Roadha Mihaaru
ރާއްޖޭގެ ނަން ބޭނުންކުރި ތައިލެންޑްގެ ރިސޯޓް ބަންދު

ރާއްޖޭގެ ނަން ބޭނުންކޮށްގެން އިސްތިހާރު ކުރި ތައިލެންޑްގެ ރިސޯޓެއް ބަންދުކޮށްފި

07 ނޮވެމްބަރ 2018

ރާއްޖޭގެ ނަން ބޭނުންކޮށްގެން އިސްތިހާރުކޮށް، މަޝްހޫރުކަން ހޯދާފައިވާ ތައިލެންޑްގެ ރިސޯޓެއް އެ ގައުމުގެ ސަރުކާރުން ބަންދުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ނަން ބޭނުންކޮށްގެން އިސްތިހާރުކޮށް، މަޝްހޫރުކަން ހޯދާފައިވާ ތައިލެންޑްގެ ރިސޯޓެއް އެ ގައުމުގެ ސަރުކާރުން ބަންދުކޮށްފި އެވެ.

"މޯލްޑިވްސް އޮފް ޗަންތަބޫރީ"ގެ ނަމުގައި ތައިލެންޑް މީހުންގެ މެދުގައި މަޝްހޫރުވެފައިވާ ރިސޯޓު އެ ގައުމުގެ ސަރުކާރުން ބަލައި ފާސްކޮށް ބަންދުކުރި ނަމަވެސް، އެ ރިސޯޓް ބަންދުކުރީ ރާއްޖޭގެ ނަން ބޭނުންކުރާތީ އެކަން މަސައްލަައަކަށް ވެގެންނެެއް ނޫނެވެ.

ތައިލެންޑްގެ ނޫސްތަކުން ބުނީ ތައިލެންޑް ސަރުކާރުން އެ ރިސޯޓް ބަންދުކުރީ ހުއްދަ ނުހޯދައި މޫދު ކޮޓަރިތައް އަޅާފައިވާތީ އާއި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ޖަންގަލީގެ ސަރަހައްދު ބޭނުންކޮށްފައި ވާތީ ކަމަށެވެ. ތައިލެންޑް މީހުންގެ މެދުގައި މަގުބޫލު ތަނަކަށް އެ ތަން ވީ ވެސް އެ ކޮޓަރިތައް ހެދުމުންނެވެ.

ނަމަވެސް ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ މީހުން ވަނީ އެ ކޮޓަރިތަކާ ބެހޭ ގޮތުން ތައިލެންޑްގެ މެރިން އެންޑް ކޯސްޓަލް ރިސޯސަސް ޑިޕާޓްމަންޓަށް ޝަކުވާ ހުށަހަޅައިފަ އެވެ.

ރިސޯޓުގެ ވެބްސައިޓްގައި އެތަނުގެ ނަމެއްގެ ގޮތުގައި ލިޔެފައި ވަނީ "ދަ މޯލްޑިވްސް ބީޗް ރިސޯޓް" މިހެންނެވެ. ވެބްސައިޓްގައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ތަނަށް ވަންނަން ހުންނަ މައި ދޮރާށީގައި ބޮޑުކޮށް ލިޔެފައި ހުރީ "މޯލްޑިވްސް" އެވެ.

ތައިލެންޑްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނީ އެ ރިސޯޓްގައި ހަދާފައިވާ 15 ބަންގަލޯގެ ތެރެއިން ނުވަ ބަންގަލޯ ހަދާފައި ވަނީ ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަ ގޮތަށް މޫދުގައި ކަމަށެވެ.

އެއީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިރުމަތީގައި ޗަންތަބޫރީ ކޯރުގެ އައްސޭރީގައިވާ ޗަންތަބޫރީ ނަމަކަށް ރަށުގައިވާ ރިސޯޓެކެވެ.