Roadha Mihaaru
ކާޑުގެ މައްސަލާގައި މައުމޫން: މި ނޫން ގޮތެއް ހޯދައިދީ

ކާޑުގެ މައްސަލާގައި "މި ނޫން ގޮތެއް ހޯދައިދޭން" މައުމޫން އެދިވަޑައިގެންފި

02 އޮކްޓޯބަރ 2016

ކާޑުގެ އަގު ދެ ގުނަ ބޮޑުކުރަން ސަރުކާރުން ނިންމި ކުއްލި ނިންމުމާ މެދު ހިތްހަމަޖެހިވަޑައި ނުގެން އެނޫން އެހެން ގޮތެއް ހޯދައިދޭން ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކާޑުގެ އަގު ދެ ގުނަ ބޮޑުކުރަން ސަރުކާރުން ނިންމި ކުއްލި ނިންމުމާ މެދު ހިތްހަމަޖެހިވަޑައި ނުގެން އެނޫން އެހެން ގޮތެއް ހޯދައިދޭން ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ އެދިވަޑައިގެންފި އެވެ.

ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ވައިބަ ގްރޫޕްގައި މައުމޫން ލިއުއްވީ ކާޑުގެ ބާވަތްތަކުގެ އަގު ކުއްލިއަކަށް މިހާތަން ބޮޑުވުމަކީ އާއްމުންނަށް ވަރަށް ދަތިވާނެ ކަމެއް ކަމަށެވެ. އެގޮތަށް ބަދަލު ގެނައުމަކީ ޕީޕީއެމްގެ ސަރުކާރަކުން ކުރާ ކަހަލަ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ނޫން ގޮތެއް ހޯދުން މުހިއްމު،" ވައިބަ ގްރޫޕްގައި މައުމޫން ވިދާޅުވި އެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ.

މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ.

މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ބައެއް ނިންމެވުންތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން މައުމޫން ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ސާފު އަޣުލަބިއްޔަތާ އެކު ސަރުކާރުން ނިންމާ ބައެއް ނިންމުންތަކަކީ ރައްޔިތުންނަށް ގެއްލުން ހުރި ކަންކަން ކަމަށް މައުމޫން ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހާއި އިއުލާން ނުކޮށް ރަށްތައް ދޫކުރަން ފާސްކުރުމާއި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ހިމެނެ އެވެ.

ކާޑުގެ އަގު ބޮޑުކުރުމާ މައުމޫން ދެކޮޅު ހެއްދެވިއިރު، އެކަން ކުރަން ޖެހުނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. ސަބްސިޑީ ކަނޑާލައިގެން 140 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް ވުރެ ސަރުކާރަށް މުހިއްމީ، ބޮޑެތި މަޝްރޫއުތައް ހިންގަން ބޭރުގެ މާލީ އިދާރާތަކުން ދޭ ލޯނުގެ އެހީ މެދުކެނޑުމެއް ނެތި ލިބުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ޒުހޫރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ހަރަދު ކުޑަކުރަން މާލީ އިދާރާތަކުން ލަފާ ދޭ އެހެން ކަންކަން ހުރި ގޮތަށް ބަހައްޓާފައި ކާޑުގެ އަގު ބޮޑުކުރުމަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

ހަރަދުކުޑަކުރުމަށް، ޓެކްސް އަށް ބަރޯސާ ނުވާ ގައުމަކަށް ހެދުމާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމާއި ސަރުކާރުގެ ހަރަދު ކުޑަކުރުމާއި ބޭކާރު ވަޒީފާތައް މަދުކުރުމާއި މުވައްޒަފުންގެ އަދަދު މަދުކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ފަރަގު ކުޑަކުރުން ވެސް މާލީ އިދާރާތަކުން އަބަދުވެސް ލަފާދެ އެވެ.