Roadha Mihaaru
"ކާޑުގެ އަގު ބޮޑުކުރުމަކީ ފަސޭހަ ނިންމުމެއް ނޫން"

ކާޑުގެ އަގު ބޮޑުކުރުމަކީ އަޅުގަނޑަށް ފަސޭހަ ނިންމުމެއް ނޫން: ރައީސް

25 އޮކްޓޯބަރ 2016

ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދޭ ގޮތަށް ހަމަޖައްސައި ކާޑުގެ އަގު ބޮޑުކުރުމަކީ އެ މަނިކުފާނަށް ފަސޭހަފުޅު ނިންމެވުމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން، ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދޭ ގޮތަށް ހަމަޖައްސައި ކާޑުގެ އަގު ބޮޑުކުރުމަކީ އެ މަނިކުފާނަށް ފަސޭހަފުޅު ނިންމެވުމެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން، ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކާޑުގެ އަގު ބޮޑު ކުރި މައްސަލާގައި އެ މަނިކުފާނާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވަނިކޮށް އެކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަމައެކަނި 2018 އަށް ވިސްނުން ގެންގުޅުއްވާ ނަމަ، ކާޑުގެ އަގު ބޮޑު ކުރުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ކާޑުގެ އަގު ބޮޑު ކުރީ، ތަރައްގީގެ މަޝްރޫއުތަކަށްޓަކައި ކޮންމެހެން ކުރަން ޖެހިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހިރިމަރަދޫ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން، ގައުމުތަކުގައި 8ރ. އަށް ހަނޑޫ ކިލޯއެއް ވިއްކާއިރު ރާއްޖޭގައި ހަނޑޫ ކިލޯ 2ރ. އަށް ވިއްކާނީ ކިހިނެއްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

"ބައެއް ގައުމުތަކުގައި މިކަން ކުރާ ގޮތަކީ، މިސާލަކަށް ގައުމު ނުދެންނެވިއަސް އަޅުގަނޑުމެންގެ އަވަށްޓެރި ވަރަށް ގިނައިން ހަނޑޫ އުފައްދާ ގައުމެއް. އެއް ވަނަ ގްރޭޑާއި ދެ ވަނަ ގްރޭޑުގެ ހަނޑުލަކީ އެ ރަށުގެ ރައްޔިތުން ކާން ބާޒަރަށް ނެރޭ އެއްޗެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެ ގައުމުގެ ރައްޔިތުން ކާން ހުންނަނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތިން ވަނަ ގްރޭޑުގެ ހަނޑުލެވެ. އެއީ ވެސް މި ސަރަހައްދުގައި އުޅޭ ގައުމަކުން ކަންކުރާ އުސޫލް ކަމަށް ރައީސް ވިދާޅުވި އެވެ.

ހިރިމަރަދޫގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ. ބޮލަކަށް ޖެހޭ ދަރަނި އިތުރުވިއަސް އެ ދަރަނި އަދާކުރާނެ ގޮތްތައް ވެސް ހޯއްދަވާނެ ކަމަށް ވިދާޅުވި. --ޓުވިޓާ ފޮޓޯ: ރައީސްޔާމީން2018

ހިރިމަރަދޫގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ. ބޮލަކަށް ޖެހޭ ދަރަނި އިތުރުވިއަސް އެ ދަރަނި އަދާކުރާނެ ގޮތްތައް ވެސް ހޯއްދަވާނެ ކަމަށް ވިދާޅުވި. --ޓުވިޓާ ފޮޓޯ: ރައީސްޔާމީން2018

ރައީސް ވިދާޅުވި ގޮތުގައި ތަފާތު ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. ރާއްޖެ އަކީ ކުޑަ ގައުމަކަށް ވާއިރު، ލިބޭ އާމްދަނީން ހުރިހާ ހިދުމަތްތަކެއް ފަހި ކޮށްނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އާމްދަނީން ދެކޮޅު ނުޖެހޭތީ ދެން އޮތް ގޮތަކީ ދަރަންޏަށް ލޯނު ނެގުން ކަމަށާއި ކެރިވަޑައިގެން އެ މަނިކުފާނު އެކަން ކުރައްވަނީ ދަރަނި ދެއްކެވޭނެ ގޮތްތައް ވެސް ހޯއްދަވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ލޯނުތަކަކީ ރައްޔިތުންނާއި ގައުމުގެ ތަރައްގީ އަށް ބޭނުންވާ މުހިއްމު ކަންކަމަށް ނަގާ ލޯނުތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަލާން ޖަހައިގެން ނަމަވެސް އަޅުގަނޑުމެން ރާއްޖެ ތަރައްގީ ކުރާނަން،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ބުނެއުޅޭ ދެއްތޯ، ނުފޯރާ ފޮތިން ފޫ ނުގަޅާ ވާހަކަ. އެކަމަކު އަޅުގަނޑާ އެކު މަސައްކަތް ކުރައްވާ ކެބިނެޓް ޓީމުގެ ވިސްނުމަކީ ކިތަންމެ ކުޑަ ފޮތިކޮޅެއް ދިނަސް ތިމަންނަމެން ފޫގަޅާނަމޭ."

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީގައި ތިއްބެވި ސަރުކާރު ކޯލިޝަން މެމްބަރުންނަކީ ވެސް "ރޮކެޓް ސްޕީޑުގައި" ކަންކަން ކުރައްވާ ބޭފުޅުންނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ މުއްދަތު ކައިރިވެފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުންގެ ތަރައްގީ އަށް ބޭނުންވާ ގިނަ ކަންކަން މި ފަހަރު ވެސް ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައި ބަޖެޓަށް ވޯޓު ނުދޭ މެމްބަރުން ފެނިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ނުސީދާކޮށް ފާޑުވިދާޅުވީ މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަށެވެ.

ކައުންސިލް އިންތިހާބު ކައިރިވެފައި ވާއިރު ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލަތަކާ ހެދި އާއްމު މެމްބަރުންގެ ނުތަނަވަސްކަން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު ކޮންމެ މީހަކީ ވެސް އުސޫލްތަކަކާ އެކު ހިދުމަތް ކުރަން ބޭނުންވާ މީހެއް ކަން ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް އަދި ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމާ މެދު އުފެދުނު މައްސަލަތަކުގައި ޕީޕީއެމް މިހާރު އޮތީ ދެ ފަޅިވެފަ އެވެ. މައުމޫން ފެކްޝަނެއް ހިންގަވާއިރު އަނެއް ފެކްޝަން ހިންގަވަނީ ރައީސް ޔާމީނެވެ.

ޕާޓީތަކަކީ، ރައީސް ވިދާޅުވި ގޮތުގައި، ވަކި މީހަކު ވަށައިގެން އެނބުރޭ ޕާޓީތަކަކަށް ވެގެން ނުވާނެ އެވެ. އެކަކުގެ ފަހަތުން މީހުން އެނބުރޭ ކަމަށް ވަންޏާ، ގިނަ ބަޔަކު މިހާރު މުގޯލި އަޅަން ޖެހޭނީ އެ މަނިކުފާނު ވަށައިގެން ކަމަށާއި ސަބަބަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ހުންނެވި ބޭފުޅަކީ އެ މަނިކުފާނު ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް އަލި އަޅުއްވާލައްވައި ވިދާޅުވީ ކައުންސިލަރުންގެ ގޮތުގައި އިންތިހާބު ކުރަން ޖެހޭނީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދޭނެ މީހުން ކަމަށެވެ. އެކަމުގެ ހެޔޮ ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.