Roadha Mihaaru
މިސްކިތަށް ހަމަލާ ދިން މީހާގެ ނަފްސާނީ ޓެސްޓެއް ހަދަނީ

މިސްކިތަށް ހަމަލާ ދިން މީހާގެ ނަފްސާނީ ޓެސްޓެއް ހަދަން އަންގައިފި

05 އެޕްރީލް 2019

ކްރައިސްޗާޗް (އެޕްރީލް 5) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިދިޔަ މަހު ހަމަލާދީ 50 މީހުން މަރާލި އޮސްޓްރޭލިއާގެ ހަރުކަށި ޓެރަރިސްޓް ބްރެންޓް ޓަރަންޓުގެ ނަފްސާނީ ޓެސްޓެއް ހެދުމަށް ފަނޑިޔާރު މިއަދު އަންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކްރައިސްޗާޗް (އެޕްރީލް 5) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް މިދިޔަ މަހު ހަމަލާދީ 50 މީހުން މަރާލި އޮސްޓްރޭލިއާގެ ހަރުކަށި ޓެރަރިސްޓް ބްރެންޓް ޓަރަންޓުގެ ނަފްސާނީ ޓެސްޓެއް ހެދުމަށް ފަނޑިޔާރު މިއަދު އަންގައިފި އެވެ.

ކްރައިސްޗާޗުގެ ހައި ކޯޓުގައި މިއަދު ބޭއްވި ކުރު ޝަރީއަތުގައި ފަނޑިޔާރު ކެމަރަން މަންޑާ، ޓަރަންޓުގެ ނަފްސާނީ ޓެސްޓްތަކެއް ހެދުމަށް އެންގީ ޝަރީއަތާ ކުރިމަތިލެވޭވަރަށް އޭނާ ނަފްސާނީ ގޮތުން ފިޓްތޯ ބެލުމަށެވެ. ވީޑިއޯ ލިންކެއް މެދުވެރިކޮށް ޓަރަންޓުގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާގެ އަޑުއެހުން މިއަދު ކުރިއަށް ގެންދިޔަ އިރު ފުރަތަމަ ދުވަހުގެ ޝަރީއަތުގައި އޭނާގެ މޫނުމަތިން ފެނުނު މަންޒަރު މިއަދު ތަފާތެވެ. ފުރަތަމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ މޫނުމަތިން ދެރަވުމުގެ ނިޝާނެއް ނުފެނެ އެވެ. ކުރިމައްޗަށްވާ ގޮތަށް ދެއަތުގައި ބިޑިއަޅުވާފައި ޖަލު ހެދުމުގައި ހުރި ޓަރަންޓް ފަނޑިޔާރުގެ ވާހަކަތައް މިއަދު އަޑު އަހަމުން ދިޔަ އިރު ބައެއް ފަހަރަށް އިސް ޖަހަ އެވެ.

ކްރައިސްޓްޗާޗުގެ ޑިސްޓްރިކްޓުގެ ކޯޓުގެ ބޭރަށް ނޫސްވެރިން މިއަދު ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ކްރައިސްޓްޗާޗުގެ ޑިސްޓްރިކްޓުގެ ކޯޓުގެ ބޭރަށް ނޫސްވެރިން މިއަދު ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ފުރަތަމަ ޝަރީއަތަށް ފަހު ޓަރަންޓް ވަނީ ކޯޓުން އައްޔަން ކުރި ވަކީލް ވެސް ދޫކޮށްލައިފަ އެވެ. އަދި ވަނީ ކޯޓުގައި ވާހަކަ ދައްކަނީ އަމިއްލަ އަށް ކަމަށް ބުނެފަ އެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގައި އޭނާގެ ފަރާތުން ދެ ވަކީލަކު ބައިވެރިވި އެވެ.

ޓަރަންޓުގެ މައްޗަށް މިއަދު ވަނީ މީހުން މެރުމުގެ 50 ދައުވާ އާއި މީހަކު މަރާލަން އުޅުމުގެ 39 ދައުވާ އުފުލައިފަ އެވެ. ޓަރަންޓުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އޭނާ ވާނީ ނިއު ޒީލެންޑުގައި ޕެރޯލް ނުދީ އުމުރަށް ޖަލަށްލާ ފުރަތަމަ މީހާ އަށެވެ. ޕެސިފިކުގެ ޖަޒީރާ ގައުމުގައި މަރުގެ އަދަބެއް ނުދެ އެވެ. ނިއު ޒީލެންޑުގައި ޕެރޯލް ނުލިބޭ ގޮތަށް މީގެ ކުރިން އެންމެ ދިގު މުއްދަތަކަށް ޖަލު ހުކުމެއް ކޮށްފައި ވަނީ 30 އަހަރަށެވެ.

ޝަރީއަތް އަޑު އަހަން މިއަދު ގިނައިން ވަދެ ތިބީ ހަމަލާ އިން ސަލާމަތްވި މީހުންނެވެ. ގެލަރީގެ ތިބި މީހުންނަށް މިއީ ސްކްރީނަކުން ނަމަވެސް ޓަރަންޓުގެ މޫނު ރަނގަޅަށް ފެނުނު ފުރަތަމަ ފަހަރެވެ.