Roadha Mihaaru
ގައުމީ އިނާމު މި އަހަރު 14 ބޭފުޅަކަށް

ގައުމީ އިނާމު މި އަހަރު 14 ބޭފުޅަކަށް، ޖަލްސާ އޮންނާނީ ޖުމްހޫރީ މައިދާނުގައި

25 ޑިސެމްބަރ 2020

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު 14 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު 14 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުން ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދިނުމަށް، ރައީސް އުފައްދަވާފައިވާ ގައުމީ އިނާމާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މި ފަހަރު ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 20 ބޭފުޅަކަށް ދިނުމަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެެވެ.

ރައީސް ދެއްވާ މެޑަލް ހާސިލް ކުރައްވާނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލް ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީން ކޯހުން އެންމެ މަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި ބައިނަލްއަގުވާމީ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވާ ހަ ބޭފުޅަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ޤުރްއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވި ހަތަރު ހާފިޒުންނަށް ވެސް ރައީސް ދެއްވާ ހާއްސަ މެޑަލް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބޭފުޅުންނަށް އިނާމު ދިނުމަށް މާދަމާ ރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ޖަލްސާއެއް އޮންނާނެ އެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކޮށް ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ސުނާމީގެ ކާރިސާގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުން އޮންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި އަހަރު ގައުމީ އިނާމު ދިނުމަށް 33 ދާއިރާއެއް ކަނޑައަޅާފައިވާއިރު، ނަން ހުށަހަޅާފައި ވަނީ 26 ދާއިރާއަކަށެވެ. އަދި 94 ފަރާތަކުން އެ އިނާމަށް ހުށަހަޅާފައިވެ އެވެ.

މި އިނާމު އެންމެ ފުރަތަމަ 1997 ވަނަ އަހަރުގައި ދޭން ފެށީ ސަރުކާރުގެ އިނާމުގެ ނަމުގަ އެވެ. އިނާމުގެ ނަން ގައުމީ އިނާމަށް ބަދަލުކުރީ 2009 ވަނަ އަހަރު އެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން މި އިނާމު ދެނީ ގައުމީ ދުވަހު ބާއްވާ ރަސްމިއްޔާތެއްގަ އެވެ.