Roadha Mihaaru

އެންއައިސީގެ މެމްބަރުކަމަށް ހަތަރު ބޭފުޅުން އައްޔަންކުރައްވައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު މެމްބަރަކު މިއަދު އައްޔަންކުރައްވައިފި އެވެ.

އެންއައިސީގެ މެމްބަރުކަމަށް 4 ބޭފުޅުން އައްޔަންކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

26 އޮކްޓޯބަރ 2020

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު މެމްބަރަކު މިއަދު އައްޔަންކުރައްވައިފި އެވެ.

އެ ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް އައްޔަންކޮށްފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މުއާމަލާތްތައް ފަޅާ އަރުވައިލި، ޅ. ނައިފަރު، ނިކަގަސްދަށުގެ، ގާސިމް އަބްދުލްކަރީމާއި މ. ޕިސްތާގެ އާމިނަތު ޝާދިޔާ އާއި ގ. ދޫރެސްވިލާ އާޝިޔަތު ޝިއުނާ އަދި ޖޭއެސްސީގެ ކުރީގެ މެމްބަރު، ދަފްތަރު ނަމްބަރު ރސ 1188، ޝުއައިބު އަބްދުއްރަހްމާނެވެ.

އެ ހަތަރު ބޭފުޅުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހު ފާސްކޮށްފަ އެވެ.

އެންއައިސީ އުފެއްދީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށް ފަހުގަ އެވެ. އެކަމަކު ސެޕްޓެމްބަރު 6، 2015 ގައި ތަސްދީގުކުރި ގާނޫނުގެ ދަށުން ޕޮލިހާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަނަލް ސާވިސްއާ ގުޅޭ މައްސަލަތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައި ވެ އެވެ.

އެ ކޮމިޝަންގައި ތިއްބެވި ހަތަރު މެމްބަރަކު ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށް އެންއައިސީން މިދިޔަ ޖުލައި މަހު ތިން މެމްބަރަކު އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ނުދެއްވުމުން އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލެއިމާން ވަނީ މިދިޔަ އޮގަސްޓް މަހު ވަކިކުރައްވައިފަ އެވެ. އެހެންވެ އެ ކޮމިޝަންގައި މިއަދާ ހަމައަށް ހުންނެވީ، ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އެކަންޏެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.