17 އޯގަސްޓް 2020
ކޮލޯން (އޮގަސްޓް 17) - ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފުރަތަމަ ސެމީގައި ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑް 2-1 އިން ބަލިކޮށް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސެވިއްޔާ އިން ފައިނަލަށް ދަތުރުކޮށްފި އެވެ.
ކޮލޯން (އޮގަސްޓް 17) - ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފުރަތަމަ ސެމީގައި ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑް 2-1 އިން ބަލިކޮށް މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސެވިއްޔާ އިން ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކުރި ސެވިއްޔާ އިން ފައިނަލުގައި ކުޅޭނެ ހަ ވަނަ ފަހަރެވެ. ޔުނައިޓެޑް ރޭގެ މެޗުން ބަލިވުމާ އެކު މި ސީޒަން ތަށްޓަކާ އެކު ނިންމާލަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ތަށްޓެއް ނުލިބި ޔުނައިޓެޑް އެންމެ ފަހުން ޖެހިޖެހިގެން ތިން ސީޒަން ފުރިހަމަކުރީ މީގެ 31 އަހަރު ކުރިންނެވެ.
ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ މި ސީޒަނުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި ޔުނައިޓެޑުން ފެނުނު ފެނާންޑޭސް މި ސީޒަނުގައި ފޮނުވާލި 14 ވަނަ ޕެނަލްޓީ އެވެ. މި ޕެނަލްޓީ ލިބުނީ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑަށް ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ ކާލޮސް ކުރި ފައުލަކަށެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ލިބުނު 22 ވަނަ ޕެނަލްޓީ އެވެ.
ޔުނައިޓެޑަށް ލީޑުފުޅާކޮށްދޭން ފްރެޑަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ނަތީޖާ ހަމަހަމަކުރަން ސެވިއްޔާ އިން ކުރި މަސައްކަތް މެޗުގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސޫސޯ އެވެ. ކުރިން ލިވަޕޫލާއި އޭސީ މިލާނަށް ކުޅުނު ސޫސޯ މި ގޯލު ޖެހީ އެ ޓީމުގެ ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުންނެވެ.
މެޗުގެ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޔުނައިޓެޑަށް އަލުން ލީޑުނަގައިދޭން ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އެ ޓީމުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އެވެ. މާޝިއަލަށް ހުސްކޮށް ލިބުނު ދެ ފުރުސަތުން އޭނާ ފޮނުވާލި ބޯޅަތައް ސެވިއްޔާގެ ގޯލުގައި ހުރި ކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ. އަދި ފެނާންޑޭސް އާއި ރެޝްފޯޑް ޖެހި ބޯޅަތައް ސެވިއްޔާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ޔުނައިޓެޑްގެ ޕޮގްބާ (ކ) އާއި ބްރޫނޯ (ވ) ކައިރިން ސެވިއްޔާގެ ބަނޭގާ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަަނަ ހާފް ފަށައިގެން ޔުނައިޓެޑުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެމުންދާތީ ސެވިއްޔާ އިން ވަނީ ބަދަލުތަކެއް ގެނެސްގެން އަލުން މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ފެށި އެވެ. އެ ޓީމުން ވަނީ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޔޫސެފް އެންނެސްރީ އާއި ލޫކަސް އޮކަމްޕޯސް ބަދަލުކޮށްފަ އެވެ. ކުޅެން އެރީ ބާސެލޯނާ އަށް ކުރިން ކުޅުނު މުނީރް އާއި ނެދަލެންޑްސްގެ ފޯވާޑް ލޫކް ޑި ޔޯން އެވެ.
ސެވިއްޔާ މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕީއެސްވީގެ ކުރީގެ ފޯވާޑް ޑި ޔޯން އެވެ. މެޗުގެ 78 ވަނަ މިނިޓްގައި ސެވިއްޔާގެ ކެޕްޓަން ހެސަސް ނަވާސް ނަގައިދިން ހުރަހަކުން ޑި ޔޯން މި ގޯލު ޖެހީ ޔުނައިޓެޑްގެ ތިން ޑިފެންޑަރުންގެ ތެރެއިން ހުސްކޮށް އަރަ އެވެ. އެ ބޯޅަ ހުއްޓުވަން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ޔުނައިޓެޑުން މެޗުގައި ގެނައި ހަތަރު ބަދަލު ވެސް ގެނައީ މެޗުގެ 85 ވަނަ މިނިޓްގެ ފަހުންނެވެ. އެކަމަކު އަލުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ޔުނައިޓެޑަކީ އެއް ސީޒަނެއްގައި ލީގު ކަޕާއި އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގެ ސެމީން ކެޓި ފުރަތަމަ ޓީމެވެ. އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މި ސީޒަނުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް ތަށްޓެއް ލިބުމުގެ ނަސީބު ނުލިބުމުން އެއީ މާޔޫސްކަމެއް ކަމަށެވެ. އެކަމަކު އޭނާ ހުރީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑް ވަރުގަދަކޮށް އަންނަ ސީޒަނުގައި މި އަށް ވުރެން ރަނގަޅު ނަތީޖާތަކެއް ނެރެން އަމާޒުހިފައިގެންނެވެ.
ހުރިހާ މުބާރާތެއްގައި ސެވިއްޔާ އެންމެ ފަހުން ކުޅުނު 20 މެޗުން ބަލިނުވެ އޮތްއިރު، މިއީ އެ ޓީމަށް މި މުބާރާތުގެ ފައިނަލަށް ނުކުންނައިރު ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ ވަނީ ބުނެފަ އެވެ. ފައިނަލުގައި އަންނަ ހުކުރު ދުވަހުގެރޭ ސެވިއްޔާ ނުކުންނާނީ މިރޭ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކާއި އިޓަލީގެ އިންޓަ މިލާން ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މޮރޮކޯގެ އައްނަސީރީގެ ގޯލުތަކުން ޔުނައިޓެޑް ކަޓުވާލައިފި
ފަހު ވަގުތު ސެވިއްޔާ އިން ޔުނައިޓެޑާ އެއްވަރުކޮށްފި
މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ދެ ވަަނަ ބުރަށް
ޓެން ހާގް ސަޕޯޓަރުންނަށް: މަސައްކަތަށް އިތުބާރުކުރޭ
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ބޮޑު ހިތްދަތިކަން ސެވިއްޔާއަށް، އެއަށްފަހު ޔުނައިޓެޑަށް
ޔޫރަޕާއި ދެކުނު އެމެރިކާ ގުޅިގެން ކްލަބް މެޗެއް ތައާރަފް ކޮށްފި
ޔޫރޮޕާ ލީގު ޗެމްޕިއަންކަން ސެވިއްޔާ ހޯދައިފި
ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް، ލިވަޕޫލް ކުޅޭނީ ޔޫރޮޕާ
މޮރީނިއޯ ރޯމާ ގޮވައިގެން ޔޫރޮޕާ ލީގު ފައިނަލަށް