Roadha Mihaaru
މާލޭގެ 4 ތަނަކުން ކާޑު ސަބްސިޑީ ފޯމު ބަލައިގަންނަނީ

މާލޭގެ ހަތަރު ސަރަހައްދަކުން ކާޑު ސަބްސިޑީ ފޯމު ބަލައިގަންނަން ފަށައިފި

03 އޮކްޓޯބަރ 2016

ކާޑުގެ ސަބްސިޑީއަށް އެދޭ ފޯމު، މާލޭގެ ހަތަރު ސަރަހައްދަކުން ބަލައިގަންނަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކާޑުގެ ސަބްސިޑީއަށް އެދޭ ފޯމު، މާލޭގެ ހަތަރު ސަރަހައްދަކުން ބަލައިގަންނަން މިއަދު ފަށައިފި އެވެ.

މިދިޔަ ހޮނިހިރުދުވަހުން ފެށިގެން ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންންނަށް ދޭ ގޮތަށް ނިންމުމާ ގުޅިގެން، އެކަމަށް އެދޭ ފޯމު ބަލައިގަންނަނީ އެންސްޕާގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މާލޭގައި ހުންނަ ހުޅުމާލެ އަދި ވިލިމާލެ ފެެރީ ޓާމިނަލުގެ ބޭރުގައި ބަހައްޓާފައިވާ މޭޒަކުންނެވެ.

ކާޑު ސަބްސިޑީ ފޯމު ބަލައިގަތުމާ ގުޅޭ ގޮތުން، އެންސްޕާގެ ބަހެއް އަދި ނުލިބެ އެވެ.

ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ފޯމް ބަލައިގަތުމުގެ މަސައްކަތް މިއަދު ހުޅުމާލޭ ފެރީ ޓާމިނަލްގައި ކުރިއަށް ދަނީ -- ފޮޓޯ: މިހާރު

ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ފޯމް ބަލައިގަތުމުގެ މަސައްކަތް މިއަދު ހުޅުމާލޭ ފެރީ ޓާމިނަލްގައި ކުރިއަށް ދަނީ -- ފޮޓޯ: މިހާރު

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް އިއްޔެ ވިދާޅުވީ ކާޑުގެ ސަބްސިޑީ ދިނުމުގައި، ލިބޭ އާމްދަނީ އަށާއި ގެއެއްގައި މީހުން ތިބޭ އަދަދާއި އާއްމު ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށެވެ. އަދި އެކަންކަން، ފަގީރުންނަށް ސަބްސިޑީ ދިނުމަށް ދޫކުރާ ފޯމުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގެއެއްގައި މީހުން ބޭނުން ކުރާ ކޮޓަރީގެ އަދަދާއި ދިރިއުޅޭ އާއިލާގެ އަދަދާއި އެ މީހުންގެ އަދަދާއި އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއެކު ދިރިއުޅެނީ ކިތައް މައިންތޯ އާއި ދިރިއުޅޭ ތަނުގެ ބޮޑުމިން ފޯމުގައި ހިމަނަން ޖެހެ އެވެ. އަދި ގޭގައި ބޭނުން ކުރާ ދޮންނަ މެޝިނާއި ރޭޑިއޯ އާއި އައިސްއަލަމާރި އާއި ރައިސް ކުކާ އާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު ހުރޭތޯ ބަލަ އެވެ. ސަރުކާރުން ކަނޑައަޅާ ފަގީރު ގޭބިސީއަކަށް މަހަކު ގިނަވަގެން ދޭން ނިންމާފައިވާ 240ރ.ގެ ސަބްސިޑީ އެކެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ހަމަ އެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުން އަގުވަނީ ބޮޑުވެފަ އެވެ. އެގޮތުން މާލޭގައި ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

މިއީ ހަމައެކަނި މާލޭގައި ކާޑު ވިއްކާ އަގެވެ. ރަށްރަށުގައި މި އަގު އަދި މިއަށް ވުރެ ބޮޑު ވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ހުކުރުދުވަހު އިއުލާންކޮށްފަ އެވެ.