Roadha Mihaaru
އެޕިކް ގޭމްސް އިން އެޕަލް އާއި ގޫގުލް އަށް ދައުވާ

"ފޯޓްނައިޓް" ނެރޭ އެޕިކް ގޭމްސް އިން އެޕަލް އާއި ގޫގުލް އަށް ދައުވާކޮށްފި

16 އޯގަސްޓް 2020

އެންޑްރޮއިޑް ޑިވައިސްތަކުން ވީޑިއޯ ގޭމް ޑައުންލޯޑްކޮށްގެން ލިބޭ ފައިދާ އިން ބައިއެޅުމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، މަޝްހޫރު ގޭމް "ފޯޓްނައިޓް" ނެރޭ އެޕިކް ގޭމްސް އިން ގޫގުލް އާއި އެޕަލް އަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންޑްރޮއިޑް ޑިވައިސްތަކުން ވީޑިއޯ ގޭމް ޑައުންލޯޑްކޮށްގެން ލިބޭ ފައިދާ އިން ބައިއެޅުމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، މަޝްހޫރު ގޭމް "ފޯޓްނައިޓް" ނެރޭ އެޕިކް ގޭމްސް އިން ގޫގުލް އާއި އެޕަލް އަށް ދައުވާކޮށްފި އެވެ.

ބައިއެޅުމުގެ މައްސަލާގައި އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ވެސް ވަނީ ފޯޓްނައިޓް ބޭރުކޮށްލައިފަ އެވެ. އެ ދެ ކުންފުނިން ވެސް ބޭނުންވަނީ އެ މީހުންގެ ޕްލެޓްފޯމްތަކުން ޑައުންލޯޑްކުރާ ނަމަ ލިބޭ ފައިދާގެ 30 ޕަސެންޓް ދޭށެވެ.

ނަމަވެސް މިކަމާ އެޕިކްސް ގޭމްސް އިން ދެކޮޅެވެ. އެހެންވެ އެ ކުންފުނިން ވަނީ ގޭމްގެ ޕޭމަންޓް ސިސްޓަމާ އެޕަލް އާއި ގޫގުލް އަށް "ނުކުޅެވޭ ގޮތް" ހަދައިފަ އެވެ. އަދި މިގޮތަށް ނިންމީ ސީދާ އެޕިކަށް އިން-ގޭމް ކަރަންސީ ވީ-ބަކްސް އިން ޕޭމަންޓް ހަދާ ނަމަ ކުޅުންތެރިންނަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ދޭ ގޮތަށެވެ.

މި މައްސަލާގައި އެޕް ސްޓޯރުން ފޯޓްނައިޓް ބުރާސްފަތި ދުވަހު ބޭރުކޮށްލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ޕްލޭ ސްޓޯރުން ވެސް ވަނީ އެޕިކްސް އެޕްތައް ވެސް ބޭރުކޮށްލައިފަ އެވެ. ދެ ޕްލެޓްފޯމުން ވެސް ފޯޓްނައިޓް ބޭރުކޮށްލުމާ ގުޅިގެން އެޕިކް ގޭމްސް އިން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ. ޕްލޭ ސްޓޯރުން ފޯޓްނައިޓް ބޭރުކޮށްލި ނަމަވެސް އެންޑްރޮއިޑް ބައެއް ޑިވައިސްތަކުން ފޯޓްނައިޓް ލިބޭނެ އެވެ.

ދެ ކުންފުންޏަށް ދައުވާކުރަން އެޕިކް ގޭމްސް އިން ހުށަހެޅީ ކެލިފޯނިއާގެ ކޯޓަކަށެވެ. އޭގައި ބުނެފައި ވަނީ ފައިދާ އިން 30 ޕަސެންޓް ހޯދަން މަޖުބޫރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ އުސޫލުތަކުގެ ސަބަބުން ވިޔަފާރިތައް ހަލާލުވުން ނޫން ކަމެއް ނުވާނެ ކަމަށާއި މިފަދަ ކަންކަމުން ހިތްވަރު ލިބެނީ މޮނޮޕޮލީއަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުން ގޫގުލް އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ވިޔަފާރި އިތުރަށް ފުޅާކުރަން ވެސް ހުރަސްތަކެއް އެޅެ އެވެ. އެގޮތުން ވަންޕްލަސް އާއި އެލްޖީގެ ފޯނުތަކަށް އެޕިކް ގޭމްސް ސޮފްޓްވެއާ އަޅަން ބޭނުންވި ނަމަވެސް އެ ފުރުސަތު ވެސް ހަނިވާ ކަމަށް ބުނެފައިވެ އެވެ.

އެޕަލް އާއި ގޫގުލް އަށް ދައުވާކުރި ނަމަވެސް އެ ދެ ކުންފުނީގެ ފަރާތުން ބަދަލެއްގެ ގޮތުގައި ފައިސާ ހޯދާކަށް އެޕިކް ގޭމްސް އިން އެދިފައެއް ނުވެ އެވެ. އަދި ކަސްޓަމަރުންގެ ހައްގުތައް ކަށަވަރުކޮށްދޭން ގޮވާލައި މިހާރު ވަނީ #ފްރީފޯޓްނައިޓްގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފަ އެވެ.

މި މައްސަލާގައި ގޫގުލް އިން ބުނީ ޕްލޭ ސްޓޯރުން ފޯޓްނައިޓް ބޭރުކޮށްލީ އޭގެ އުސޫލުތަކާ އެޕިކް ގޭމުން ހިލާފުވާތީ ކަމަށެވެ. އެކަމަކު އަބަދު ވެސް ގޭމް ޑިވެލޮޕަރުންނަށް އެ ޕްލެޓްފޯމް ހުޅުވިފައި އޮންނާނެ ކަމެއް ކަމަށް ބުންޏެވެ.

އެޕަލް އިން ބުނީ އެޕް ސްޓޯރާ އެކު އެޕިކް ގޭމުން މަސައްކަތްކުރާތާ މިހާރު 10 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް އުސޫލުތަކާ ހިލާފުވެ، ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އަޅަން މަޖުބޫރުވާނެ ކަމަށެވެ. އަދި އެޕިކް ގޭމްސް އިން އަލުން ޕްލޭ ސްޓޯރަށް އަންނަން ބޭނުންވާ ނަމަ މައްސަލަ ހައްލުކޮށް އަލުން އެ ޕްލެޓްފޯމަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.