Roadha Mihaaru

އެންއައިސީގެ ރައީސް ސުލައިމާން ވަކިކޮށްފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން، އެ ކޮމިޝަނުން ވަކިކޮށްފި އެވެ.

އެންއައިސީގެ ރައީސް ސުލައިމާން ވަކިކޮށްފި
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

10 އޯގަސްޓް 2020

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން، އެ ކޮމިޝަނުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން އެންއައިސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސަށް ލަފާދެއްވާފައިވާތީ އޭނާ ވަކިކުރަން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ނިންމާފައި ވަނީ ސުލައިމާންގެ އިތުރަށް އެ ކޮމިޝަނުގައި ދެން ތިއްބެވި ތިން މެމްބަރުން ވެސް ވަކިކުރާށެެވެ. ނަމަވެސް މަޖިލީހުން އެގޮތަށް ފާސްކުރުމުގެ ކުރިން އެ ތިން މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ސުލައިމާން ވަކިކުރަން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލީހުން ލަފާ އަރުވާފައި ވަނީ ޖުލައި 21ގަ އެވެ.

އެންއައިސީ އާ ބެހޭ ގޮތުުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވާ ބުނެފައި ވަނީ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަަމަށް ގަބޫލުކުރުމާ އެކުގައި ވެސް އެ މައްސަލަ ނުބަލާ އޮތް އޮތުމަކީ އެންއައިސީން މެމްބަރުން ވަކިކުރަން ޖެހޭ އެއް ސަބަބެއް ކަމަށެވެ.

މީގެ އިތުރުން، މާލޭގެ ގެެއެއްގެ ތެރޭގައި ފުލުހުން އާއްމުންގެ މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއް ނުބެލި ދިގުލައިގެން ދިއުން ވެސް ހިމަނާފައި ވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެންއައިސީގެ ހިދުމަތް މެދު ނުކެނޑި ދެވޭނެ ގޮތުގެ ތަފްސީލު ހޯދަން ކޮމިޓީން އެދުނު ކަމަށާއި އެ މައުލޫމާތު ވެސް ދީފައި ނުވާ ކަމަށް ރިޕޯޓުގައި ވެ އެވެ.

އެންއައިސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ގައި އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016 ގަ އެވެ.