށް ހަމަލާދީ 51 މީހުން މަރާލި ބްރެންޓޮން ޓަރަންޓުގެ ބޭނުމަކީ ވީހާވެސް ގިނަ މީހުން މެރުން ކަމަށާއި އެ ގޮތުން ތިން ވަނަ މިސްކިތަކަށް ވެސް ހަމަލާދޭން އުޅުނު ކަމަށް ކޯޓުގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކްރައިސްޗާޗް (އޮގަސްޓް 24) - ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި 2019 ވަނަ އަހަރު ދެ މިސްކިތަކަށް ހަމަލާދީ 51 މީހުން މަރާލި ބްރެންޓޮން ޓަރަންޓުގެ ބޭނުމަކީ ވީހާވެސް ގިނަ މީހުން މެރުން ކަމަށާއި އެ ގޮތުން ތިން ވަނަ މިސްކިތަކަށް ވެސް ހަމަލާދޭން އުޅުނު ކަމަށް ކޯޓުގައި ބުނެފި އެވެ.

މިސްކިތަށް ހަމަލާދީ، މީހުން މެރި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމުގައި ބުނެފައިވާ ގޮތުގައި ޓަރަންޓް ވަނީ މިސްކިތްތަކުގައި ހުޅުޖަހަން ވެސް ނިންމައިފަ އެވެ. އޮސްޓްރޭލިއާ އަށް އުފަން 29 އަހަރުގެ ޓަރަންޓުގެ މައްޗަށް ވަނީ މީހުން މެރުމުގެ 51 ދައުވާ އާއި މީހަކު މަރާލަން އުޅުމުގެ 40 ދައުވާ އަދި ޓެރަރިޒަމްގެ އެއް ދައުވާ ކޮށްފަ އެވެ. މާޗް 15، 2019 ގައި މިސްކިތަށް ހަމަލާ ދެމުން ދިޔަ އިރު ޓަރަންޓް ދިޔައީ އެ މަންޒަރުތައް ފޭސްބުކުން ލައިވްކުރަމުންނެވެ.

ހަމަލާ ދިން ޓަރަންޓް ކޯޓުގައި. --ފޮޓޯ:އީޕީއޭ

ހަމަލާ ދިން ޓަރަންޓް ކޯޓުގައި. --ފޮޓޯ:އީޕީއޭ

އޭނާ ފުރަތަމަ ދިޔައީ އަލް ނޫރު މިސްކިތަށެވެ. ހުކުރަށް ގޮސް ތިބި މީހުން ގަޔަށް ބަޑިޖެހުމަށް ފަހު، ދެން އޭނާ ދިޔައީ 5 ކިލޯމީޓަރު (3 މޭލު) ދުރުގައިވާ ލިންވުޑް މިސްކިތަށެވެ. އެ މިސްކިތަށް ވެސް ހަމަލާދީ އެތައް ބަޔަކު މެރި އެވެ. ދުނިޔެ އާއި ނިއު ޒީލެންޑަށް ވެސް ޝޮކެއް ލިބުނު އެ ހަމަލާ އަށް ފަހު ނިއު ޒީލެންޑުން ވަނީ ބަޑި ގެންގުޅުމުގެ ގާނޫނު ހަރުދަނާކޮށްފަ އެވެ.

ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ޓަރަންޓް ވަނީ އެތައް ދުވަހެއް ކުރިން އެ ހަމަލާ ރާވާފައި ކަމަށާއި އޭނާގެ ބޭނުމަކީ ވީހާވެސް ގިނަ މީހުން މެރުން ކަމަށެވެ. އޭނާ ވަނީ ނިއު ޒީލެންޑުގެ މިސްކިތްތަކާ ބެހޭ މައުލޫމާތު އެއްކޮށް މިސްކިތްތަކުގެ ފްލޯތައް ހުންނަ ގޮތް ވެސް ދިރާސާކޮށްފަ އެވެ. މިސްކިތްތަކުގައި މީހުން އެންމެ ގިނަވާނެ ވަގުތުތައް ވެސް އޭނާ ވަނީ ބަލައިފަ އެވެ.

އަލް ނޫރު މިސްކިތާއި ލިންވުޑް އިސްލާމިކް ސެންޓަރުގެ އިތުރުން އެޝްބާޓަން މިސްކިތަށް ވެސް ހަމަލާ ދޭން ޓަރަންޓް ރޭވި ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެ އެވެ. އޭނާ ހައްޔަރު ކުރީ ތިން ވަނަ މިސްކިތަށް ހަމަލާ ދޭން ދުއްވާފައި ދަނިކޮށެވެ.

ކޯޓުގައި ޓަރަންޓް ތަމްސީލް ކުރަނީ އޭނާ އެކަންޏެވެ. މިއަދު ފެށި ޝަރީއަތް ހަތަރު ދުވަހަށް ކުރިއަށް ގެންދާނެ އެވެ.