Roadha Mihaaru
ފޭސްބުކުން މޮބައިލް ގޭމިން އެޕެއް

ފޭސްބުކުން މޮބައިލް ގޭމިން އެޕެއް

22 އެޕްރީލް 2020

ކޮރޯނާވައިރަހާ ހެދި ކަރަންޓީނުގައި ގިނަ ބަޔަކު ތިބެން ޖެހިފައިވާތީ މި ފޫހި ދަނޑިވަޅުގެ ތެރޭގައި ފޫހިފިލުވައިދޭން ހާއްސަ ގޭމިން މޮބައިލް އެޕެއް ފޭސްބުކުން ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ކަރަންޓީނުގައި ގިނަ ބަޔަކު ތިބެން ޖެހިފައިވާތީ މި ފޫހި ދަނޑިވަޅުގެ ތެރޭގައި ފޫހިފިލުވައިދޭން ހާއްސަ ގޭމިން މޮބައިލް އެޕެއް ފޭސްބުކުން ލޯންޗްކޮށްފި އެވެ.

"ފޭސްބުކް ގޭމިން" ގެ ނަން ދިފައިވާ މި އެޕް މި ވަގުތު ބޭނުންކުރެވެނީ ހަމައެކަނި އެންޑްރޮއިޑްގެ އަހުލުވެރިންނަނަށް ކަމަށް ވިޔަސް އައިއޯސް ޑިވައިސްތަކުގައި ވެސް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ގޭމިން އެޕަކީ އޮންލައިން ގޭމްތައް ސްޓްރީމްކުރެވޭ އެހެން ޕްލެޓްފޯމްތަކުގައި ވެސް ހުންނަ ފީޗާތައް އެކުލެވޭ އަދި ފޭސްބުކާއި ފޭސްބުކް މެސެންޖާގެ ތެރޭގައި ހުރި ކުޅެލެވޭ ގޮތަށް ހުރި ގޭމްތަކާ އެއްގޮތަށް ބޭނުންކޮށްލެވޭނެ އެޕެކެވެ.

މީގެ އިތުރުން "ފޭސްބުކް ގޭމިން" މެދުވެރިކޮށް ކުޅޭ މީހުންނަށް އާއިލާ އާއި ރައްޓެހިންނަށް ވީޑިއޯތައް ޝެއާ ވެސް ކުރެވޭނެ އެވެ.

މި އެޕާ ބެހޭ ގޮތުން ފޭސްބުކް ގޭމިބްގެ ވައިސް ޕްރެޒިޑެންޓް ވިވެކް ޝަރުމާ ބުނީ ގޭމް ކުޅެވޭ އެޕެއް ލޯންޗްކުރީ ފެސްބުކްގެ އަހުލުވެރިންގެ އެދުމުގެ މަތިން ކަމަށެވެ.

"އަހަރެމެންގެ ސްޓްރީމާ ކޮމިއުނިޓީ މިފަދަ މޮބައިލް އެޕަކަށް ޑިމާންޑްކުރާތާ ވެސް މިހާރު ދުވަސްތަކެއްވެއްޖެ. އެހެންވެ މިއީ އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ބަލާފައި އެޕް ލޯންޗްކުރީ." އޭނާ ބުންޏެވެ. "އަހަރެމެން މިހާރު އެބަ މަސައްކަތްކުރަން ގޭމިން ކޮމިއުނިޓީ ބޭނުންވާ އެކި ކަހަލަ ގޭމްތައް މީގެ ތެރެއަށް ގެންނަން."

ފޭސްބުކްގެ އަމާޒަކީ "ފޭސްބުކް ގޭމިން" އަކީ އޮންލައިން ގޭމްތަކުގެ ޕްލެޓްފޯމްތަކުގެ ގޮތުގައި މަގުބޫލު ޔޫޓިއުބާއި ޓްވިޗް އަދި މައިކްރޮސޮފްޓް ފިކްޒާ ފަދަ އެއްޗިއްސާ ވާދަކުރެވޭ ވަރުގެ އެއްޗަކަށް ހެދުމެވެ.