Roadha Mihaaru
ޗެލްސީގައި އޮތް ހުރިހާ ގޯހެއް ނެރެ ދައްކައިފި

އާސެނަލުން ޗެލްސީގައި އޮތް ހުރިހާ ގޯހެއް ނެރެ ދައްކައިފި

24 އެޕްރީލް 2024

ލަންޑަން (އޭޕްރީލް 24) – ބޮޑު ބައްޔަކުން ބަލިކޮށް، ޗެލްސީގައި އޮތް ހުރިހާ ގޯހަކާއި ރޭވުންތެރިން ކަމެއް ނެތް ޕްލޭން އާސެނަލުން ނެރެ ދައްކައިފި އެވެ.

ލަންޑަން (އޭޕްރީލް 24) – ބޮޑު ބައްޔަކުން ބަލިކޮށް، ޗެލްސީގައި އޮތް ހުރިހާ ގޯހަކާއި ރޭވުންތެރިން ކަމެއް ނެތް ޕްލޭން އާސެނަލުން ނެރެ ދައްކައިފި އެވެ.

ޓްރާންސްފާ އަށް ބިލިއަނެއްހާ ޑޮލަރު ހޭދަ ކުރިއަސް، ޕްލޭނަށް ނުފެތޭ ކުޅުންތެރިން ގެނެސްގެން ކާމިޔާބެއް ނުހޯދޭނެކަން، މެޗުން ޗެލްސީ އަށް އަންގައި ދިނެވެ.

"ކަލޭމެންގެ ޖޯޒީއެއް، އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުން ވަނީ އަހަރެމެންނައްޓަކައި ކަލޭމެން ވަރުގަދަ އަށް މަސައްކަތްކޮށް ކާމިޔާބު ހޯދަން،" މިއީ، ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ޗެލްސީގެ ސަޕޯޓަރުން ތިބި ފަޅީގައި ހުރި ޒުވާން ސަޕޯޓަރަކު ހިފަހައްޓާލައިގެން އިން ޕޯސްޓަރެއްގައި ލިޔެފައިވާ އިބާރާތްތަކެވެ. އެކަމަކު އެ ޒުވާން ސަޕޯޓަރުންގެ އެ އެދުމަށް ޗެލްސީ އަށް ޖަވާބެއް ނުދެވުނެވެ. ޗެލްސީގެ ރޭވުންތެރި ކަމެއް ނެތްކަން އިތުރަށް ހާމަވި ލިއަންޑްރޯ ޓްރޮސާޑާއި ކައި ހަވާޒް، އާސެނަލް އަށް ލަނޑުތައް ޖަހައި ދިނުމުންނެވެ.

އާސެނަލްއިން ޓްރޮސާޑް ސޮއި ކުރުވީ ޖެނުއަރީ 2023 ގަ އެވެ. އެއީ މިކައިލޯ މުޑްރީކް ހޯދަން އެ ކްލަބުން ކުރި މަސައްކަތުގައި ޗެލްސީން ޓްރާސްފާގެ ރޭހަށް ވަދެ އޭނާ ސޮއި ކުރުވުމުންނެވެ. ޗެލްސީން އޭނާ ސޮއި ކުރުވަން ޝަކްޓާ ޑޮނެސްކަށް 88.5 މިލިއަން ޕައުންޑް ދިނެވެ. ބަދަލުގައި އާސެނަލްއިން ވިސްނުން ބަދަލުކޮށް ޓްރޮސާޑް ސޮއި ކުރުވި އެވެ. އެ ޓްރާންސްފާ އަށް ހޭދަ ކުރީ 27 މިލިއަން ޔޫރޯ އެވެ.

ހޫނުމޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ޗެލްސީން ކުރި ބޮޑު ހޭދައިގެ ސަބަބުން ހަރަދު ކުޑަކުރަން ހަވާޒް، 67.5 މިލިއަން ޕައުންޑަށް އާސެނަލް އަށް ވިއްކާލި އެވެ.

މުޑްރީކަށް ވުރެ ޓްރޮސާޑްގެ ދައުރު ފެންނަނީ ބޮޑުކޮށެވެ. ހަވަޒްގެ ބޭނުން އެންމެ ރަނގަޅަށް ހިފަން އެނގުނީ އާސެނަލް އަށެވެ.

ރޭގެ މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ ޓްރޮސާޑެވެ. ޑެކްލަން ރައިސް ދިން ފުރުސަތަކުން ޓްރޮސާޑް ވަނީ މެޗު ފެށިގެން ހަތްވަނަ މިނެޓްގައި އާސެނަލް އަށް ލަނޑު ޖަހައި ދީފަ އެވެ.

ފަސް ލަނޑުގެ ތެރެއިން އަނެއް ހަތަރު ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ. ހަވާޒް އާއި ބެން ވައިޓް ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހި އެވެ.

މޮޅާ އެކު އާސެނަލް ވަނީ، ކުރިން އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން ފެއަށް ޖެހި އެއްވަނަ މަގާމުގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ދެވަނައިގައި އޮތީ ލިވަޕޫލެވެ. ސިޓީން މެޗު ކުޅެފައި ވަނީ އެ ދެ ޓީމަށް ވުރެ މަދުންނެވެ. އާސެނަލް ވަނީ ސިޓީ އަށް ވުރެ އިތުރަށް ދެ މެޗު ކުޅެފަ އެވެ.