Roadha Mihaaru
އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރެއް ނޫން!

އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރުންގެ އެއްޗިއްސެއް ނޫން!

11 އޮކްޓޯބަރ 2016

ކާޑުގެ ސަބްސިޑީ ފޯމު ފެނުމާ އެކު މުހައްމަދު ސަމީރު، 41، ގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެވެ. ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ގިނަކަމުންނެވެ. އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ރުޅި އައުން ހައްގެވެ؛

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކާޑުގެ ސަބްސިޑީ ފޯމު ފެނުމާ އެކު މުހައްމަދު ސަމީރު، 41، ގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެވެ. ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ގިނަކަމުންނެވެ. އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ރުޅި އައުން ހައްގެވެ؛

ކާޑުގެ އަގު ކުއްލިއަކަށް މި ބޮޑުކުރީ ލިބޭ މުސާރަ މާލެ އިން ކުއްޔަށް ހިފާފައިވާ ތަނަށް ދީ، އާއިލާގެ ހަރަދުތައް ދެކޮޅު ނުޖެއްސިގެން އުޅެނިކޮށެވެ. ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރިކަން އިއުލާންކުރުމާ އެކު، އެޕާޓްމެންޓުގެ ކުލި ވެސް ބޮޑުކޮށްފި އެވެ. މި ދަނޑިވަޅު ކުލި ބޮޑުކުރުމަކީ "ފެލާލުން" ކަމަށް ގަބޫލުކުރެވުނަސް ކުރާނެ ކަމެއް ނެތެވެ. އެހެން ތަނެއް ކުއްޔަށް ހިފޭވަރަށް އެޑްވާންސް ފައިސާ ހޯދާނެ ގޮތެއް ނެތެވެ.

ދެން އޮތް ގޮތަކީ ފޯމު ހުށަހަޅައިގެން ސަބްސިޑީ ފައިސާކޮޅު ވެސް ލިބޭތޯ ބެލުމެވެ. އެކަމަކު އެ ފައިސާ ހޯދަން ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކުރުވުމަކީ ވެސް ބޮޑު ތަކުލީފެކެވެ. ގޭގައި ހުރި ލަވަ ޖަހާ ސެޓާއި އިސްތިރި އާއި ރައިސް ކުކަރުގެ ތަފްސީލާ އެކު ހުށަހަޅަން ޖެހޭ އެހެން ލިއުތައް ގިނަ އެވެ. ގޭގައި ދިރިއުޅޭ އެންމެންގެ އައިޑީ ކާޑު ކޮޕީ އާއި ވެކްސިން ކާޑާއި ދަރިން ސްކޫލުގައި އުޅޭކަން އަންގާ ލިއުމާއި ހާޒިރީ ރިޕޯޓު ވެސް ހޯދަންވީ އެވެ. ތިން މަހުގެ ބޭންކް ސްޓޭޓްމަންޓް ހޯދަން ނަންބަރު ނަގައިގެން ކިޔޫ ޖެހެން ޖެހެ އެވެ. ކުއްޔަށް ދިރިއުޅޭ ތަނުގެ ސައިޒާއި އެގްރިމެންޓް ވެސް ހުށަހަޅަން ޖެހެ އެވެ.

"މިވަރުން ކިހިނެއް ފޯމު ލާނީ؟ ލިޔުންތައް ހަމަކުރަން ގޭގެ ވެރިފަރާތް ކައިރި އަށް ދުވެ ސްކޫލާއި ބޭންކަށް ވެސް ދުވެ ތައްގަނޑު ޖަހުވަންވީ. ސައުވީސް ގަޑިއިރު މަސައްކަތުން ހިންދެމިނުލެވި އުޅޭއިރު މިއީ މީހުންނަށް ކިހާ ބޮޑު އުނދަގުލެއް؟" ފޯމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސަމީރުގެ ޝަކުވާ އޮއްސާލި އެވެ.

އަނެއް ކަންބޮޑުވުމަކީ، އޭނާ ބުނިގޮތުގައި، މި ހުރިހާ ލިޔުންތަކެއް ހަމަކޮށްގެން ވެސް ސަބްސިޑީ ލިބޭނެ ކަމުގެ ޔަގީންކަން ނެތުމެވެ.

ފަގީރެއް ކަން ކަނޑައަޅާ އުސޫލު: "ބޮޑު ސިއްރެއް"!

ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ނިންމައި ކާޑުގެ އަގު ބޮޑުކުރިކަން އިއުލާންކުރިތާ ދެ ދުވަސް ތެރޭގައި އެ އަގު ނަގަން ފަށައިފި އެވެ. ސަރުކާރުން ކުއްލިއަކަށް މި ނިންމުން ހާމަކުރިއަސް މީގެ ހަ މަސް ކުރިން ވަނީ "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" ގެޒެޓްކޮށްފަ އެވެ. މާނައަކީ ކާޑުގެ ސަބްސިޑީ ކަނޑާލި ކަން ކުއްލިއަކަށް އިއުލާންކުރިއަސް މިކަން ތަންފީޒުކުރަން މާ ކުރިން އޮތީ ނިންމާފައި ކަމެވެ. ނަމަވެސް ސަރުކާރުން އޭގެ އެއްވެސް މަސައްކަތެއް ނުފަށަ އެވެ.

މާލޭގެ ފިހާރަައެއްގައި ހަކުރު ކިރަން ކައްޓާއަކަށް އަރުވާފައި. ކާޑުގެ ބާވަތްތަކުގެ އަގު ދެ ގުނަކުރުމުން އެހެން ހިދުމަތްތަކުގެ އަގުތައް ވެސް ދަނީ މައްޗަށް ޖައްސަމުން. -- ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

މާލޭގެ ފިހާރަައެއްގައި ހަކުރު ކިރަން ކައްޓާއަކަށް އަރުވާފައި. ކާޑުގެ ބާވަތްތަކުގެ އަގު ދެ ގުނަކުރުމުން އެހެން ހިދުމަތްތަކުގެ އަގުތައް ވެސް ދަނީ މައްޗަށް ޖައްސަމުން. -- ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

އެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކާޑު ފައިސާ އަށް އެދޭ ފަރާތަކީ ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން އެންސްޕާ އިން ކަނޑައަޅާ އުސޫލްގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ހާލަތު ދަށް ފަރާތަކަށް ވާންވާނެ އެވެ.

އުސޫލެއްގެ ވާހަކަ ގަވާއިދުގައި އޮތަސް އެންސްޕާ އިން މިހާތަނަށް އެ އުސޫލު އާއްމުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ދިރިއުޅުމުގެ ހާލަތު ދަށް ކަމަށް ބައެއް ކަމަށް ބަލަނީ ކޮން މިންގަނޑަކުންތޯ ސާފެއް ނުވެ އެވެ.

އެންސްޕާ އިން ފަގީރުކަމުގެ ހާލަތު ދެނެގަތުމަށް ކަނޑައަޅާފައިވާ އުސޫލް ދޭން އެދުމުން އެތަނުގެ މުވައްޒަފަކު ބުނީ "އެއީ ސިއްރެއް" ކަމަށެވެ. އެ އުސޫލް އޮންނާނީ ހަމައެކަނި އެންސްޕާގައި ކަމަށާއި "އާއްމެއް ނުކުރެވޭނެ" ކަމަށް އޭނާ ބުންޏެވެ.

އެއީ ކީއްވެތޯ އެހުމުން މުވައްޒަފު ބުނީ "މިވަގުތަށް ހަމަޖައްސާފައި އޮތް ގޮތް" ކަމަށެވެ.

އުސޫލް އާއްމު ނުކޮށްގެން އެންމެ ބޮޑަށް ފާޑުވިދާޅުވާ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތުހުމަތުކުރެއްވި ގޮތުގައި އުސޫލް އާއްމު ނުކުރުމަކީ ފަގީރުން ކަނޑައެޅުމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިންގަން ފުރުސަތު ލިބުމެވެ. އުސޫލު އާއްމުނުކޮށް ސިއްރު ކުރަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އޯވަނައިޓަކުން ސަބްސިޑީ ކަނޑައި ފޯމު ހުށަހަޅަން އެންގިއިރު ފަގީރުން ކަމަށް ކަނޑައަޅަނީ ކޮން އުސޫލަކުންތޯ ރައްޔިތުންނަށް ސާފުވާން ޖެހޭ. އާއްމުވެފައި އޮންނަން ޖެހޭ. އެހެން ނޫނީ، ކޮރަޕްޝަން ވަނުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.

ފަގީރުންގެ ރަޖިސްޓްރީގައި ނަން ނޯޓުކުރުވައިގެން ރައްޔިތުން އިތުރަށް ނިކަމެތިކޮށްފައިވާ ކަމަށް އިޝާރަތްކުރައްވާ ރޮޒައިނާ ވިދާޅުވީ ފޯމާ އެކު ގިނައިން ހުށަހަޅަން އަންގާފައި ހުރީ ބޭކާރު މައުލޫމާތުތައް ކަމަށެވެ.

"އެތައް ބައިވަރު ލިއުމެއް ހޯދައިގެން ހުށަހަޅާއިރު ވެސް ކޮލިފައިވާ މީހެއްތޯ ނޭނގެ. އެތައް ވަގުތެއް މިދަނީ ބޭކާރުވެގެން. ފޯމުގައި އެބަ ބުނޭ ތިން މަހުގެ ބޭންކް ސްޓޭޓްމެންޓް ހުށަހަޅަން ޖެހެއޭ. އެ މީހެއްގެ ބޭންކް އެކައުންޓެއް ނެތިއްޔާ އެކައުންޓް ހުޅުވައިގެން ތިން މަސް ވަންދެން އެބަ ޖެހޭ މަޑުކުރަން. ބޭންކް ސްޓޭޓްމެންޓް ނެތި ފޯމެއް ގަބޫލެއް ނުކުރޭ،" ރޮޒައިނާ ވިދާޅުވި އެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ފޯނު ނުނަންގަވާތީ، މި މައްސަލާގައި، ސަރުކާރުގެ ރަސްމީ ކޮމެންޓެއް ނުލިބުނެވެ. އެކަމަކު މިދިޔަ ހަފުތާގައި މުޖުތަބާ "މިހާރު" އަށް ވިދާޅުވެފައި ވަނީ ސަބްސިޑީ ދިނުމުގައި ރާއްޖޭގައި ފަގީރުންކަން ކަނޑައަޅަނީ، ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލުކުރާ ވޯލްޑް ބޭންކުގެ ޕްރޮކްސީ މީންސް ޓެސްޓް (ޕީއެމްޓީ) އާ އެއްގޮތަށް ކަމަށެވެ.

އެސްޓީއޯގެ ގުދަނަކުން ފުށް ބަސްތާތަކެއް ނެރެނީ: ކާޑުގެ ސަބްސިޑީ ހޯދަން ކުރަން ޖެހޭ މަސައްކަތް ބޮޑު -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެސްޓީއޯގެ ގުދަނަކުން ފުށް ބަސްތާތަކެއް ނެރެނީ: ކާޑުގެ ސަބްސިޑީ ހޯދަން ކުރަން ޖެހޭ މަސައްކަތް ބޮޑު -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އަދި އެހީދިނުމަށް އެންސްޕާއިން އެކުލަވާލި "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު" ވެސް ބިނާކޮށްފައިވަނީ އެ މިންގަނޑާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ވޯލްޑް ބޭންކުން މިދިޔަ އަހަރު ކަނޑައަޅާފައިވާ ގޮތުން ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކު 1.90 ޑޮލަރު (29.4ރ) ނުލިބޭ މީހުންނެވެ. ރާއްޖެ އަށް ކަނޑައަޅާފައިވާ ހާއްސަ ނިސްބަތުގެ ދަށުން ފަގީރެއްގެ ގޮތުގައި ބަލަނީ މީހަކަށް ދުވާލަކު 45ރ. އަށް ވުރެ މަދުން އާމްދަނީ ލިބޭ ނަމަ އެވެ.

ފަގީރުން ކަނޑައަޅާނީ ވޯލްޑް ބޭންކް މިންގަނޑާ އެއްގޮތަށް ކަމަށް ބުނެ ނިންމާލިއަސް އާއްމުންނަށް އޭގެ ތަފްސީލެއް ސަރުކާރަކުން ނުދެ އެވެ. އުސޫލު އާއްމުކޮށް ސަބްސިޑީ ފައިސާ ޖަމާކުރަން ފަށާނެ ދުވަހެއް ވެސް ނުބުނެ އެވެ.

ފަގީރަކަށް މަހަކު ލިބޭނީ 40ރ.

ކާޑުގެ ސަބްސިޑީ ދޭނީ ކޮން ބައަކަށްތޯ ސާފުނުވި ނަމަވެސް އެހީ ދޭނެ މިންވަރު ގަވާއިދުގައި އޮތީ އާއްމުކޮށްފަ އެވެ.

ގަވާއިދުގައިވާ ގޮތުން ޝަރުތު ހަމަވާ ކޮންމެ މީހަކަށް މަހަކު 40ރ. ގެ މަގުން މުޅި އަހަރަށް ކަނޑައަޅާފައި ވަނީ 280ރ. އެވެ. ގޭބީސީއަކަށް މަހެއްގެ މައްޗަށް ގިނަވެގެން ލިބޭނީ 240ރ. ނުވަތަ އަހަރަކަށް 2،880ރ. އެވެ.

އެހީ ދޭނީ، ގަވާއިދުގައިވާ ގޮތުގައި، ފޯމު ހުށަހެޅި މީހެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްގެން ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ.

މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގުތައް ބޮޑެވެ.

ލުޔެއް ލިބޭނެ ކަމުގެ ކުލަވަރެއް ނެތް!

ކާޑުގެ ބާވަތްތައް ކުރިން ލިބުނު އަގަށް ވުރެ ދެ ގުނަ ބޮޑުކުރުމުން ދިރިއުޅުމުގެ ގިނަ ހަރަދުތަކެއް ވެސް ދެ ގުނަ މައްޗަށް ޖެހުނީ އެވެ. އަގުބޮޑުވީ ގަންނަ ހަނޑުލާއި ފުށް އަދި ހަކުރު ކިލޯ އިން ކަމަށް ވިސްނައިދޭން ސަރުކާރުން އުޅުނަސް އެހެން ބައެއް ކަންކަމާއި އެއްޗެހީގެ އަގަށް ވެސް ބަދަލު އާދެ އެވެ.

ކާޑުގެ އަގު ބޮޑުކުރުމުން ރެސްޓޯރެންޓްތަކާއި ގޭގޭގެ ކުލި އަގުބޮޑުކުރި ކަމަށް ކުރާ ޝަކުވާތަކަށް ސަރުކާރުން ދެނީ "ފިނި ޖަވާބުތަކެ"ވެ. ކާޑުގެ ސަބްސިޑީއާ ގުޅިގެން އެހެން ހިދުމަތްތަކުގެ އަގު ބޮޑުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އެކަމަކު މިނިވަން ވިޔަފާރިއެއް ހިނގާ ތަނެއްގައި އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.

ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ގޭގެ ކުލި ބޮޑުނުކުރެވޭނެ ކަމަށާއި ސަބަބަކީ، ގެދޮރު ކުއްޔަށް ދޭ މީހުން ސަބްސިޑީ ހަނޑޫ ނުކާތީ ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

ޝައިނީ ވިދާޅުވެފައިވާ ގޮތުގައި ސަބްސިޑީ ކަނޑާލިއަސް ފަގީރުންނަށް ގެއްލުމެއް ނެތެވެ. މައްސަލައަކަށް ވެގެން އުޅެނީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، އެކަން ސިޔާސީކޮށް ނަޖާއިޒު ފައިދާ ނަގާތީ އެވެ.

ކާޑުގެ އަގު ބޮޑުވުމުގެ ގެއްލުން ސަމީރު ފަދަ ނިކަމެތި ރައްޔިތުންނަށް އެބަ ލިބެ އެވެ. އޭނާގެ ބަހުން ނަމަ ދިރިއުޅުމުގެ ނަމުގައި "ރައްޔިތުން ގަނަތެޅެނީ" އެވެ. އެ ޝަކުވާތައް ކިރިޔާވެސް އަޑުއަހާނީ ދެން އޮންނަ އިންތިހާބެއްގެ ވޯޓު ލާ ދުވަސް ކައިރިވުމުން ކަމަށް އޭނާ ގަބޫލުކުރެ އެވެ.