Roadha Mihaaru
ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

02 އޯގަސްޓް 2020

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ރޭ މަރުވެއްޖެ އެވެ. މިއީ ރާއްޖެ އިން އެ ބަލީގައި މަރުވި 17 ވަނަ މީހާ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ރޭ މަރުވެއްޖެ އެވެ. މިއީ ރާއްޖެ އިން އެ ބަލީގައި މަރުވި 17 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެއީ ނޭވާލާން އުނދޫވެގެން އިއްޔެ ހަވީރު 4:40 ގައި އައިޖީއެމްއެޗުގެ އިމަޖެންސީ ބަޔަށް ދިޔަ އުމުރުން 52 އަހަރުގެ އަންހެނެއް ކަމަށެވެ. ސ. ހިތަދު އަށް އުފަން އެ އަންހެންމީހާގެ ހިތުގެ މައްސަލަތައް ވެސް ހުންނަ ކަމަށް ވެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 71 އަހަރުގެ އަންހެނަކު ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަރުވެފަ އެވެ. އެއީ ވެސް ނޭވާލާން އުނދަގޫ ވެގެން އެ ދުވަހުގެ ހެނދުނު އައިޖީއެމްއެޗްގެ އީއާރުން ފަރުވާ ހޯދަން ދިޔަ މީހެކެވެ. އޭނާ މަރުވެފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ހާއިރު އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖޭން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ހަ ބިދޭސީއެކެވެ.

ރާއްޖެއިން މިހާރު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،949 އަށް އަރައިފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ތިން މަހެއްހާ ދުވަހަށް އިއުލާންކުރި ލޮކްޑައުން އަށް މިހާރު ދީފައިވާ ބޮޑު ލުޔާ އެކު، އެ ބަލި ޖެހޭ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް އަލަށް 134 ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިއީ އެއް ދުވަހެއްގައި މިހާ ގިނަ ދިވެހިންނަށް އެ ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި އެ ބަލި ފެތުރޭ މިންވަރު އިތުރުވުމުން، މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ސަރުކާރުން ވަނީ މިހާރު މަޖުބޫރު ކޮށްފަ އެވެ. އެއާ ޚިލާފުވާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރެ އެވެ.