13 އޮކްޓޯބަރ 2016
ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅުގައި އޮތް އުދާސްތައް އިއްޔެ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ކުރިމަތީގައި ބޭރުކުރަައްވައިފި އެވެ.
ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅުގައި އޮތް އުދާސްތައް އިއްޔެ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ކުރިމަތީގައި ބޭރުކުރަައްވައިފި އެވެ.
މުލިއާގޭގައި މެމްބަރުންނާ އެކު ރައީސް ހޭދަކުރެއްވި، ގާތްގަނޑަކަށް ތިން ގަޑިއިރުގެ ބައްދަލުވުމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި މައުމޫންގެ ތާއީދު ލިބިވަޑައިނުގަންނަވާނެ ކަން ރައީސް ޔާމީން އަމިއްލަފުޅަށް ވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ. މައުމޫންގެ އަމަލުފުޅުތައް ހުރި ގޮތުން އެކަން ޔަގީން ކަމަށް ރައީސް ޔާމީން އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް މެމްބަރު ކިޔައިދެއްވި އެވެ.
ރައީސް ޔާމީންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ އެތެރެއިން އެމަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުންތަކެވެ. އމިއްލަފުޅު ޕާޓީ ތެރެއިން ކުރިމަތިވާ އުނދަގޫތައް ސިފަކުރެއްވީ އެމަނިކުފާނާ އިދިކޮޅު ހުރިހާ ފަރާތްތަކެއްގެ އުނދަގުލަށް ވުރެ ވެސް ބޮޑު ކަމެއްގެ ގޮތުގަ އެވެ.
ރައީސް ޔާމީން މެމްބަރުން ގާތު ވިދާޅުވި ގޮތުން ނަމަ، އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލުމާ ހިސާބުން މައުމޫނާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދިއްޖެ އެވެ. ކެބިނެޓުގެ ބައެއް މަގާމްތަކަށް ރައީސް ޔާމީން އައްޔަންކުރެއްވި ބައެއް ބޭފުޅުންނާ މެދު މައުމޫން ހިތްޕުޅުހަމަޖެހިވަޑައިނުގެން އެ ވާހަކަ ދެއްކެވި ކަމަށް ރައީސް މެމްބަރުން ގާތު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
ކެބިނެޓުގައި ތިއްބަވާ ބޭފުޅުންނާއި ރައީސް އޮފީހާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އެހެން އިދާރާތަކަށް މީހުން އައްޔަންކުރެއްވުމުގައި ރައީސް ޔާމީނަށް އިހްތިޔާރު އޮންނަން ނުޖެހޭ ހިސާބަށް މައުމޫން "ބަސް ވިދާޅުވާން ފެއްޓެވުމަކީ"، މެމްބަރު ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަށް ގަބޫލުފުޅުކުރައްވަން ފަސޭހަފުޅުވި ކަމެއް ނޫނެވެ.
"ނައިބު ރައީސަކަށް ވެސް އައްޔަން ކުރަން ޖެހެނީ ރައީސް މައުމޫން ބޭނުންފުޅުވާ މީހަކު، ކެބިނެޓުގައި ވެސް އަދި އެހެން ތަންތަނުގައި ވެސް،" އެ މެމްބަރު ވިދާޅުވި އެވެ.
"ރައީސް ވިދާޅުވި ގޮތުން ނަމަ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާ ވެސް އެމަނިކުފާނު ބައްދަލުކުރައްވަން ޖެހިވަޑައިގަންނަވާނީ މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނުގެ ހުއްދަ ހޯއްދަވައިގެން."
ބައެއް މައްސަލަތަކުގައި ހިތްޕުޅުހަމަޖެހިވަޑައިނުގެން އެތައް އެސްއެމްއެސްއަކާއި ސިޓީތައް ވެސް މައުމޫން ފޮނުއްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އޭގެ ތެރެއިން ދިމާވި އެއް ކަމެއް މެމްބަރުންނާ ރައީސް ހިއްސާކުރެއްވި އެވެ.
ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ އިސްލާހާ ދެކޮޅު ހައްދަވައި އެކަން ނުކުރެއްވުމަށް މައުމޫން ފޮނުއްވި ސިޓީ ވިދާޅުވެވުމުގެ ކުރިން މީޑިއާ އިން އެ ސިޓީ ފެނުމަކީ ރައީސް ޔާމީން ހިތްހަމަޖެހިވަޑައިނުގެންނެވި ކަމެކެވެ. އެ ސިޓީ އަށް ވެސް ޖަވާބު ނުދެއްވާ ކަމަށް މައުމޫން ވިދާޅުވިއިރު އޭގެ ސަބަބަކީ ފުރަތަމަ މީޑިއާ އަށް އާއްމުކުރެއްވުމުން ދެއްވާނެ ޖަވާބެއް ނެތުން ކަމަށް މެމްބަރުން ގާތު ރައީސް ޔާމީން ވިދާޅުވި ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް މި ސިޓީ ލިބިވަޑައިގަންނަވަނީ އެއް ދުވަހަކު އޮފީސް ނިންމަވާފައި ގެއަށް ވަޑައިގަންނަވަނިކޮށް. އެ ސިޓީ ވިދާޅު ނުވެވިގެން އުޅުއްވަނިކޮށް ސީޓީ ފެންނަނީ މީޑިއާ އިން. އެހެންވެ އެ ސިޓީ އަށް ދެއްވަންވީ ޖަވާބެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވީ،" މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވާހަކަފުޅުތަކުން ސާފުވީ "ރައީސް މައުމޫން ބޭނުންފުޅުވީ ގޮނޑިކޮއްކޮ ސަރުކާރެ"ކެވެ. ރައީސް ޔާމީން އެކަމަށް ދޫނުދެއްވައި ހިފެހެއްޓެވީ، މެމްބަރު ވިދާޅުވި ގޮތުގައި، "އެއީ ސަރުކާރެއް ހިންގަން ޖެހޭ ގޮތް ނޫން ކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާތީ" އެވެ.
މެމްބަރު ވިދާޅުވި ގޮތުގައި ޕީޕީއެމް ތެރޭގައި މާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަކަށް ރައީސް ޔާމީން ގަބޫލުފުޅެއް ނުކުރައްވަ އެވެ. ޕާޓީ ތެރޭގައި އުފެދިގެން އުޅެނީ މައުމޫން "އުފަން ކުރައްވައިގެން" އުޅޭ މައްސަލަތަކެއް ކަމަށް ރައީސް ޔާމީން ގަބޫލުފުޅުކުރައްވާ ކަމަށް މެމްބަރުންނާ އެމަނިކުފާނު ހިއްސާކުރެއްވި މައުލޫމާތުތަކުން އެނގޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައުމޫން ވާހަކަ ދައްކަވަނީ.
ރައީސް ޔާމީން އެ މިހެން ވިދާޅުވި ނަމަވެސް، ޕީޕީއެމް ތެރޭގައި މައްސަލަ އުފެދުނީ ޕާޓީގެ ރަސްމީ އޮފީހުން ބޭރުގައި ނިންމުންތައް ނިންމައި އަސާސީ ގަވާއިދާ ހިލާފަށް އެތައް ކަމެއް ހިނގަން ފެށުމުން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އެގޮތަށް ޕާޓީ ހިންގާތީ ސައްހަ މެމްބަރުންގެ އަދަދާއި އެހެން ވެސް ގިނަ ކަންކަން ބޮއްސުންލާފައިވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
މައުމޫން އެންމެ ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި އެއް ކަމަކީ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގައި ޕީޕީއެމްގެ ބައެއް މަސައްކަތްތައް ކުރެއްވުމެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕާޓީއާ ގުޅޭ ބައެއް ކަންކަން އެ އޮފީހުގެ ތެރެއިން ނިންމަން ޖެހިވަޑައިގަތީ، ޕީޕީއެމުން އެއްވެސް ކަމެއް ނުކުރާތީ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް މެމްބަރު ކިޔައިދެއްވި އެވެ.
ޕީޕީއެމްގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ޕާޓީ އޮފީސް ތެރެއިން ކުރެވުނީ ކޮން ކަމެއްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި ކަމަށްވެ އެވެ. އެމަނިކުފާނުގެ ކެމްޕޭން އޮފީހުން މައުމޫނާ ދެކޮޅަށް ކަންކަން ކުރިއަށް ގެންދެވީ ޕީޕީއެމްގެ ވެރިކަމުގައި، އެ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުން އަދި އެހެން ވެސް ރައްޔިތުންގެ ބޭނުންތައް ހުންނާނެތީ އެކަން އަޑުއައްސަވައި ހައްލު ހޯއްދަވައި ދެއްވަން ކަމަށް ރައީސް ޔާމީން މެމްބަރުން ގާތު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވިސްނުންފުޅު ގެންގުޅުއްވަނީ ޕާލަމެންޓްރީ ގްރޫޕުގެ އިސް ނެގުމާ އެކު ވާހަކަ ދައްކަވައިގެން މައްސަލަތަކަށް ހައްލު ހޯއްދެވުމަށެވެ. ޕާޓީގެ ކަންކަން ހަމައަކަށް އަޅުވަން ރައީސް މައުމޫނާ ވާހަކަފުޅުދައްކަން ތައްޔާރަށް ހުންނެވި ނަމަވެސް ރައީސް ޔާމީން ބޭނުންފުޅު ވަނީ ޕީޖީ ގްރޫޕުން ކަނޑައަޅާ މެމްބަރުންތަކަކާ އެކު މައުމޫނާ މަޝްވަރާ ކުރައްވަން ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
"ރައީސް ޔަގީންކަން ދެއްވި މައުމޫނާ ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް،" މެމްބަރު ވިދާޅުވި އެވެ.
މައުމޫން އެގޮތް ގަބޫލުފުޅު ނުކުރައްވައިފި ނަމަ ޕާޓީގެ މައްސަލަތަކަށް ހައްލު ހޯދޭނެ އެހެން ގޮތްގޮތް ވެސް އެބަހުރި ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެ އެވެ.
ޕާޓީގެ ކައުންސިލް ބޭއްވިޔަ ނުދީ ބާރުތައް ހިފަހައްޓަވައިގެން މައުމޫން ހުންނެވިއަސް އެއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވާ ކަަމަށް މެމްބަރު ވިދާޅުވި އެވެ. އަދި އެންމެ ފަހުން ބޭއްވި ކައުންސިލުން ބައެއް މެމްބަރުން ނިކުމެވަޑައިގަތް މައްސަލާގައި މާފަށް އެދިވަޑައިގަތުމަށް މައުމޫން އެންގެވި ނަމަވެސް އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
އެއް ސަބަބަކީ، މެމްބަރު ވިދާޅުވި ގޮތުގައި، ޕީޕީއެމަކީ ހަމައެކަނި މައުމޫންގެ ޕާޓީއަކަށް ނުވުމާއި އަސާސީ ގަވާއިދާ ހިލާފަށް ކަންކަން ކުރެއްވުމުގެ ބާރު އެއްވެސް މީހަކަށް ނޯންނާނެތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫން ހިފަހައްޓަވާފައިވާއިރު، އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ހިނގާ އެއް ކަމެއް ޕީޖީ ގްރޫޕުގެ މެމްބަރުން ދެއްކެވުމަށް ރައީސް ޔާމީން އެދިވަޑައިގަތް ކަމަށް މެމްބަރު ވިދާޅުވި އެވެ.
"ޕާޓީގެ އެންމެ އިސް ގުނަވަނަކީ ކައުންސިލް ކަމަށްވާއިރު، ކައުންސިލުން ކުރަން ޖެހޭ ކަންކަން ވެސް އަދި ކޮންގްރެސް އާއި އެހެން ކޮމެޓީތަކުން ވެސް ކުރައްވަން ޖެހޭ ކަންކަން އެންމެ ބޭފުޅެއްގެ މުށުތެރޭގައި އޮންނަން ޖެހޭ ކަމަކަށް ރައީސް ޔާމީން ގަބޫލެއް ނުކުރައްވާ،" މެމްބަރު ވިދާޅުވި އެވެ.
މައުމޫން ގޮތް ދޫނުކުރައްވައި ހިފަހައްޓަވައިފި ނަމަ ރައީސް ޔާމީންގެ ވިސްނުންފުޅު ހުންނެވީ ކޯޓު ތެރެއިން ޕާޓީގެ މައްސަލަ ހައްލުކުރާށެވެ. އެކަމަކު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕާޓީތަކުގެ އިސް މަގާމުގައި ނުތިބެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން މިވަގުތު ރައީސް ޔާމީން ބޭނުންފުޅު ނުވާ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
"ރައީސް މައުމޫނަށް ދެއްވަން ޖެހޭ އިހްތިރާމާއި ގަދަރު އެމަނިކުފާނަށް އަރުވަން ރައީސް ޔާމީން އެދިވަޑައިގެންނެވި. އިހްތިރާމުން ބޭރުގައި ކަންކަން ނުނިންމަވަން ވެސް އެދިވަޑައިގަތް،" މެމްބަރު ވިދާޅުވި އެވެ.
"ކޯޓު ތެރެއިން ވެސް މައްސަލަ ހައްލު ނުވެއްޖެ ނަމަ ފަހު ކާޑުގެ ބޭނުން ހިފާނީ،،" މެމްބަރު ވިދާޅުވި އެވެ.
ފަހު ކާޑަކީ ކޮން ކަމެއްތޯ މެމްބަރު ވިދާޅު ނުވިއަސް އެއީ މަޖިލިސް މެދުވެރިކޮށް ޕީޕީއެމުން މައުމޫންގެ ބާރު ކަނޑުވާލުމެވެ. މައުމޫންގެ މަގާމު ގެއްލުވާލަން އެ އިސްލާހު ހުށަހަޅަން ކުރިން ވެސް މެމްބަރުން ވާހަކަ ދެއްކެވި އެވެ. އަދި އިސްލާހު ހުށަހަޅައިފި ނަމަ ފާސްވާނެ އެވެ. އޭރުން މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލުނީ އެވެ.
މެމްބަރު ވިދާޅުވި ގޮތުގައި ޕާޓީ ތެރެއިންނާއި އިދިކޮޅު ފަރާތްތަކުން ކިތަންމެ ޕްރެޝަރެއް ކުރިމަތިކުރިއަސް ވެރިކަމުގެ ތިން އަހަރު ކުރިމަތިވެވަޑައިގެންނެވި ކަންކަމާ އެކު ދެން ވެސް ކަންކަމާ ކުރިމަތިލެއްވުމުގެ ހިތްވަރާއި ކެރުން އެމަނިކުފާނުގެ ހުރި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު މައުމޫނާ ނުލައި ކާމިޔާބު ނުވާނެ ކަމަށް ދައްކާ ވާހަކައާ ގުޅިގެން މެމްބަރުން ސުވާލު ކުރެއްވުމުން ވެސް ރައީސް ދެއްވީ، މެމްބަރު ވިދާޅުވި ގޮތުގައި، "ވަރަށް ފިނި ޖަވާބެކެ"ވެ. އެއީ ރަނގަޅު ލަފާކުރުމެއް ކަމަކަށް ރައީސް ޔާމީން ގަބޫލުފުޅެއް ނުކުރައްވަ އެވެ.
"ރައީސް ވިދާޅުވީ ޕީޕީއެމަށް ކައުންސިލް އިންތިހާބު ކާމިޔާބު ނުވާންވީ ސަބަބެއް ނެތް ކަމަށް. އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް ވަނީ ގާއިމްވެފައި ކަމަށް،" މެމްބަރު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލެއްވުމުން، ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރައްވަން ރައީސް ޔާމީން ނިންމަވާ ކޮންމެ ނިންމެވުމަކަށް އެއްބާރުލުން ދެއްވާނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
މައުމޫންގެ އިސްލާހީ މަސައްކަތާ ސައުދު ގުޅިއްޖެ
ކާޑުގެ މައްސަލާގައި މައުމޫން: މި ނޫން ގޮތެއް ހޯދައިދީ
ޔާމީނަށް އަނިޔާވެރިވާކަށް ނޭދެން: ގާސިމް
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
މުޖުރިމުންނަށް ރާއްޖޭގައި ޖާގައެއް ނެތް: ރައީސް ޔާމީން
މައުމޫން، ޖަލުގައި 50: "ނާތަހުޒީބު އަމަލެއް؟"
ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!