Roadha Mihaaru
"ފޯޓްނައިޓް" އެންމެ ފަހުން ގޫގުލް ޕްލޭ އަށް

"ފޯޓްނައިޓް" އެންމެ ފަހުން ގޫގުލް ޕްލޭ ސްޓޯރަށް

24 އެޕްރީލް 2020

ރޯޔަލްޓީ ނަގާނެ ގޮތަކާ ދޭތެރޭ ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވި ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް، ދުނިޔޭގެ އެންމެ މަގުބޫލު ވީޑިއޯ ގޭމް "ފޯޓްނައިޓް" ގޫގުލް ސްޓޯރުން ޑައުންލޯޑްކުރެވޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޯޔަލްޓީ ނަގާނެ ގޮތަކާ ދޭތެރޭ ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވި ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް، ދުނިޔޭގެ އެންމެ މަގުބޫލު ވީޑިއޯ ގޭމް "ފޯޓްނައިޓް" ގޫގުލް ސްޓޯރުން ޑައުންލޯޑްކުރެވޭ ގޮތަށް ހަދައިފި އެވެ.

އެ ގޭމް ނެރޭ ކުންފުނި އެޕިކް ގޭމްސްގެ މި ނިންމުމާ އެކު އެންޑްރޮއިޑް ޑިވައިސްތަކުން ކުރިން "ފޯޓްނައިޓް" ގެ މައިދާނަށް ނުނުކުމެވި ތިބި އެތައް ބަޔަކަށް މިއީ ރަނުގެ ފުރުސަތަކަށް ވާނެ އެވެ. މިހާތަނަށް އެ އެ ގޭމްގެ މޮބައިލް އެޕް ޑައުންލޯޑްކުރެވެނީ އެޕަލްގެ އަހުލުވެރިންނަށެވެ.

ގޫގުލް ސްޓޯރުން "ފޯޓްނައިޓް" ޑައުންލޯޑްކުރެވޭ ގޮތަށް ހަމަޖެއްސި އިރު އެޕިކަށް މައްސަލައަކަށްވެފައި އޮތީ އެޕަލް އާއި ގޫގުލް އިން ރޯޔަލްޓީގެ ގޮތުގައި 30 ޕަސެންޓް ނަގަން ނިންމާފައި އޮތުމެވެ. ދުވަސްތަކެއް ފަހުން ގޫގުލްއާ އެކު އެންމެ ފަހުން އެއްބަސްވުމަކަށް އައި އިރު، އެޕަލްއާ އެކު އެޕިކަށް ކުރިއަށް ދާން ކުރިން ވެސް މަޖުބޫރުވީ އެ ނޫން އިތުރު ގޮތެއް ނެތުމުންނެވެ. ސަބަބަކީ އެއީ ސްމާޓް ޑިވައިސްތަކުގެ ވިޔަފާރީގައި އެންމެ ބޮޑު މާކެޓްކަމަށްވުމެވެ.

ރޯޔަލްޓީއާ ބެހޭ ގޮތުން އެޕިކްގެ ޗީފް އެގްކެޒެޓިވް ޓިމް ސްވީނީ ކުރިން ބުނެފައި ވަނީ އެ އަދަދަކީ އެންމެ ރަނގަޅު އަދަދު ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ފޯޓްނައިޓް" ގޫގުލް ޕްލޭ އަށް ގެނައި އިރު، މި ގޭމްގެ އާ ސީޒަން "ޗެޕްޓާ 2" ނެރެން މިހާރު ތާވަލުކޮށްފައި އޮތީ އަންނަ ޖޫން މަހުގެ 4 އެވެ. ކުރިން ނެރެން އޮތީ މިއަދެވެ. އެކަމަކު ލަސްކުރީ ކޮރޯނާވައިރަހާ ހެދި އެވެ.

"ފޯޓްނައިޓް" ކުޅޭ މީހުންގެ އަދަދު މިހާރު 250 މިލިއަނަށް ވުރެ ގިނަ އެވެ.