Roadha Mihaaru
ސްރީ ލަންކާއަށް "ސޭފް ޓްރެވަލް" ސްޓޭމްޕް ލިބިއްޖެ

ސްރީ ލަންކާ އަށް "ސޭފް ޓްރެވަލް" ސްޓޭމްޕް ލިބިއްޖެ

11 އޯގަސްޓް 2020

ކޮވިޑް-19އާ ގުޅިގެން ޗުއްޓީ ހޭދަ ކުރުމަށް އެންމެ ރައްކާތެރި މަންޒިލްތަކަށް ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕް ސްރީ ލަންކާ އަށް ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19އާ ގުޅިގެން ޗުއްޓީ ހޭދަ ކުރުމަށް އެންމެ ރައްކާތެރި މަންޒިލްތަކަށް ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕް ސްރީ ލަންކާ އަށް ލިބިއްޖެ އެވެ.

މި ސްޓޭމްޕަކީ އދ.ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓިއޯ) އިން އެކުލަވާލައިފައިވާ ކައުންސިލުން، އެކި ގައުމުތަކުގައި ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައި ދެމުން އަންނަ ސްޓޭމްޕެކެވެ. މީގެ ސަބަބުން މި ވަގުތު ދަތުރުފަތުރު ކުރުމަށް އެންމެ ރައްކާތެރި ގައުމުތަކާއި އެންމެ ރައްކާތެރި ޓޫރިސްޓް ފެސިލިޓީތައް އެނގޭނެ އެވެ.

ލަންކާގެ ޓޫރިޒަމް ޗެއާޕާސަން ކިމަރްލީ ފަނާންޑޯ އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވިގޮތުގައި އެ ގައުމުގެ ސަރުކާރުން ވަނީ ކޮވިޑް-19އާ ދެކޮޅަށް ވަރުގަދަ ފިވަޅުތަކެއް އަޅައިފަ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގައި ވައިރަސް ފެތުރުން މަދުވެފައިވާއިރު މީގެ ސަބަބުން އެ ގައުމަކީ ޓޫރިސްޓުންނަށް މިވަގުތު ރައްކާތެރި މަންޒިލެއްކަން ކަށަވަރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލަންކާއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް އެ ގައުމުގެ ބޯޑަރު ހުޅުވައިފަ އެވެ. އަދި މިހާރު ހުރިހާ ފަންތިއެއްގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ޓޫރިޒަމް ޗެއާޕާސަން ވިދާޅުވި އެވެ.

ލަންކާގެ އިތުރުން އިޖިޕްޓާއި ޔޫކްރެއިން އާއި ތުރުކީ އާއި މޮރީޝަސް އާއި ޕެނަމާ އަދި ޕޯޗުގަލް ފަދަ މަޝްހުރު ޓޫރިސްޓު މަންޒިލްތަކަށް ވެސް މި ސްޓޭމްޕް ވަނީ ލިބިފަ އެވެ. ލަންކާއަކީ މި ސަރަހައްދުގައި ސޭފްޓީ ސްޓޭމްޕް މިހާތަނަށް ކާމިޔާބު ކުރި ހަމައެކަނި ގައުމެވެ.