16 ފެބުރުއަރީ 2023
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިސް ރަށްވެހިންނަށް އިޖުތިމާއީ މަރުކަޒުތަކެއް މުޅި ރާއްޖޭގައި ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިސް ރަށްވެހިންނަށް އިޖުތިމާއީ މަރުކަޒުތަކެއް މުޅި ރާއްޖޭގައި ގާއިމު ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމާ ހަމައިން އެކަން ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
އެ ބޭފުޅުންނަށް ރަނގަޅު ގޮތްތަކެއް ދައުލަތުން ހަމަޖައްސައިދީ، އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިސް ރަށްވެހިން އެއް ތަނަކުން ބައްދަލުވެ އުފާވެރިކަމާއެކު ވަގުތު ހޭދަކޮށްލައި އުޅެވޭ ފަދަ މާހައުލެއް ގާއިމް ކޮށްދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އިސް ރަށްވެހިންގެ އިޖްތިމާއީ މަރުކަޒުތަކެއް މާލެ އާއި އަތޮޅުތެރޭގައި ގާއިމް ކުރައްވަން ނިންމާފައިވާ ކަމަށެވެ.
އެ ބޭފުޅުން އެ ތިއްބެވީ ދޮށީ އުމުރުގައި ނަމަވެސް ގައުމު ހޯދާފައިވާ ތަރައްގީ އާއި ކުރިއެރުމުގެ އަސްލަކީ އެ ބޭފުޅުންގެ ޒުވާންކަމުގެ ހަކަތަ އާއި ބުންވަރު -- ރައީސް
"ތީގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ނާދީ ތަމައްދުންގެ ވާހަކަ. ނާދީ ހުރި ބިމުގައި އަދި ފަހުން ރައްޔިތުންގެ މަޖިލިސް ހިންގި އިމާރާތުގައި އެފަދަ މަރުކަޒެއް ގާއިމް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މި އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެ މަރުކަޒުތަކުގެ ބޭނުމަކީ އިސް ރަށްވެހިންނަށް ދޭން ޖެހޭ ހައްގު ގަދަރާއި އިހުތިރާމް ހޯދައިދިނުމަށް މަގުފަހި ކުރުމާއި އެ މީހުންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އިސް ރަށްވެހިންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ކޮށް އެ މީހުންގެ ތަޖުރިބާ ޒުވާން ޖީލަށް ފޯރުކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ ގައުމީ އިނާމް ދިނުމުގެ ޖަލްސާ --ފޮޓޯ: ރައީސް އޮފީސް
"އިޖްތިމާއީ މަރުކަޒުތައް ގާއިމް ކުރުމުން އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާ ކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ޝަރަފުވެރިކަމުގެ އިނާމެއް ދޭން ފެށީ މި ސަރުކާރުންނެވެ.
ރައީސް ވިދާޅުވީ މިހާތަނަށް އެ ޝަރަފު ނޭރުވޭ ބޭފުޅުންގެ އަދަދު އެ މަނިކުފާނު ބެއްލެވި އިރު އަދިވެސް އެ އަދަދު 70 އާ ގާތް ކުރާ ކަމަށެވެ. އެ ޝަރަފު އަރުވަން ދިމާވާ ދަތިކަމަކީ އެ ބޭފުޅުންގެ އަތްޕުޅުގައި ހިދުމަތާ ބެހޭ ރެކޯޑުތައް މިހާރު ނެތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް
"ބައެއް އޮފީސްތައް އުވާލެވިގެން ދިޔައިރު އެ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތެއް ވެސް ނެތް. އިނާމަށް ނަން ހުށަހެޅުމަށް މުއައްސަސާތަކަށް ގިނަ ދަތިތައް ކުރިމަތިވޭ. ބައެއް ބޭފުޅުން އަމިއްލަފުޅަށް ނަން ހުށަހަޅަން ބޭނުންފުޅު ނުވުމަކީ ވެސް ދިމާވާ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.
އެކަން ހައްލު ކުރުމުގެ ގޮތުން ދައުލަތަށް 45 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ބޭފުޅުންގެ ރެކޯޑުތައް ގައުމީ އިނާމާބެހޭ ކޮމިޓީ އަށް ހުށަހަޅައިގެން އެ ހުރިހާ ބޭފުޅުންގެ އަގު ވަޒަން ކުރަން ގަސްދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ބޭފުޅުން އެ ތިއްބެވީ ދޮށީ އުމުރުގައި ނަމަވެސް ގައުމު ހޯދާފައިވާ ތަރައްގީ އާއި ކުރިއެރުމުގެ އަސްލަކީ އެ ބޭފުޅުންގެ ޒުވާންކަމުގެ ހަކަތަ އާއި ބުންވަރު،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި 86 ބޭފުޅަކަށް މިރޭ އިނާމު ދިނެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިނިސްޓަރު ނަސީމަށް
މި އަހަރު ގައުމީ އިނާމު 32 ބޭފުޅަކަށް
ގައުމީ އިނާމު 58 ބޭފުޅަކަށް
ގައުމީ އިނާމު މި އަހަރު 14 ބޭފުޅަކަށް
ގައުމީ އިނާމް، ގައުމީ ދުވަހު ދޭ ގޮތަށް ބަދަލުކޮށްފި
ގައުމީ އިނާމާ ބެހޭ ކޮމިޓީން އަނީސާ އިސްތިއުފާދެއްވައިފި
ދުވަސްވީ މީހުންގެ އެލަވަންސް 7،000އަށް ބޮޑުކޮށްފި
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 148 ބޭފުޅަކަށް
ދައުލަތަށް ހިދުމަތްކުރުން އުފަލަކަށް ހަދަންޖެހޭ: ރައީސް
ޝަރަފުގެ އިނާމު 4، ހިތްވަރުގެ އިނާމު 17 ބޭފުޅަކަށް