Roadha Mihaaru
ހަނޑުލުގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް

ހަނޑުލުގެ އަގު ތިން އަހަރު ތެރޭގައި އެންމެ ބޮޑަށް ދަށަށް ދިޔައީ މިދިޔަ ތިން މަހު

10 އޮކްޓޯބަރ 2016

މޫސުން ރަނގަޅުވެ ހަނޑުލުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާ އެކު ބައިނަލްއަގުވާމީ ބާޒާރުގައި ހަނޑުލުގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މޫސުން ރަނގަޅުވެ ހަނޑުލުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާ އެކު ބައިނަލްއަގުވާމީ ބާޒާރުގައި ހަނޑުލުގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެ އެވެ.

އޭޝިއާގައި ހަނޑުލުގެ އަގު ކަނޑައެޅުމަށް ބަލާ ބެންޗު މާކު ކަމަށްވާ، އާދައިގެ ހުދު ހަނޑުލުގެ އަގު މި އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭ 10 ޕަސެންޓް ދަށަށް ދިއުން އެކަށީގެންވާ ކަމަށް ވިޔަފާރި ޚަބަރުތައް ގެނެސްދޭ ބްލޫމްބާގް ނޫހުގައި މިއަދު ބުނެފައިވެ އެވެ.

ހަނޑުލުގެ ވިޔަފާރިކުރާ ސްވިޓްޒަލެންޑުގެ ކުންފުންޏެއް ކަމަށްވާ ސެޓް ސްވިސް އެގްރި ޓްރޭޑިންގެ ސީއީއޯ ޖެކް ލުޔެންޑިޖިކް ބްލޫމްބާގް އަށް ވިދާޅުވެފައިވާ ގޮތުގައި، މި އަހަރު ހަނޑޫ ކަނޑާ މޫސުން ކުރިއަށް އޮތް އިރު މިހާރުވެސް ޑިމާންޑް ހުރީ ދަށުގަ އެވެ. އެހެންވެ ކުރިއަށް އޮޮތް ދުވަސްތަކުގައި އަދިވެސް އަގު ވެއްޓޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަނޑުލުގެ އަގު ވަނީ، ބްލޫމްބާގް އިން ބުނާ ގޮތުގައި، 14 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިއީ 2013 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ފަހުން އެންމެ ބޮޑަށް އަގު ދަށްވި ފަހަރެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ (ޔޫއެސްޑީއޭ) އިން ލަފާކުރާ ގޮތުގައި 2016-17 ގެ މޫސުމުގައި 481.7 މިލިއަން ޓަނުގެ ހަނޑޫ މުޅި ދުނިޔޭގައި އުފައްދާނެ އެވެ. މިއީ ރެކޯޑް އަދަދެކެވެ. އިންޑިއާ އަކީ 2012 ވަނަ އަހަރުން ފެށިގެން އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ ގައުމު ކަމަށް ވާއިރު އެ ގައުމުގެ ވިއްސާރަ މޫސުން ތިން އަހަރަށް ފަހު މި އަހަރު ރަނގަޅުވެފައި ވާތީ ހަނޑޫ ހެއްދުން ވެސް ވަރަށް ބޮޑަށް އިތުރުވެގެން ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

"ކުރިއަށް އޮތް 4-6 މަސް ދުވަހު ވެސް ފެންނަނީ އަގުތަށް ދަށަށް ދާނެ ކަމަށް،" ލުޔެންޑިޖިކް ވިދާޅުވެފައިވެ އެވެ.

ޔޫއެސްޑީއޭ އިން ލަފާކުރާ ގޮތުގައި އިންޑިއާ އިން މި އަހަރު 10 މިލިއަން ޓަނުގެ ހަނޑޫ އެކްސްޕޯޓްކުރާނެ އެވެ. އަންނަ އަހަރު 8.8 މިލިއަން ޓަނުގެ ހަނޑޫ އެކްސްޕޯޓްކުރާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް މިހާރު ވަނީ މި އަދަދު 9.5 މިލިއަނަށް އިތުރުކޮށްފަ އެވެ. އަދި ތައިލެންޑުން އެކްސްޕޯޓްކުރާ މިންވަރު 4.5 ޕަސެންޓް އިތުރުވެ 25 މިލިއަން ޓަނަށް އަރާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.

ތައި ރައިސް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުނާ ގޮތުގައި އިންޑިއާ އިން އެކްސްޕޯޓްކުރާ ހަނޑުލުގެ އަގު ތައިލެންޑު ހަނޑުލަށް ވުރެ ޓަނަކުން 20 ޑޮލަރު ކުޑަ އެވެ.