Roadha Mihaaru
ކޮވިޑް-19: ހިތަދޫގެ ސްކޫލްތައް ބަންދުކޮށްފި

ކޮވިޑް-19: ހިތަދޫގެ ސްކޫލްތައް ބަންދުކޮށްފި

09 އޯގަސްޓް 2020

ސ. ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާ ގުޅިގެން، އެ އަވަށުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ދުވަހަށް ބަންދު ކުރަން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސ. ހިތަދޫން ބިދޭސީއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާ ގުޅިގެން، އެ އަވަށުގެ ސްކޫލްތައް ކުރިއަށް އޮތް ދެ ދުވަހަށް ބަންދު ކުރަން ނިންމައިފި އެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)، "މިހާރު" އަށް ވިދާޅުވީ ހިތަދޫގެ ސްކޫލްތައް ހޯމަ ދުވަހާއި އަންގާރަ ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަތޮޅުގެ އެހެން އަވަށްތަކުގެ ސްކޫލްތަކުގައި އާއްމު އުސޫލުން ކިޔަވައިދޭނެ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

ހިތަދޫގައި ހަތް ސްކޫލް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލާއި ޕްރައިމަރީ ސްކޫލްތަކުގެ އިތުރުން ސެކަންޑްރީ ސްކޫލްތައް ހިމެނެ އެވެ.

ހިތަދޫގައި ހިންގާ އައްޑޫ ހައި ސްކޫލްގައި ހަދާ އިމާރާތެއްގެ މަސައްކަތުގައި އުޅޭ ބިދޭސީއަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވިއިރު، މާލޭން އައްޑު އަށް ގޮސް ހޯމް ކަރަންޓީނުގައި ފޭދޫގައި ހުރި ފުލުހަކު ވެސް ރޭ ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ، މިކަމާ ގުޅިގެން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އެ ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ހިތަދޫން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ އަވަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފަ އެވެ. ހިތަދޫ ބަންދުކުރިއިރު، އެއީ އައްޑޫގައި ދައުލަތުގެ މުހިންމު މުއައްސަސާތަކެއް ހިންގާ ރަށެކެވެ. އޭގެ ތެރޭގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކޮވިޑް މެނޭޖްމަންޓް ސެންޓަރާއި ބައެއް މިނިވަން މުއައްސަސާތަކުގެ އޮފީސްތައް ފަދަ ތަންތަން ހިމެނެ އެވެ.

އައްޑޫގައި އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލޭން އައްޑު އަށް ގޮސް ގަމުގެ އީކްއޭޓަ ވިލެޖްގެ ކަރަންޓީނުގައި ހުރި ދުވަސްވީ އަންހެނެކެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.