Roadha Mihaaru
ތައިލެންޑުން "ޓްރެވަލް ބަބްލް" ހެދުން ފަސްކޮށްފި

ތައިލެންޑުން "ޓްރެވަލް ބަބްލް" އެއްބަސްވުންތައް ފަސްކޮށްފި

07 އޯގަސްޓް 2020

ތައިލެންޑުން އޭޝިއާގެ އެކި ގައުމުތަކާ އެކު ހަދަން އުޅުނު "ޓްރެވަލް ބަބްލް" އެއްބަސްވުންތައް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ތައިލެންޑުން އޭޝިއާގެ އެކި ގައުމުތަކާ އެކު ހަދަން އުޅުނު "ޓްރެވަލް ބަބްލް" އެއްބަސްވުންތައް ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

"ޓްރެވަލް ބަބްލް"އަކީ ދެ ގައުމެއްގެ ދޭތެރޭގައި ވަކި އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓުން ދަތުރުފަތުރު ކުރުމެވެ. މި އެއްބަސްވުމުގެ ދަށުން އެއްގައުމުން އަނެއް ގައުމަށް ދާ މީހުން ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުން މިހާރު ބޭނުން ކުރަމުން އަންނަ ކޮންސެޕްޓެކެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން "ޓްރެވަލް ބަބްލް" އެއްބަސްވުން އޭޝިއާގެ އެކި ގައުމުތަކާއެކު ވުމަށް ތައިލެންޑުން އޮތީ ތައްޔާރުވެފަ އެވެ. ނަމަވެސް މި ސަރަހައްދުގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު އެ އެއްބަސްވުންތައް މަޑުޖައްސާލީ ކަމަށް އެ ގައުމުގެ ކޮރޯނާވައިރަސް ޓާސްކްފޯސްގެ ތަރުޖަމާނު ތަވީސިން ވަނީ ބޭރުގެ ނޫސްތަކަށް ވިދާޅުވެފަ އެވެ.

ތަވީސިން ވިދާޅުވިގޮތުގައި ޓްރެވަލް ބަބްލްއެއް ހެދުމަށް އެ ގައުމުން ނިންމީ ޖަޕާނާއި ހޮންކޮންގާއި ސައުތު ކޮރެއާއާ އެކުގަ އެވެ. ނަމަވެސް އެ ގައުމުތަކުގެ ކޭސްތައް މިހާރު ވަނީ ކުރިއާ އަޅާ ބަލާއިރު ދެ ގުނައަށް އިތުރުވެފަ އެވެ. އެހެންކަމުން މި ވަގުތު އެ ގައުމުތަކަށް ދިއުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ތައިލެންޑަކީ ރާއްޖޭގެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށާއި ވިޔަފާރި ކުރުމަށް ދާ ގައުމެކެވެ. އެގޮތުން އެ ގައުމުގެ ވެރިރަށް ބެންކޮކަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ދާ އެއް މަންޒިލެވެ. ނަމަވެސް އެ ގައުމުން ރާއްޖެއާ އެކު ޓްރެވަލް ބަބްލް އެއްބަސްވުމެއް ނުހަދާ ނަމަ ރާއްޖެ އިން އެ ގައުމަށް ދަތުރެއް ނުކުރެވޭނެ އެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޓޫރިސްޓުންނަށް އެންމެ ރައްކާތެރި އެއް ގައުމަކީ ރާއްޖެ ކަމުގައި ޓްރެވަލް އެޖެންޓުން ގަބޫލު ކުރި ނަމަވެސް މިހާތަނަށް އެކި ގައުމުުތަކުން ދަތުރުފަތުރުގެ ލުއި ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ. އެކި ގައުމުތަކުން ބުނާ ގޮތުގައި ލިސްޓުގައި ރާއްޖެ ނުހިމެނެނީ އެ ގައުމުތަކުން އެކުލަވާލާފައިވާ ކްރައިޓީރިއާ އަށް ރާއްޖެ ނުފެތޭތީ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު ޖުލައި މަހު ރާއްޖެ އައީ 1،769 ޓޫރިސްޓުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫކޭ އިންނެވެ.