Roadha Mihaaru
ޗެލްސީއާ މެދު ވިލިއަން ހިތްހަމަނުޖެހިފައި

ޗެލްސީއާ މެދު ވިލިއަން ހިތްހަމަނުޖެހިފައި

08 އޯގަސްޓް 2020

ލަންޑަން (އޮގަސްޓް 8) - އެހެން ކްލަބަކަށް ބަދަލުވުމާ މެދު ވިސްނަން ފެށި ހިސާބުން ޗެލްސީން އޭނާއާ މެދު ކަންތައްތައް ކުރި ގޮތާ މެދު ވިލިއަން ހިތްހަމަނުޖެހިފައި ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (އޮގަސްޓް 8) - އެހެން ކްލަބަކަށް ބަދަލުވުމާ މެދު ވިސްނަން ފެށި ހިސާބުން ޗެލްސީން އޭނާއާ މެދު ކަންތައްތައް ކުރި ގޮތާ މެދު ވިލިއަން ހިތްހަމަނުޖެހިފައި ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަތް އަހަރު ޗެލްސީ އަށް ކުޅެދިން ވިލިއަން މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާގައި އެންމެ ބޮޑަށް ވާހަކަ ދެކެވެން ފެށީ ކޮވިޑް-19ގެ މެދުކެނޑުމުގެ ތެރޭގަ އެވެ. މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ވިލިއަން އެ ކްލަބާ އެކު އެއްބަސްވުން އާ ކުރަން ޑިމާންޑްކުރި ދެ ކަމަކީ ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށާއި ސީޒަނެއްގައި ވަކި އަދަދަކަށް މެޗުތަކުން ފުރުސަތު ދޭ ގޮތަށް ކޮންޓްރެކްޓްގައި ހިމެނުމަށެވެ. އެކަމަކު އެ ދެ ކަންތަކުން ކުރެ އެއްވެސް ކަމެއް ފުރިހަމަކޮށްދޭން ޗެލްސީން ބޭނުންނުވިއިރު، ފަހުން އޭނާއާ އިތުރަށް އެއްވެސް ކަމަކަށް މަޝްވަރާކޮށްފައެއް ނުވެ އެވެ.

ވިލިއަންގެ އޭޖެންޓް ކިއާ ޖޫރަބްޗިއާންއާ ހަވާލާދީ އީއެސްޕީއެން ބްރެޒިލް އިން ރިޕޯޓްކުރާ ގޮތުގައި އެފްއޭ ކަޕްގެ ފައިނަލުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗާއި ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން މިއުނިކާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ވިލިއަން ކުޅެން ބޭނުންވި އެވެ. އެކަމަކު އެ ދެ މެޗަށް އޭނާގެ ފިޓްނަސް ރަނގަޅުނުވާނެ ކަމަށް ބުނެ ޓީމުން ބާކީކުރަން ނިންމުމުން ވިލިއަން ހުރީ އެކަމާ ހިތްހަމަ ނުޖެހިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އުމުރުން 31 އަހަރުގެ ވިލިއަން ވަނީ މިހާރު އާސެނަލަށް ބަދަލުވުމަށް ހުރިހާ މަޝްވަރާތަކެއް ނިންމާލައިފަ އެވެ. އެ ގޮތުން އޭނާ އާސެނަލާ އެކު ސޮއިކުރާނީ ހަފްތާ އަކު 100،000 ޕައުންޑް ލިބޭ ގޮތަށް ތިން އަހަރަށެވެ. ޗެލްސީން މިދިޔަ މަހު ކުރީކޮޅު ވިލިއަން އަށް ހުށަހެޅީ ހަފްތާ އަކު 140،000 ޕައުންޑް ލިބޭ ގޮތަށް ދެ އަހަރުގެ ކޮންޓްރެކްޓެކެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ވިލިއަން އާސެނެލްއަށް ސޮއިކުރާނެ އެވެ. އަދި އޭނާއާ އެކު ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ ވެސް އާސެނަލާ ގުޅުމުގެ ފުރުސަތު ބޮޑެވެ. ވިލިއަން އެކޭ އެއްގޮތަށް ކުޓީނިއޯގެ އޭޖެންޓަކީ ވެސް ކިއާ އެވެ. އޭނާ އަކީ އާސެނަލްގެ ޓެކްނިކަލް ޑިރެކްޓަރު އެޑޫއާ ގާތްގުޅުމެއް އޮންނަ މީހެކެވެ.

ރަޝިއާގެ އަންޒީ މަކަޗްކާލާ ދޫކޮށް 2013 ވަނަ އަހަރު ވިލިއަން ޗެލްސީ އަށް ބަދަލުވީ 30 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށެވެ. އޭނާ ވަނީ އެ ޓީމަށް 339 މެޗު ކުޅެދީފަ އެވެ. އަދި އެ މުއްދަތުގައި ޕްރިމިއާ ލީގު ދެ ފަހަރާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ. ފަހަކަށް އައިސް އާސެނަލުން އަންނަނީ ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ގަންނަމުންނެވެ. އެ ގޮތުން ޕީޓަ ޗެކާއި ޑޭވިޑް ލުއިޒް ވެސް ވަނީ ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެފަ އެވެ.