Roadha Mihaaru
އިންޑިއާ މީހެއްގެ އޯވަރީން 50 ކިލޯގެ ޓިއުމަރެއް

އިންޑިއާ މީހެއްގެ އޯވަރީން 50 ކިލޯގެ ޓިއުމަރެއް ނަގައިފި

23 އޯގަސްޓް 2020

އިންޑިއާ މީހެއްގެ އޯވަރީން 50 ކިލޯގެ ޓިއުމަރެއް ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ މީހެއްގެ އޯވަރީން 50 ކިލޯގެ ޓިއުމަރެއް ނަގައިފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި މީހެއްގެ ބަރުދަން ހުންނަ ވަރުގެ ޓިއުމަރެއް ނަގާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ވެރިރަށް ނިއު ދިއްލީގެ އިންދުރަޕްރަސްތާ އެޕޯލޯ ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނެއްގަ އެވެ. ފަންސާސް ކިލޯގެ ޓިއުމަރު ނެގީ 52 އަހަރުގެ މީހެއްގެ އޯވަރީންނެވެ. އޭނާގެ ބަރުދަނުގައި 106 ކިލޯ ހުއްޓެވެ.

ނޫސްތަކުން ބުނި ގޮތުގައި ޓިއުމަރު ނަގަން ކުރި އޮޕަރޭޝަން ހަތަރު ހަޑިއެއްހާ އިރަށް ދެމިގެން ދިޔަ އެވެ. އެ އޮޕަރޭޝަނާ އެކު އަންހެން މީހާގެ ބަރުދަން ވަނީ 56 ކިލޯ އަށް ތިރިވެފަ އެވެ.

އޮޕަރޭޝަންކުރި އަންހެން މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޮޕަރޭޝަނަކަށް ދާން ޖެހުނީ ފާއިތުވި ދުވަސްތަކުގައި ބަރުދަން އާދަޔާހިލާފަށް އިތުރުވެ، ބޮޑު ބަނޑެއްލަމުން ދިއުމާ އެކު ނޭވާލާން ދަތިވުމާއި ހިނގުމާއި ނިދަން އުނދަގޫވުމާއި ދަށްބަނޑުގައި މާ ބޮޑަށް ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ބޮޑު މައްސަލައެއް އުޅޭކަން ޓެސްޓްތަކުން އެނގުމުންނެވެ.

އަންހެން މީހާ އޮޕަރޭޝަން ކުރި ޓީމުގައި އިސްކޮށް އުޅުއްވި ސާޖިކަލް ގޭސްޓްރޮއެންޓޮލޮޖީ އެންޑް ބެރިއޭޓްރިކް ސާޖަރީގެ ސީނިއާ ކޮންސަލްޓަންޓް ޑރ. އަރުން ޕްރަސާދު ވިދާޅުވީ ބޮޑު ޓިއުމަރުގެ ސަބަބުން އަންހެން މީހާ ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ލޭގެ ހިމަގްލޮބިން ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން އެނެމިއާ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން އޭނާގެ ހާލަތު ވަރަށް ގޯސްކޮށް އޮތީ. ކާނާ ވެސް ރަނގަޅަށް ހަޖަމުނުކުރެވި ބަނޑުގެ ހާލަތު ވެސް ވަރަށް ގޯސް،" އަރުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގިއު އަންހެން މީހާގެ ހާލަތުގެ ގޮތުން ލެޕަރޯސްކޯޕީ ނުވަތަ ޒަމާނީ އެހެން މެތަޑެއް ވެސް ބޭނުންކޮށްގެން އޮޕަރޭޝަންކުރަން ހުރަކަށްވި ކަމަށެވެ. އެހެންވެ އޮޕަރޭޝަންކުރީ އާންމުކޮށް އޮޕަރޭޝަން ކުރާ އާދައިގެ ގޮތަށެވެ.

"އެކަމަކު އަހަރެމެންގެ ތަޖުރިބާކާރު ޓީމުން ކުރި މަސައްކަތުން އޮޕަރޭޝަން ވަރަށް ކާމިޔާބު." އަރުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ކެރިއަރުގައި މިނާތަނަށް 50 ކިލޯގެ އޮވޭރިއަން ޓިއުމަރެއް ފެނުނު ފުރަތަމަ ފަހަރެވެ. އަރުން ވަނީ 2017 ގައި ކޮއިމްބަތޫރުގެ އަންހެނެއްގެ އޯވަރީން 34 ކިލޯގެ ޓިއުމަރެއް ވެސް ނަންގަވައިފަ އެވެ.